ބްރައުން ވިޑޯ މަކުނުތަކެއް ހުރައާއި ތުލުސްދޫއިން ވެސް ފެނިއްޖެ

ބްރައުން ވިޑޯ މަކުނުތަކެއް ކ. ހުރައާއި ތުލުސްދޫއިން ވެސް ފެނިއްޖެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އެ ދެރަށުން އެވައްތަރުގެ މަކުނުތައް މިފެނުނީ ކ. މާފުށިން ވެސް މި ބާވަތުގެ މަކުނުތައް ފެނި އެއީ ބްރައުން ވިޑޯ ކަމަށް ހެލްތު މިނިސްޓްރީން ކަށަވަރު ކޮށްދީފައި ވަނިކޮށްނެވެ. ހުރައާއި ތުލުސްދޫއިން މި މަކުނު ފެނުނީ މާފުށީން ފެނުނުތާ 24 ގަޑިއިރު ތެރޭގައެވެ.

ފުލުހުން ވިދާޅުވީ އެރަށްރަށުގެ ކައުންސިލަރުންނާއި ކަމާބެހޭ ފަރާތްތަކާއި ފުލުހުން ގުޅިގެން މިހާރު ގެންދަވަނީ މަކުނުތައް ނައްތާ ލުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ހެލްތު މިނިސްޓްރީގެ "ހެލްތު ވެކްޓަރ ޔުނިޓުން އަންގާފައިވަނީ މިބާވަތުގެ މަކުނެއް ނުވަތަ މަކުނުގެ ބިސް ފެނިއްޖެނަމަ ހަން ހުރަހެއް މެދުވެރިކޮށް ނެގުމަށްފަހު އަންދާލުމަށް،" ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިދުވަސްކޮޅަކީ ކ. އަތޮޅުގެ ބައެއް ރަށްރަށުން ނުރައްކާތެރި ބްރައުން ވިޑޯ ފެންނަމުންދާ ދުވަސްވަރަކަށް ވުމުން އެކަމަށް ރައްޔިތުން ސަމާލުވުމަށް ވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވައިފައެވެ.

ގޭތެރޭގައި އުޅޭއިރުވެސް، ގޮނޑި އަދި ޖޯލިފަތީގައި އިށީނުމުގެ ކުރީން މަކުނު ހާލި ހަދައިފައި ހުރިތޯ ރަނގަޅަށް ބަލައި ޗެކުކޮށް ޔަގީން ކުރުމަށްފަހު ނޫނީ ނުއިށީންނުމަށް ވެސް ފުލުހުންވަނީ އިލްތިމާސް ކުރައްވައިފައެވެ. "އަބަދުވެސް ރައްކާތެރިވެ ތިބުމަށް ހަނދުމަކޮށް އަރުވަން،" ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.