ސްކޫލް ބޮޑު ޗުއްޓީ ދެބަޔަކަށް ބަހައިގެން ދޭގޮތަށް ހަމަޖައްސައިފި

ސްކޫލް ބޮޑުޗުއްޓީ އަންނަ އަހަރުން ފެށިގެން ދެބަޔަކަށް ބަހާލައިގެން ދޭ ގޮތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަމަޖައްސަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި އެގޮތަށް ނިންމެވީ ފަތުރުވެރި ކަމުގެ ސިނާއަތުގައި ވެސް މަސައްކަތް ކުރާ މީހުންނަށް އެދުވަސްވަރު ޢާއިލާއާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދުނުމުގެ ގޮތުން ކަމަށެވެ.

މިނިސްޓްރީން މިގެންނެވި ބަދަލާއެކު އަންނަ ދެހާސް ވިހި ވަނަ އަހަރުން ފެށިގެން އަހަރީ ޗުއްޓީގެ ފުރަތަމަ ބައި ކުރިއަށްދާނީ މެއި މަހު އެއްތިރީހުން ޖޫންމަހު 11 ވަނަ ދުވަހަށެވެ. ދެވަނަބައި ކުރިއަށްދާނީ ޑިސެމްބަރު 6 އިން ފެށިގެން 2021 ވަނަ އަހަރުގެ ޖެނުއަރުމަހު ހަތަކާ ހަމަށް ކަމަށް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.

މިބަދަލާއެކު ކޮންމެ ކުއްޖަކަށްވެސް އާއިލާގެ މެމްބަރުންނާއެކު އަހަރީ ޗުއްޓީ ހޭދަކޮށްލެވޭނެ ފުރުސަތު ލިބިގެންދާނެ ކަމަށް އެޑިޔުކޭޝަނުން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވެއެވެ. މި ބަދަލު ގެންނެވީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ. މިހާރު ބޮޑު ޗުއްޓީއާ ދިމާވަނީ ޑިސެމްބަރާއި ޖެނުއަރީމަހަށެވެ.

"އަހަރީ ޗުއްޓީއަށް މިގެނެވުނު ބަދަލާއެކު އެހެން ސިނާއަތްތަކާއި އޮފީސްތަކަށް ވެސް މުވައްޒަފުންނަށް އަހަރީ ޗުއްޓީ ދިނުމުގައި މިހާރު ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނޭ ކަމުގައި މި މިނިސްޓްރީން ދެކެމެވެ." އެބަޔާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.