އެމެރިކާގެ އެންމެ މަގުބޫލު ދިހަ ނަމުގެ ތެރޭގައި ފުރަތަމަ ފަހަރަށް 'މުޙައްމަދު' ހިމެނިއްޖެ

އެމެރިކާގެ އަލަށް އުފަންވާ ފިރިހެން ކުދިންނަށް އެންމެ ގިނައިން ދެވޭ 10 ނަމުގެ ތެރޭގައި ފުރަތަމަ ފަހަރަށް 'މުޙައްމަދު' ހިމެނިއްޖެއެވެ.

އެމެރިކާގައި އަލަށް އުފަންވާ ކުދިންގެ މައުލޫމާތު ދިރާސާކުރާ ބޭބީ ސެންޓަރގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި ކުދިންނަށް ދެޭ އެންމެ މަގުބޫލު ނަންތަކުގެ ލިސްޓުގައި މުޙައްމަދު މައްޗަށް ޖެހެމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހަރަކަށް ފަހު އަހަރެއް މައްޗަށް ޖެހެމުން އައިސް މިއަހަރުގެ ފިރިހެން ނަންތަކުގެ ތަރުތީބުގައި މުޙައްމަދު ވަނީ 10 ވަނައަށް އަރާފައެވެ.

"ޣައިރު މުސްލިމުން ނިމުމެއް ނެތްހާ ގިނަ ކަމަށް ފެންނަ ނަންތަކުގެ ތެރެއިން ނަން އިޚްތިޔާރުކުރާއިރު، ކާބަފައިންގެ އުސޫލުތަކުގައި ހިފެހެއްޓުމަކީ މުސްލިމުން އަދިވެސް ވަރަށް އިސްކަންދޭ ކަމެއް. ޚާއްސަކޮށް ރަސޫލާގެ ނަންފުޅުން ފިރިހެން ކުދިންނަށް ނަންކިޔުން." ބޭބީ ސެންޓަރުގެ ލިސްޓު އާއްމުކުރަމުން ބުނެފައި ވެއެވެ.

މިއަހަރުގެ ލިސްޓަށް ބަލާއިރު މުޙައްމަދު ވަނީ ނަން ލިސްޓުގައި 2018 ވަނަ އަހަރަށްވުރެ %29 ކުރިއަށް ޖެހިލާފައެވެ. އަދި ލިސްޓުގެ ދިހަ ވަނައަށް އަރާފައެވެ. އަންހެން ކުދިންނަށް ދެވޭ އެންމެ މަގުބޫލު ނަންތަކުގެ ލިސްޓުގައި ދިހަވަނައަށް އޮތް މުސްލިމް ނަން 'ލައިލާ' ފަހަތަށް ޖައްސާލާފައި، ދިހަވަނައަށް އެރީ އަނެއްކާވެސް މުސްލިމް ނަމެކެވެ. އެއީ ޢަލިޔާއެވެ.

2016 ވަނަ އަހަރު މުޙައްމަދު މިނަންވަނީ އިންގްލޭންޑާއި ވޭލްސްގައި ފިރިހެންކުދިންނަށް ދެވޭ އެންމެ މަޤުބޫލު ނަމުގެ މަގާމު ހޯދާފައެވެ. އެއަހަރު އިންގްލޭންޑާއި ވޭލްސްގައި އުފަންވީ 7361 ކުއްޖަކަށް މުޙައްދު ކިޔާފައިވާ އިރު، ދެވަނަ އެންމެ މަގުބޫލު ފިރިހެން ނަން އޮލިވާ ކިޔާފައި ވަނީ 6941 ކުއްޖަކަށެވެ.

މީގެ އިތުރަށް، 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ނޯވޭގެ ވެރިރަށް އޮސްލޯގައި އަލަށް އުފަންވީ ފިރިހެންކުދިންނަށް އެންމެ ގިނައިން ދެވުނު ނަމަކީ މުޙައްމަދު ކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއަހަރު އެމެރިކާގައި އުފަންވި ކުދިންނަށް ނަންދިނުމުގައި އެންމެ މަގުބޫލު ދިހަ ނަމަކީ: 1- ލިއާމް 2- ޖެކްސަން 3- ނޯއާ 4- އައިޑެން 5- ގްރޭސަން 6- ކޭޑަން 7- ލުކާސް 8- އެލީޖާ 9- އޮލިވާ 10- މުޙައްމަދު

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. "ޣައިރު މުސްލިމުން ނިމުމެއް ނެތްހާ ގިނަ ކަމަށް ފެންނަ ނަންތަކުގެ ތެރެއިން ނަން އިޚްތިޔާރުކުރާއިރު، ކާބަފައިންގެ އުސޫލުތަކުގައި ހިފެހެއްޓުމަކީ މުސްލިމުން އަދިވެސް ވަރަށް އިސްކަންދޭ ކަމެއް. ޚާއްސަކޮށް ރަސޫލާގެ ނަންފުޅުން ފިރިހެން ކުދިންނަށް ނަންކިޔުން." ބޭބީ ސެންޓަރުގެ ލިސްޓު އާއްމުކުރަމުން ބުނެފައި ވެއެވެ.ތަރުޖަމާކޮށް ދީބަލަ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.