ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރެއް ނުކުރާނަން: އީސީ

މިއަހަރު އެޕްރީލް 4 ވަނަ ދުވަހު ބާއްވާ ލޯކަލްކައުންސިލް އިންތިޚާބުގައު ބައިވެރިންވާން ފޯމުހުށަހެޅުމަށް ދީފައިވާ މުއްދަތ އިތުރު ނުކުރައްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީން ދެއްވާފައިވާ މުއްދަތު ހަމަވާނީ މިއަދު 3:00 އަށެވެ. އޭގެ ފަހުން މުއްދަތު އިތުރު ކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފޯމު ހުށަޅަން މިއަދު އައި މީހުންގެ ޢަދަދުވެސް ވަރަށް މަދު ކަމަށެވެ. އެއީ ދޭހަކޮށްދެނީ ގިނަމީހުން ފޯމު ހުށަހަޅާފައިވާކަން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވާ މީހުންގެ ތެރެއިން ވެސް ގިނަ މީހުން މިހާރުވަނީ ފޯމު ހުށަހަޅާފައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ގިނަ އިންތިޚާބުތަކުގައި އީސީން ވަނީ ދީފައިވާ މުއްދަތު އިތުރުކޮށްދެއްވައިފައެވެ. މި އިންތިޚާބުގައި 986 ގޮނޑިއަށް ކެންޑިޑޭޓުން ވާދަކުރައްވާނެއެވެ. ޝަރީފް ވިދާޅުވީ އީސީން ބޭނުންވަނީ ވީހާވެސް ގިނަ މީހުން ކެންޑިޑެސީ ފޯމު ހުށަހެޅުން ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރުން އިންތިޚާބުކުރިން ވެސް އެޕްރީލް 4 ގައި އޮންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.