ރައީސް އިބްރާހީމާއި އަޅުގަނޑާ ދެމީހުން އެއްބަސްވާ ކޮންމެ ކަމެއްކުރާނަން: ރައީސް ނަޝީދު

ރައީސް އިބްރާހީމް މުޙައްމަދު ޞާލީހާއެކު އެއްބަސްވެވޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމުން މިހާރު ގެނެސްދެމުން ގެންދާ "އާސްކް ސްޕީކަރ" ޕްރޮގްރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމީހާ ސުވާލު ކުރެއްވީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު އަމިއްލަ ފުޅަށް ކުރިމަތިލައްވާނީތޯ ނުވަތަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ފުރުސަތު ދެއްވާނީތޯއެވެ.

އެސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް އިރެއްގައި ރިޔާސީ ވެރިކަމަށް ތާއިދު ކުރައްވާ ބޭފުޅެއްނޫން ކަމަށެވެ. މަދުރަސީ ދައުރުން ފެށިގެން އެމަނިކުފާނު ތާއިދު ކުރައްވަނީ ބަރުލަމާނީ ނިޒާމަށް ކަމަށް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބުގައި އިބްރާހީމް މުޙައްމަދު ޞާލިހަށް ތާއިދު ކުރައްވާނެތޯ ނޫންތޯ ވިދާޅެއް ނުވެއެވެ. އެހެންނަމަވެސް މިހާރުވެސް އެދެބޭފުޅުން ގެންދަވަނީ އެކުގައި މަސައްކަތް ކުރައްވަމުން ކަމަށް ވިދާޅުވިއެވެ. ރިޔާސީ އިންތިޚާބު އަދި އޮތީ ވަރަށްދުރުގައި ކަމަށެވެ. އެހެންވެ އެކަމަށް އަދި ނުވިސްނަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމަނިކުފާނު އަބަދުވެސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދުކުރައްވާ ކަމަށް ވިދާޅުވިޔަސް އެއީ 2023 ވަނަ އަހަރު ބާއްވާ އިންތިޚާބުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ތާއިދު ކުރެއްވުންކަމަށް ވިދާޅެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.