އޯޕެކުން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފި

އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމެންޓް (އޯޕެކް ފަންޑް) ގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ އައުޓަރ އައިލެންޑް ހާބަރޒް، ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީސް މަޝްރޫއަށް އޯޕެކް ފަންޑް އިން ނެގުމަށް ހަމަޖެހިފައިވާ 50,000,000 (ފަންސާސް މިލިއަން) އެމެރިކާ ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ލޯނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރެވެ. އޮޕެކް ފަންޑުގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑުގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ޢަބްދުލްހާމިދު އަލްޚަލީފާއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ލޯނަކީ 4.6% (ހަތަރެއް ޕޮއިންޓް ހައެއް އިންސައްތަ) އިންޓަރެސްޓް ރޭޓެއްގައި، 5 އަހަރުގެ ގްރޭސް ޕީރިއަޑާއެކު، 20 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ހަމަޖެހިފައިވާ ލޯނެއް ކަމަށެވެ.

އެ މިނިސްޓްރީން ވިދާޅުވީ އައުޓަރ އައިލެންޑް ހާބަރޒް، ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް ފެސިލިޓީސް މަޝްރޫއުގެ ދަށުން ރާއްޖޭގެ ރަށްތަކުގެ ބަނދަރުތަކުގެ ތެރެއިން، ގިނަދުވަސްވެ ރައްކާތެރިކަމާއެކު ބޭނުންކުރެވޭ މިންވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާ ބަނދަރުތައް އަލުން ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބ.ދޮންފަނު، ބ.ކުޑަރިކިލު، ބ.ކިހާދޫ، ގއ.ކޮލަމާފުށި އަދި ގއ.ހޯނޑެއްދޫ ބަނދަރުގެ ހާލަތު ދިރާސާކުރުމަށްފަހު އަލުން އާރާސްތުކުރުމަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.