އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރައްވާތީ ވޯޓަށް ނޭހިގެން ނަން އިއްވައި ބޭރުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި، ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެމްބަރުން މިއަދުވެސް މަޖިލީހުގައި އިހުތިޖާޖު ކުރައްވަމުން ގެންދަވާތީ ވޯޓަށް އައްސަވަން އޮތް ގަޑީގައި ވޯޓަށް ނޭއްސެވިގެން އެ މެމްބަރުންގެ ނަންތައް އިއްވައި ތަޅުމުން ބޭރު ކުރައްވައިފިއެވެ.

ވޯޓަށް އައްސަވަން ރިޔާސަތުން ނިންމެވިއިރު މެމްބަރުންގެ ހެޑްފޯނުތަކުން އަޑު ނީވޭތީ ރިޔާސަތުން މަޖިލީހުގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވީ މެމްބަރުންގެ ހެޑްފޯނު ތަކަށް އަޑު ނާންނާތީ އިހުތިޖާޖު ކުރައްވާ މެމްބަރުން ނެރެގެން ނޫންގޮތަކަށް ވޯޓަށް އެއްސެވެން ނެތް ކަމަށެވެ.

އެގޮތުން ފުރަތަމަ އިއްވީ ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަމެވެ. އެއަށްފަހު ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫންގެ ނަން އިއްވައި ތަޅުމުން ބޭރު ކުރެއްވިއެވެ. އެއަށްފަހު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙަންމަދު ލަތީފާއި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ ނަން އިއްވެވިއެވެ. ރިޔާސަތުން ވިދާޅުވީ ގަނޑުކޮށް ހުރިހާ މެމްބަރުންގެ ނަން އިއްވޭނެ ގޮތެއް ނެތުމުން އިހުތިޖާޖު ކުރައްވާ މެމްބަރުންގެ ނަން ވަކިވަކިން އިއްވަން ނިންމެވީ ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.