ފުސްބިއްލޫރި - 13

(2 ޖެނުއަރީ 2019ގައި ޝާއިއުކުރި ބަޔާގުޅޭ)

އޭނާއަށް ދީފައި ހުރީ ފުދޭވަރަކަށް ބޮޑު އެޕާޓްމެންޓެކެވެ. ޚިދުމަތް ދޭން އެކިތަންތަނަށް ގަވައިދުން ފޮނުވައެވެ. އުޖޫރައިގެ ގޮތުގައި މަސައްކަތް ކުރާ ގަޑިއަށް އެލަވަނެްސެއް ދެއެވެ. އެލަވަންސެއް ލިބުނަސް މިނިވަންކަމެއް އިހުސާސެއް ނުކުރެވެއެވެ. ހުރިހާ އިރަކުވެސް ފާރަވެރިން ތިބޭކަމާއި އެމީހުން އޭނާއަށް ފާރަލާކަން އެނގެއެވެ. އެހެންކަމުން ސަލާމަތްވާކަށް އެއްވެސް މަސައްކަތެއް ނުކުރެެއެވެ. ފުލުހުންނާ ގުޅާކަށްވެސް މަސައްކަތެއް ނުކުރެއެވެ. ޝަކުވާއެއް ނެތި އެ އަޅުވެތިކަން ގަބޫލުކުރިއެވެ. މިއީ އޭނާގެ މަންޒިލެވެ. ހަޔާތުގެ ބާކީ އޮތް ބައި ގުރުބާން ކުރީއެވެ.

އެދުވަހު ވަރަށް ހެނދުނާ ޖޯސެފީން އޭނާއަށް ފޯނުކުރިއެވެ. ޖޯސެފީން އަކީ ވެސް ހަށިވިއްކާ ވިޔަފާރީގައި އުޅޭ ކުއްޖެކެވެ. ޖޯސެފީން އާ ކެތަރިންއާ ދިމާވީ ލެސްޓަރ އަށް އައިތަނާއެވެ.

"ކެތީ، މީ ޖޯސެފީން. މި އެޑްރެސް ނޯޓުކޮށްލަބަލަ، ވީ އެންމެ އަވަހަކަށް މިތަނަށް އާދޭ." ޖޯސެފީންގެ އަޑުގައި ހުރީ ހާސްކަމެެވެ.

"އަނެއްކާ ކިހިނެއްވީ؟"

"ވީހާ އަވަހަކަށް ތި އެޕާޓްމެންޓުން ނުކުމެވޭތޯ ބަލާ، ތިތަން ބަލައިފާސްކުރާން ފުލުހުން އެބައުޅޭ." ޖޯސެފީން އަވަސް އަވަހަށް ފޯނު ބޭއްވިއެވެ.

އިރުކޮޅަކަށް ކެތަރިން ގަނޑުވެފައި ހުއްޓެވެ. ހަދާނެ ގޮތްހުސްވެފައި އިނީއެވެ. މިދިޔަ ހަތަރު އަހަރުތެރޭގައި އޭނާއަށް މުސީބާތެއްގެ ނިޝާނެއްހައި ހިސާބުވެސް ނުފެނެއެވެ. އެންމެ ފަހުން އެކަހަލަ ހާލަތަކަށް ވެއްޓުނު ރޭ މަތިން ހަނދާނަށް އައެވެ. އެއާއެކު ވިދުވަރެއްހައި ހަލުވިކޮށް ތެދުވެ ފައިސާކޮޅާއި އެހެންވެސް މުހިއްމު ތަކެތި ނަގައިގެން އެތަނުން ނުކުތެވެ.

ދިހަވަރަކަށް މިނެޓުތެރޭގައި ޖޯސެފީން ދިން އެޑްރެހަށް ކެތަރިން ދިޔައެވެ.

"ކެތީ، އަހަރެމެން މިނިވަންވެއްޖެ މިހާރު!" ކެތަރިން އަތުގައި ހިފައި ދަމާފައި އެޕާޓްމެންޓު ތެރެއަށް ވައްދަމުން ޖޯސެފީން ބުންޏެވެ.

"ތިބުނީ ކީކޭ؟"

"ރިޗަރޑް ގުޅި، ބުނީ ފްރޭންކް މަރާލައިފިއޭ. ދެން އުޅުނު އެންމެން ބައިބައިވެއްޖެ. އޭގެތެރެއިން އެކަކު ފުލުހުންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. އެހެންވީމާ އަހަރެމެން އުޅުނު ހުރިހާ ތަނެއް ބަލައިފާސްކުރާނެ. މިތަނަކީ ރައްކާތެރިކަން ކަށަވަރުވެފައިވާ މަދު ތަންތަނުގެ ތެރެއިން ތަނެއް ކަމަށް ރިޗަރޑް ބުނި. ސަލާމަތްވެވެން އޮތިއްޔާ އަވަހަށް ދާށޭ ބުނީ." ކެތަރިން އެއްވެސް އެއްޗެއް ނުބުނެ އަޑުއަހަން އިންކަން ފާހަގަކުރެވުނީ ދެނެވެ. "ކިިހިނެއްވީ؟ އުފަލެއް ނުވޭތަ؟"

"ހުރިހާ ކަމެއް ހަމައަކަށް އެޅުމުން އެމީހުން އަހަރެމެން ހޯދަން އުޅެފިއްޔާ ކިހިނެއް ހަދާނީ؟" ކެތަރިންގެ ހިތަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ.

"އެެހެންވުމުގެ އެއްވެސް ފުރުސަތެއް ނެތް. މި މުޖުރިމުންގެ ދުވަސް ހިނގައްޖެ. ސްކޮޓްލެންޑް ޔާޑުން ހަށިވިއްކާ ރެކެޓަށް އަންހެން ކުދީންގެ މައުލޫމާތު ދޭ މީހާ މިހާރު އެމީހުންނާ ދެކޮޅުވެރިވެއްޖެ. ފްރޭންކަށް އަންހެން ކުދީންގެ މައުލޫމާތު ދޭ މީހަކީ އެއީ. އަހަރެމެން ސްކޮޓްލެންޑް ޔާޑަށް ގެންގޮސް ދޫކޮށްލީމާ އަހަރެމެންގެ ހުރިހާ ތަފްސީލެއް ފްރޭންކަށް ދެނީ އޭނާ. ގަވައިދާ ޚިލާފުވާ މީހުންނާއި ކުށުގެ ރިކޯޑު އޮންނަ، ކުދި ކުށްކުށަށް އަރައިގަންނަ މީހުން ސްކޮޓްލެންޑް ޔާޑުން ދޫކޮށްލީމާ އެމީހުން ފާހަގަކުރަނީ އޭނާ. އެ މައުލޫމާތު ހިއްސާކުރުމުން އަހަރެމެން ކަހަލަ އަޅާލާނެ ބަޔަކު ނެތް އަންހެން ކުދީން ބަލައި ދަނީ ފްރޭންކާއި އޭނާގެ ގޭންގުގެ މީހުން. އެމީހުންނަށް މައުލޫމާތު ދިން ފުލުސްމީހާ މިހާރުވަނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި. އެމީހާ ފުލުހުންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި. އޭގެތެރެއިން އެކަކުވެސް ސަލާމަތެއް ނުވާނެ. ބައެއް މީހުން ސަލާމަތްވިޔަސް އެމީހުންނަކަށް މި ވިޔަފާރި ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތް." ކެތަރިންގެ މޫނު ފެނުމުން ޖޯސެފިން އިރުކޮޅަކަށް ވާހަކަ މެދުކަނޑައިލިއެވެ. "ކިހިނެއްވެފަ ތީނީ؟ ހާލު ރަނގަޅުތަ؟"

"ތިބުނަނީ އަހަރެމެންގެ މައުލޫމާތު ފްރޭންކާ ހިއްސާކުރީ ސްކޮޓްލެންޑް ޔާޑުގައި އުޅޭ މީހެކޭތަ؟ އަހަރެމެން ފުލުހުންނަށް ދިން މައުލޫމާތު؟" ގަބޫލުކުރަން ދަތިވެފައި ހުރެ ކެތަރިން އެހިއެވެ.

"އެ އޯގަނަިއޒޭޝަން ހިނގާ ގޮތް ރިޗަރޑް އަހަންނަށް ވަރަށް ރަނގަޅަށް ކިޔައިދީފި. ސްކޮޓްލެންޑް ޔާޑް އޮފިސަރާ ފްރޭންކް އެއީ ވިޔަފާރި ޕާޓްނަރުން. އެމީހުން މުޅިންވެސް އަމާޒުކުރީ ލަންޑަންގެ އަންހެން ކުދީންނަށް. އަހަރެމެން ކަހަލަ އާއިލާއެއް، ރައްޓެހިން ނެތް މީހުން. އޭރުން އަހަރެމެން ގެއްލުނަސް އެކަމާ އުޅޭނޭ މީހަކު ނުހުންނާނެ. އެހެންވީމާ އަހަރެމެން ޕޮލިސް ހެޑްކުއާޓަރަށް ގެންގޮސް ސުވާލުކުރަނީ. ސުވާލުކޮށް، އެމީހުން ބޭނުން މައުލޫމާތު ލިބުނީމާ ދޫކޮށްލަނީ. އަހަރެމެން ދެ މީހުންނަކީ ވެސް އެގޮތަށް ގެންދިޔަ ދެ މީހުން."

ކެތަރިން އިނީ ފުން ޚިޔާލަކަށް ގެނބިފައެވެ. "އެހެންވީމާ މަޒްހަރް އަހަންނަށް ލަނޑުދިނީކީ ނޫންތާ. މިއީ އެހެން މީހަކު ކުރި ކަމެއް. މި ހަތަރު އަހަރު އަހަރެން މަޒްހަރަށް ވަރަށް ބޮޑަށް ނަފްރަތުކުރިން. އޭނާ ދެކެ ވަރަށް ރުޅި އައި. އަހަރެން ހީކުރީ މިއީ އޭނާގެ ރޭވުމެއް ކަމަށް. އެކަމަކު އަހަރެން އޭނާއަށް ޝައްކުކުރީ ކީއްވެ؟ އޭނާ ޕާކިސްތާނުން އެނބުރި އައިސް އަހަރެން ހޯދަން އުޅޭނެ. އަހަރެން އުޅުނު އެޕާޓްމެންޓު ހުންނަ އިމާރާތަށް ގޮސް އަހަރެން ކޮބައިތޯ ބަލާނެ. މިހާރު އަހަންނާ ބެހޭ ހުރިހާ މައުލޫމާތެއް އޭނާއަށް އެނގިދާނެ. އަހަންނަކީ ކާކު ކަމާއި އަހަރެން ކުރަނީ ކޮން މަސައްކަތެއްކަން އެނގޭނެ. ހުރިހާ ކަމެއް އެނގުމުން އޭނާ ކަންތައްކުރީ ކިހިނެއްބާ؟ އަހަންނާ ދޭތެރޭ ދެކޭނީ ކިހިނެއްބާ؟"

މަޒްހަރްގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަން ފެށިއެވެ. "ޚަދީޖާއަކީ އަހަންނަށް ވަރަށް ރީތި ނަމެއް. ކެތީ އިސްލާމްވީމާ ކިޔާނީ ޚަދީޖާ ނޫރް." އެ އަޑު އޭނާގެ ވަށައިގެން ގުގުމަން ފެށިއެވެ. މުޅި ކޮޓަރިތެރޭގައި ގުގުމާފައި ހުރީ މަޒްހަރްގެ އަޑެވެ. ހަތަރު އަހަރުވަންދެން އެތެރޭގައި ހިފަހައްޓައިގެން ހުރި ހުރިހާ ޖަޒުބާތުތަކަށް ދިރުން ލިބި ހިނގައިގަތެވެ. ބުދެއްހެން ގަނޑުވެފައި ހުރި މީހާގެ ޖަޒުބާތުތައް ވިރިގެން ލޮލުގެތެރެއިން ކޯތާފަތް މައްޗައް ފައިބަން ފެށިއެވެ.

ކެތަރިން އަށް ރޮވެނީ ކީއްވެކަމެއް ޖޯސެފީންއަށް ދުވަހަކުވެސް ވިސްނައެއް ނުގަނެވޭނެއެވެ.

***

މިހާރު އޭނާ އެއިނީ އެނބުރި ލަންޑަނަށް ދިއުމުގެ މަގުމަތީގައެވެ.

ވެގެން އުޅޭގޮތް ކެތަރިން ޖޯސެފީން އަށް އޮޅުންފިލުވައިދިނެވެ. "މިދިޔަ ހަތަރު އަހަރުތެރޭ އަހަރެން ލެސްޓަރ އިން ބަރމިންގހަމް، ބްރެޑްފޯޑް، އަދި ކެމްބްރިޖަށް ދިޔައިން. އެކަމަކު އެންމެ ފަހަރަކުވެސް ލަންޑަނަކަށް ނުދަން. އަހަންނަށް މިތާނކު ދެން ނޫޅެވޭނެ. އަހަރެން ބޭނުންވަނީ އެނބުރި ލަންޑަނަށް ދާން. އެތަނަށް ގޮސްފައި ދިރިއުޅޭނެ ގޮތެއް ހޯދަން."

ރޭލު އަނެއްކާވެސް ދުއްވާލައިފިއެވެ. ކެތަރިން ލޯ ހުޅުވައިލިއެވެ. ކުޑަ ދޮރުތައް އެކަށް ފުސްބިއްލޫރިއަށް ބަދަލުވެއްޖެއެވެ. "ހަޔާތަށްވުރެ ބޮޑު ފުސް އެއްޗެއް އޮންނާނެ ހެއްޔެވެ؟" ކެތަރިން ހިތާހިތާ ސުވާލުކުރިއެވެ. އެއަށްފަހު އަނެއްކާވެސް ލޯ މަރައިލިއެވެ.

***

ލަންޑަން އޮތީ މުޅިން ބަދަލުވެފައެވެ. ހުރިހާ ކަމެއްވެސް ކުރިއާ ތަފާތެވެ. އެކަމަކު މިއީ ބިލާހެއްކަން އޭނާއަށް އެނގެއެވެ. ގިނަބަޔަކަށް އެއީ ހަމަ ކުރީގެ ލަންޑަނެވެ. އޭނާ އެތަނުން އަގު ހެޔޮ ހޮޓަލަކަށް ދިޔައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އުމުރުން ދުވަސްވީ މީހެއްގެ ގެއިން ކޮޓަރިއެއް ހޯދިއެވެ. އެއަށްފަހު ވަޒީފާއެއް ހޯދަން ފެށިއެވެ. ވަރަށް އަވަހަަށް ފެކްޓަރީއަކުން ވަޒީފާ ލިބުނެވެ. އެތަނުގައި މާގިނަ ދުވަހަކު މަޑެއް ނުކުރިއެވެ. ފެކްޓަރީ ވަޒީފާގެ ދޫކޮށްފައި އޭނާ ކަންމަތީ ފިހާރައަކުން ސޭލްސް އެސިސްޓެންޓެއްގެ ވަޒީފާ ހޯދިއެވެ. އެއަށްފަހު އަނެއްކާވެސް އިސްލާމިކް ސެންޓަރަށް ދާން ފެށިއެވެ. ތިން ހަތަރު ހަފްތާ ތެރޭގައި އޭނާ އިސްލާމް ދީނަށް ވަނެވެ. އެއީ އާ ފެށުމަކުން ދިރިއުޅުން އަލުން ފެށުން ކަހަލަ ކަމެކެވެ. ޖޯސެފިން ބުނި އެންމެ ވާހަކައަކުން ދިރިއުޅުމާ މެދު އުއްމީދު އާވެއްޖެއެވެ.

"އަހަރެން ބަރުބާދުކުރީ މަޒްހަރެއް ނޫން. މަޒްހަރް އަހަރެން ދެކެ އިންތިހާއަށް ލޯބިވޭ. ގައިމުވެސް އޭނާއަށް އިތުބާރުކުރުމަކީ އަހަންނަށް ހެދުނު ގޯހެއް ނޫން." މިދިޔަ ހަތަރު އަހަރު ކެތަރިންއަށް ކުރި ހިތި އަސަރު ފިލާން ފެށިއެވެ.  

(ތޭރަވަނަ ބާބު)

އޭނާގެ ސިކުނޑިން ބޮޑު ބުރައެއް ފިލައިގެން ހިނގައްޖެއެވެ. ހަށްޓަށް ލުއި ވެއްޖެއެވެ. މިހާރު ކުކުޅު ފަތެއްހެން އުދުހިލެވޭނެއެވެ. މާ ފިޔައެއް ހައި އޭނާ ލުއިވެއްޖެއެވެ. ވަށައިގެންވާ ހުރިހާ އެއްޗެއް ހިމޭންވެއްޖެއެވެ. އެ ހިމޭންކަން، ޖައްވުގައި ހިފާފައިހުރި މަޑުމަޑު ހުވަނދު ވަސް، އޭނާގެ ފައިތިލަ ދަށުގައިވާ ފިނިފިނި ތަޅުންގަނޑު – ކުރެވެނީ ސުވަރުގޭގައި ހުރެވޭ ކަމުގެ އިހުސާސެވެ.

***

އެދުވަހު ހަވީރު ޑްރައިވަރު ޒަނީން ގާތު މަރިޔަމް ބައްދަލުކުރަން އެދުނު ވާހަކަ ބުންޏެވެ. މަރިޔަމް އޭނާ ދެކެ ނުރުހިފައި ނެތް ކަން ޒަނީނަށް އެނގުނެވެ.

ޖެހިގެން އައި ދުވަހު މަރިޔަމާ ބައްދަލުކުރަން ކޮލެޖަށް ދިޔައެވެ. އޭނާ އެދުވަހު ވަރަށް އަވަހަށް ގެއަށް ހިނގައްޖެއެވެ. ވިސްނާން އިރުކޮޅަކު ހުރެފައި ހޮޓަލުގެ ޑްރައިވަރަށް ގުޅައި، މަރިޔަމްގެ ގެ ހުންނަތަން އޮޅުންފިލުވިއެެވެ. ކޮލެޖުން ނުކުމެ ކާރަށް އަރައި މަރިޔަމްގެ ގެއާ ދިމާއަށް ޒަނީން މިސްރާބު ޖެހިއެވެ. އެގޭގެ ދޮރުގައި ޓަކި ޖެހުމުން ދޮރު ހުޅުވީ ޕާކިސްތާނު ހެދުމެއް ލައިގެން ގައިގައި ސާލެއް އޮޅައިގެން ހުރި އަންހެނެކެވެ. އެމީހާ ފެނިފައި ޒަނީން ހައިރާންވިއެވެ. އެމީހާ ވާހަކަ ދައްކަނީ އުރްދޫ ބަހުންނެވެ. ފެންނަ ފެނުމަށް އެއީ ޕާކިސްތާނު މީހެއް ނޫންކަން ޒަނީނަށް ޔަގީންވިއެވެ.

"އަހަރެން މިއައީ އުއްމު މަރިޔަމާ ބައްދަލުކޮށްލަން. ކޮލެޖަށް ދިޔައިރު އެތާކު ނޫޅޭ. ގޭގައި އުޅޭނެކަމަށް ބަލާފައި މިއައީ." ޒަނީން އެމީހާ ގާތު ބުނެލިއެވެ.

"އަދި ގެއަކަށް ނާދޭ. ކޮލެޖު ނިންމާފައި އެހެން ތަނަކަށް ދިޔައީ ކަމަށްވެދާނެ." އެ އަންހެން މީހާ ބުންޏެވެ.

"މަރިޔަމް އަންނާންދެން އެތެރޭގައި މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ؟" އަހަރެންގެ ނަމަކީ ޒަނީން އައްވާބް." އެމީހާ ފަހަތަށް އެއް ފިޔަވަޅު އެޅިއެވެ. އަދި ޒަނީނާ ދިމާއަށް ކަޅިޖަހައިނުލައި ބަލަން ފެށިއެވެ. ޒަނީން ހާސްވިއެވެ. އޭނާއަށް ގޯސް ވާހަކައެއް ބުނެވުނީ ބާވައެވެ.

"ފަހުން ވެސް އަތުވެދާނަން..."

"ނޫން، ނޫން، އަވަހަށް ވަދޭ." އެމިހާ ތަންމިނަށް ދޮރު ހުޅުވިއެވެ.

ޒަނީން ކޮޓަރިއަށް ވަނެވެ. އެމީހާ ޒަނީން ގޮވައިގެން ސިޓީންރޫމަށް ދިިޔައެވެ.

"ތީ މަރިޔަމްގެ މަންމަތަ؟" ޒަނީން އެހިއެވެ.

އޭނާ އިސްއުފުލާފައި ޒަނީނަށް ބަލާފައި ހީނލިއެވެ. "އާނ."

އެމީހާ ޒަނީން ގޮނޑީގައި ބޭނދުމަށްފަހު އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ކޮޓަރިތެރެ ފުރެންދެން އޮތީ އެކިކަހަލަ ކުރެހުންތަކެވެ. އެކި ކުރެހުންތައް އެކި މަރުހަލާގައެވެ. ބައެއް ކުރެހުންތައް ނިމުމަކާ ހަމައިގައެވެ. އެއް ފާރު ފުރެންދެން އޮތީ ކެންވާހެވެ. ޒަނީން ޝައުގުވެރިކަމާއެކު އޭނާގެ ވަށައިގެން ނަޒަރު ހިންގައިލިއެވެ. މަރިޔަމްގެ މަންމަ ކޮޓަރިއަށް އައިސް ވަނެވެ.

"މަރިޔަމް މަންމަ ތީ ޕާކިސްތާނު މީހެއް ނޫން ދޯ؟" ޒަނީން އެހިއެވެ.

"އާނ، އަހަންނަކީ އިނގިރޭސިއެއް." އެމީހާ ބުންޏެވެ. އަހަރެން ވަރަށް ކުރިން އިސްލާމް ދީނަށް ވަދެއްޖައިން. އެއަށްފަހު ޕާކިސްތާނަށް ދިރިއުޅުން ބަދަލުކުރީ."

ޒަނީން ފަރުވާތެރިކަމާއެކު އެމީހާގެ މޫނަށް ބަލައިލިއެވެ. "މި ގައުމުގައި އުޅޭތާ ކިހައި ދުވަހެއްވެއްޖެތަ؟" އޭނާ އެހިއެވެ.

"މިހާރު ވިހި އަހަރުވެއްޖެ." އެމީހާ ބުންޏެވެ.

"ހާދަ ގިނަދުވަހެކޭ."

އެއަށް ޖަވާބު ނުދީ މަންމަ ހީނލިއެވެ.

"އަހަރެންގެ މަންމައަކީ ވެސް އިނގިރޭސިއެއް. އަހަރެންގެ މަންމަ އާއި ބައްޕަ ދިރިއުޅެނީ ވަކިން."

"އެއީ ކީއްވެ؟"

"ނޭނގޭ. ބައްޕަ ދުވަހަކުވެސް އެވާހަކައެއް ނުދައްކާ. ވެދާނެ މަންމައާއި ބައްޕަގެ ޚިޔާލު ތަފާތުވީ ކަމަށް." ޒަނީން ކޮނޑު އަރުވާލާފައި މައުޟޫއު ބަދަލުކުރިއެވެ. "ދައްތަގެ ފިރިމީހާ ކޮބާ؟" މި މީހާއާ މެދު އޭނާ މާބޮޑަށް ޝައުގުވެރިވެއްޖެއެވެ.

"މަރިޔަމްގެ އުމުރުން ސާދަ އަހަރުގައި ނިޔާވެއްޖެ."

"މަރިޔަމާ އެއްބަނޑު އެއްބަފާ އެއްވެސް ބަޔަކު އުޅޭތަ؟"

"ނޫން."

ކޮޓަރި ތެރެއަށް ހިމޭންކަން ވެރިވިއެވެ. އެ ހިމޭންކަން ނަގައިލީ ޒަނީނެވެ.

"މަރިޔަމަކީ ވަރަށް މޮޅު އާޓިސްޓެއް." ޒަނީން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

"އާނ، އެއީ ވަރަށް މޮޅު ކުއްޖެއް." މަންމަ ސައި ހަދަން ބަދިގެއަށް ވަނެވެ.

މަރިޔަމް ގެއަށް އައީ އިރު އޮއްސޭން ކައިރިވީ ފަހުންނެވެ. ގެއަށް ވަންނައިރަށް ޒަނީން އައިސް އިން ވާހަކަ މަންމަ ބުންޏެވެ. އޭނާގެ ހިތުގެ ތެޅުން އަވަސްވިއެވެ. ޒަނީން އޭނާއާ ބައްދަލުކުރަން ގެއަށް އަތުވެދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ. އޭނާ ކޮޓަރިއަށް ވަންނަ އިރަށް ޒަނީން ތެދުވެ ސަލާން ގޮވައިލިއެވެ. މަރިޔަމަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

"އަހަންނާ ބައްދަލުކުރަން މަރިޔަމް އިންތިޒާރުކުރިހައި ގިނަ އިރު ނުވިޔަސް، އަހަރެން ވަރަށް ގިނައިރު ވަންދެން މަރިޔަމަށް އިންތިޒާރުކޮށްފިން. މިހާރު ދެމީހުން އެއްވަރުވީ." ޒަނީން ހިނިތުންވެފައި ހުރެ ބުނެލިއެވެ. މަރިޔަމް ވެސް ހީނލިއެވެ. އޭނާ އެހެރީ ހުވަފެނީ ދުނިޔެއެއްގައެވެ. "މި ކުރެހުންތައް ހޯދީ ކޮންތާކުން؟" އޭނާ އެހިއެވެ.

ޒަނީން އޭނާއަށް ކުރެހުންތައް ލިބުނު ގޮތް ކިޔައިދިނެވެ.

"އަހަންނަށް ފެންނަނީ މި ދެ ކުރެހުން ގެންދަން. އެހެރީ ފްރޭމްވެސް ކޮށްފައެއްނު."

"ނޫނ، ތީ އަހަރެން މަރިޔަމަށް ދިން ހަދިޔާއެއް."

"ޝުކުރިއްޔާ! އެކަމަކު އަހަންނަށްވުރެ ރަނގަޅަށް އެ އެއްޗެހި ބެލެހެއްޓޭނީ ޒަނީނަށް." މަރިޔަމްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ޒަނީން ގެއަށް ދިއުމުން އެއީ ކޮންކަހަލަ މީހެއްތޯ މަރިޔަމް މަންމަ ގާތު އެހިއެވެ.

"ހީވަނީ ރަނގަޅު ކުއްޖެއްހެން." މަންމަގެ އަޑުގައި އާދަޔާ ޚިލާފު އަސަރެއް ހުރިކަން މަރިޔަމަށް ފާހަގަކުރެވުނެވެ.

"އަހަރެން ނޫން ކޮންމެ މީހަކަށްވެސް އޭނާ ލިބިދާނެއޭ މަންމަގެ ހިތަކަށް ނާރާތަ؟ އަހަރެން އޭނާއާ އިންނާން އަހައިފިނަމަ އޭނަ ނޫނެކޭ ބުނެފާނެހެން ހީވޭތަ؟" މަރިޔަމް އެހިއެވެ.

މަންމަ އަނގަޔަކުން ނުބުނެއެވެ. މަރިޔަމާ ދިމާއަށް ބަލަހައްޓައިގެން އިނީއެވެ.

"އޭނާ އުޅެނީ ސޯފިއާ އާ ރައްޓެހިވެގެން. މިގެއަށް އައީ ކިއްކުރަންބާއޭ ހިތަށް އަރާ؟" މަރިޔަމްގެ ޚިޔާލު އެކި ދިމަދިމާއަށް ދަތުރުކުރަން ފެށިއެވެ.

އެރޭ ދަންވަރު އޭނާއަށް ހޭލެވުނު އިރު މުސައްލަ މަތީގައި އިށީނދެލައިގެން މަންމަ އިނެވެ. ދުއާއަށް ދެއަތް އުފުލައިގެންނެވެ. އޭނާ ނިދީގައި އޮވެ މަންމައަށް ބަލަން ފެށިއެވެ. އިރުކޮޅަކު އެހެން އޮވެފައި އަނެއް ފަރާތަށް އެނބުރި އަނެއްކާވެސް ނިދައިފިއެވެ.

***

އޭގެ ހަތަރު ދުވަސް ފަހެވެ. ޒަނީން އައިއިރު މަރިޔަމް އިނީ ކޮލެޖުގެ ބަގީޗާގައި ކުރެހުމެއް ނިންމާށެވެ. ސަލާންގަލާމަށް ފަހު އޭނާ މަރިޔަމްގެ ކުރެހުމަށް ބަލަން ހުއްޓެވެ. އެ ހިމޭންކަމުން މަރިޔަމްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. ޒަނީން އެއްޗެއް ބުނާން އުޅޭހެންވެސް ހީވެއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ.

"މިއަހަރު ދަސްވެނިވާނެއެއްނު، ކުރިއަށް އޮތީ ކޮންކަމެއް؟"

"ނޭނގޭ. އަދި ތިކަމަކާ ނުވިސްނަން."

އެތަނަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. މިފަހަރުވެސް ހިމޭންކަން ނަގައިލީ ޒަނީނެވެ.

"ކާވެންޏާ މެދު ވިސްނައިފިންތަ؟"

މަރިޔަމް ކުރެހުން ހުއްޓާލާފައި ޒަނީނާ ދިމާއަށް އެނބުރިލިއެވެ.

"މިބުނީ މީހަކާ އެންގޭޖުވެއްޖައިންހޭ؟"

"ނޫން، އަދިއެއް ނުވަން. ކާވެންޏަކާ މެދު އަދި ނުވިސްނަން." މަރިޔަމް ހަމަޖެހިލައިގެން އިނދެ ޖަވާބުދީފައި ކެންވާސްއާ ދިމާއަށް އެނބުރުނެވެ.

"އަހަންނާ އިނދެފާނަންތަ؟"

މަރިޔަމް ހައިރާންވެ އާގަމަވިއެވެ. "ތީ މިހާރު ކޮން ސަމާސައެއް؟" އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެ މަރިޔަމް ބުންޏެވެ.

"ސަމާސައެއް ނޫން. ސަމާސާ ކުރަންވީ ކީއްވެ؟"

މަރިޔަމްގެ ހައިރާންކަން ފިލަން ފެށިއެވެ. "ސޯފިއާއާ އެންގޭޖެއް ނުވަންތަ؟" ޝައްކެއްގެ މަތީގައި ހުރެ އޭނާ އެހިއެވެ.

"ނޫން، އަހަރެމެން އެންގޭޖެއް ނުވަން. އަހަރެމެންނަކީ ދެ އެކުވެރިން. ސޯފިއާއަކީ ވަރަށް ރަނގަޅު ކުއްޖެއް. މަރިޔަމާ ދިމާނުވިނަމަ އަހަރެން އިނީހީ އޭނައާ." ޒަނީން ބުންޏެވެ.

(ނުނިމޭ)

އާމިނަތު ސަޢީދު
އާމިނަތު ސަޢީދަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގައި ލިންގުއިސްޓިކްސް ކިޔަވައިދެއްވާ ލެކްޗަރާރެކެވެ. ލިންގުއިސްޓިކްސް އިން މާސްޓަރސް ހާސިލު ކުރައްވައިފައިވާ ފަންނީ ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.