އިދްލިބުގައި ހަނގުރާމަ ގަދަވަމުންދާއިރު، ޔޫރަޕްގެ ބާރުތަކުން މަސްރަހު ފިނިކުރެވޭތޯ މަސައްކަތްކުރަނީ

އިދްލިބުގައި ކުރިއަށްދާ ހަނގުރާމައިގައި އިދިކޮޅު ހަނގުރާމަވެރިން ރޮކެޓު ހަމަލާއެއް ދެނީ

ސީރިޔާ (ސޫރިޔާ) ގެ ހުޅަނގުއުތުރު ޕްރޮވިންސެއް ކަމުގައިވާ އިދްލިބް ހިފުމަށް ބައްޝާރުލް އަސަދުގެ ސަރުކާރުން ފަށާފައިވާ ވަރުގަދަ ހަމަލާގައި، ހަތަރު ފަރާތެއްގެ މެދުގައި އިއްޔެ ވަނި ވަރުގަދަ ކުރިމަތިލުންތަކެެއް ހިނގާފައެވެ. އިއްޔެ ބަދަލުކުރެވުނު ހަމަލާތަކުގައި ތުރުކީ ސިފައިންގެ ދެ މީހުން މަރުވެފައި ވެއެވެ. އަދި ތުރުކީން ބުނެފައި ވަނީ އެގައުމުގެ ސިފައިން ދިން ހަމަލާއެއްގައި ސީރިޔާ ސަރުކާރު ސިފައިންގެ 50 މީހުން މަރާލާފައިވާ ކަމުގައެވެ.

ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނި ގޮތުގައި އިއްޔެގެ ހަނގުރާމައިގައި ސީރިޔާ ސަރުކާރަށް ތާއީދުކުރާ ހަނގުރާމަވެރިންގެ 11 މީހުން މަރުވެފައި ވާއިރު، ތުރުކީގެ ތާއިދާއެކު ހަނގުރާމަވެރިންގެ ތެރެއިން 14 މީހުން ވަނީ މަރުވެފައެވެ.

ބައްޝާރުލް އަސަދުގެ ސަރުކާރާ ހަނގުރާމަކުރަމުންދާ އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ޕްރޮވިންސު، އިދްލިބް ހިފުމަށް ސީރިޔާ ސަރުކާރުން ދޭ ވަރުގަދަ ހަމަލާތަކުގައި ރަޝިޔާގެ ވައިގެ ސިފައިން ދަނީ ބައިވެރިވެ ވައިގެ ހަމަލާތައް ދެމުންނެވެ. އަނެއްކޮޅުން އިދްލިބް ދިފާއުކުރުމަށް ހަނގުރާމަކުރާ އިދިކޮޅު ލަޝްކަރު ސީރިއަން ނޭޝަނަލް އާމީ (އެސްއެންއޭ) ތުރުކީ ސިފައިން ދަނީ އެހީތެރިވަމުންނެވެ.

ރަޝިޔާގެ ރިކޮންސިލިއޭޝަން ސެންޓާ ފޯ ސީރިޔާ އިން އިއްޔެ ބުނި ގޮތުގައި ރަޝިޔާ ވައިގެ ސިފައިންގެ އެސްޔޫ-24 މަރުކާގެ މަތިންދާބޯޓުތަކުން އިއްޔެ ވަނީ އިދްލިބުގައި ތުރުކީގެ އެހީތެރިކަމާއެކު ހަނގުރާމަކުރަމުންދާ ހަނގުރާމަވެރިންގެ ގާފިލާއަކަށް ހަމަލާދީ ޓޭންކަކާއި، އިންފެންޓަރީ ފައިޓައިންގ 5 އުޅަނދާއި، ހަތިޔާރު ބަރާކޮށްފައިވާ 5 ޓްރަކް ހަލާކޮށްލާފައެވެ.

އިދްލިބުގެ ހަނގުރާމަ ގަދަވަމުން ދިއުމާއެކު، ޔޫރަޕްގެ ބޮޑު ދެ ބާރު ކަމުގައިވާ ޖަރުމަނާއި، ފްރާންސުން ވަނީ މަސްރަހު ފިނިކުރެވޭތޯ މަސައްކަތް ޕަށާފައެވެ. މިގޮތުން ޖަރުމަނުގެގެ ޗާންސެލާ އެންޖެލާ މާކެލްއާއި، ފްރާންސުގެ ރައީސު އެމާނުއެލް މެކްރޯން ވަނީ ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާއި، ތުރުކީގެ ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާންއާ ބައްދަލުކުުރައްވައި މަޝްވަރާކުރައްވަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. އެހެންނަަވެސް، މިފަދަ ބައްދަލުވުމެއް އަދި ހަމަޖެހިފައި ނުވެއެވެ.

އިދްލިބުގެ ހަނގުރާމަ ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލާ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހަށް ބުދަ ދުވަހު ހުށަހަޅަން ކުރެވުނު މަސައްކަތަށް ރަޝިޔާ ވަނީ ހުރަސްއަޅާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.