ވެކްސިން ނުޖަހާ ތިބި ކުދިންގެ ދަފްތަރެއް މިހަފްތާ ނިމެންވާއިރަށް އެކުލަވާލެވޭނެ: މިނިސްޓަރ އަމީން

ހިމަބިހިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ނުޖަހާތިބި 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރު މި ހަފްތާ ނިންމެންވާއިރަށް އެކުލަވާލެވޭނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މާދަމާގެ ނިޔަލަށް އެ ލިސްޓުގެ ބޮޑުބައެއް ނިންމައިލެވޭނެ ކަމަށެވެ. "މި ހަފްތާ ނިމެންވާއިރަށް އެއްވެސް ރަށެއް އިސްތިސްނާ ނުވާގޮތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ނުޖަހައިތިބި އަށާރަ އަހަރުން ދަށުގެ ހުރިހާ ކުދިން މައުލޫނާތު އެކުލެވޭ ފުރިހަމަ ދަފްތަރެއް އެކުލަވާލައިފައި ދެން ރަށްރަށުގައި ތިބި ވެކްސިންނުޖަހާ ކުދިންނަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" މިނިސްޓަރ ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވެކްސިން ޖެހުމަށް ދެކޮޅު ހަދާމީހުން ވެސް އަވަހަށް ވެކްސިން ޖެހުމަށާއި އެކަމަށް މިނިސްޓްރީން މަގުފަހިކޮށްދީފައިވާނެ ކަމަށެވެ. އޮޅިގެން ވެސް އަދި އެހެން އެއްވެސް ސަބަބަކާ ހެދި ވެކްސިން ނުޖަހައިތިބީ މީހުން ވެކްސިން ޖެހުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ވެކްސިން ޖެހުމުގެ މަސައްކަތް ފާއިތުވި ދެދުވަހު ވަރަށް ބާރަށް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަހައްދުގެ ހުރިހާ ހޮސްޕިޓަލްތަކެއްގެ މުވައްޒަފުންނަށް ވެކްސިން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ވަރަށްގިނަ މުވައްޒަފުންނަށް މިހާރު ވެކްސިން ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން އާއްމު ރައްޔިތުންގެ ތެރެއިން އަމިއްލައަށް އިސްނަގައިގެން ވެކްސިން ޖެހުމަށް އަންނަ މީހުންވެސް އިތުރުވަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިއްޔެއިން ފެށިގެން މިހާތަނަށް 1200 އަށްވުރެ ގިނަމީހުންވަނީ ވެކްސިން ޖަހާފައި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ސިއްހީ ކީދުމަތްދޭ ފަރާތްތަކަށް ހިމަބިއްސާ ބެހޭ މައުލޫމާތު އިތުރަށްދީ އެމީހުން ހޭލުންތެރި ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ. "ފުރަތަމަ އިސްކަން މިދެނީ މާލެ ސަރަހައްދުގައި މަސައްކަތްކުރާ މުވައްޒަފުންނަށް. މާލެ ސަރަހައްދުގެ ހޮސްޕިޓަލް ތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ސިއްހީ ޚިދުމަތްތެރިންނަށް މިކަމާބެހޭ ގޮތުން ދޭންޖެހޭ މައުލޫމާތު ފޯރުކޮށްދޭން، ހިބިއްސަށް އެބޭފުޅުން އިތުރަށް އަހުލުވެރި ކުރުމަށް ދޭންޖެހޭ މައުލޫމާތު މިހާރުވެސް ކުރިއަށްދޭ. އިއްޔެއިން ފެށިގެން މިހާހިސާބަށް 108 ފަރާތަކަށް ތަމްރީން ޕްރޮގްރާމް ހިންގިފައި މިހާރުވަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުރިއަށްއޮތް ހަތްދުވާހައި ދިހަދުވަހާ ދެމެދު ރާއްޖެއަށް ފުރަތަމަ ލިބެންޖެހޭ ވެކްސިން ލިބޭނެ ކަމަށެވެ. އަދި ވެކްސިން ރައްކާތެރި ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި ވެކްސިން އެހެންހިސާބުތަކަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވެސް ވަރަށް ބާރަށް ކުރިއަށް އެބަގެންދަވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ޕީސީއާރު ޓެސްޓު ހެދުމަށްޓަކައި އިތުރު ޓެސްޓުކިޓު ހޯދަން އެބަޖެހޭ. ހިމަބިއްސަށް ޓެސްޓްކުރުމަކީ ހިމަބިހި ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްވީމައި އާދަޔާ ޚިލާފަށް ފެތުރިގެން ހިނގައްޖެ ހާލަތެއްގައި އަޅުގަނޑުމެން ޓެސްޓުކުރުމުގެ ގަބީލްކަން އިތުރު ކުރުމަށްޓަކައި އެޓެސްޓް ކުރުމުގެ ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތްތައް ޑަބްލިޔުއެޗުއޯއާ ގުޅިގެން މިހާރު ކުރެވިފައިވަނީ. ހިމަބިއްސަށް ޓެސްޓް ކުރުމުގައި ދަތިކަމެއް ކުރިމައްޗެއް ނުވާނެ. ވެކްސިން ފޯރުކޮށް ދިނުމުގައި ދައްޗެއް ކުރިމައްޗެއް ނުވާނެ. ވެކްސިން ދިނުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވަނީ އަދި ފެތުރިގެންދާ ހާލަތެއްގައި އެކަހެރިކޮށް ފަރުވާދިނުމަށްޓަކައި ވާންޖެހޭ އިންތިޒާމް ވެސް މިހާރު ފުރިހަމަވެފައިވަނީ،" މިނިސްޓަރ ވިދާޅުވިއެވެ.

އޭގެއިތުރުން ވޮލަންޓިއަރުން ހޯދުމާއި ޓާސްކްފޯހެއް އެކުލަވާލުމަށްފަހު އެ ފޯސްގެ މަސައްކަތް ކޮންމެދުވަހަކު މިހާރު ކުރެވެމުންދާ ކަމަށް ވެސް އަމީން ވިދާޅުވިއެވެ. މިޓާސްކް ފޯސްގައި ކަމާބެހޭއިދައިރާ ތަކާއި ޑަބްލިޔުއެޗުއޯއާއި ޔުނިސެފާއި ދެންވެސް ހުރި މުހިން މުއައްސަސާތައް ހިމެނިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އިއްޔެއިން ފެށިގެން މިއަދާ ހަމައަށް މިހާތަނަށް 15  މީހުން ހިމަބިއްސަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނުވާކަމަށް އަމީން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.