އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް މަގާމުން އަޒުލުކުރަންޖެހޭތޯ ބެލުމަށް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއިން ހިންގާ ތަހުގީގުގައި އިއްޔެއަކީ އެންމެ 'ގެއްލުންދެނިވި' ހެކިބަސް އަޑުއިވިގެން ދިޔަ ދުވަހެވެ.
ރައީސު ޓްރަމްޕްގެ އެެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، އަދި ޔޫރަޕިއަން ޔުނިއަން (އީޔޫ) އަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ގޯޑަން ސޮންޑްލޭންޑް ވަނީ ރައީސު ޓްރަމްޕްއާ ދެކޮޅަށް ހެކިބަސް ދެއްވާފައެވެ. އިއްޔެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންޓެލިޖެންސް ކޮމިޓީއަށް ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ ޑިމޮކްރެޓިމް ރިޔާސީ ކެންޑިޑޭޓު އަދި އެމެރިކާގެ ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަންގެ ދަރިކަލުން ހަންޓާ ބައިޑަންގެ މައްސަލަ ތަހުގީގުކުރުމަށް ޔުކްރޭނަށް ފިއްތުންތައް ކުރިމަތިކުރުމަށް އެންގެވީ ޓްރަމްޕްގެ ގާނޫނީ ވަކީލު ރުޑީ ޖޫލިއާނީ ކަމުގައެވެ. އަދި އެއީ "ރައީސު ޓްރަމްޕް' އަންގަވައިގެން ކަމުގައެވެ.
ސްންޑްލޭންޑް ވިދާޅުވީ ޔުކްރޭންއާ މެދު ވަކި ގޮތަަކަށް އަމަލުކުރަން ސީދާ ރައީސު ޓްރަމްޕް އޭނާގެ ކިބައިން އެދިވަޑައިގެންފައި ނުވި ނަމަވެސް، ޖޫލިއާނީގެ އެންގެވުން ތަކަކީ "ރައީސު ޓްރަމްޕް އެދިވަޑައިގަންނަވާ ގޮތާއި، އަމަލުކުރައްވަން ބޭނުންފުުޅުވާ ގޮތް" ކަމުގައެވެ.
"ހައްލުކުރަން ދަތި މި މައްސަލައިގައި އުފެދޭ ސުވާލުތައް މި ކޮމިޓީގެ މެންބަރުން ޚުލާސާކުރައްވަނީ އެއްް ސުވާލަަކުން ކަން އަހަރެންނަށް އެނގެއެވެ، އެއީ ޔުކްރޭނަށް 'ހެޔޮ ކަމެއް ކޮށްދިނުުމުގެ ބަދަލުގައި ހެޔޮކަމެއް ލިބިގަންނަން' ހުށަހެޅުނު ތޯއެވެ؟ ވައިޓް ހައުސްއިން ކުރި ފޯން ކޯލާއި، ވައިޓް ހައުސްގައި ބޭއްވުން ބައްދަލުވުމާ ގުޅޭގޮތުން އަހަރެން ކުރިން ވެސް ހެކިބަސްދީފައި ވާނެ ފަދައިން ޖަވާބަކީ އާނއެކެވެ." ސްންޑްލޭންޑް ވިދާޅުވިއެވެ.
ސޮންޑްލޭންޑްގެ ހެކިބަހުގައި އިތުރަށް ތަސްފީލުދެއްވަމުން ވިދާޅުވި ގޮތުގައި 'ހެޔޮކަމެއްގެ ބަދަލުގައި ހެޔޮކަމެެއް ކުރުމުގެ' އުސޫލުގެ ދަށުން ޔުކްރޭނާއެކު ކުރެވުނު މުއާމަލާތުގައި ހިމެނެނީ، ޖޯ ބައިޑަންއާއި އޭނާގެ ދަރިކަލުން ހަންޓާއާ ދެކޮޅަށް ތަހުގީގެއް ފަށާކަން ޔުކްރޭނުން އިއުލާންކުރުމު ބަދަލުގައި، ވައިޓްުް ހައުސްގައި ރައީސު ޓްރަމްޕްއާ ބައްދަލުކުރެއްްވުމުގެ ފުރުސަތު ޔުކްރޭންގެ ރައީސު ވޮލޮޑިމީރް ޒެލެންސްކީއަށް ދިނުމާއި، އެމެރިކާއިން ޔުކްރޭނަށް ދޭން ކަނޑައަޅާފައި އޮތް 400 މިލިއަން ޑޮަލަަރުގެ އަސްކަރީ އެހީ ދޭން ނިންމުމެވެ.
ވައިޓް ހައުސްއާއި ރިޕަބްލިކަން ޕާޓީން ކުރިން ބުނަމުން އައިސްފައި ވަނީ ޖޯ ބައިޑަންގެ ތަހުގީގާ ޔުކްރޭނަށް އެމެރިކާއިން ކޮށްދޭ ކަންތައް ގުޅުވުމުގެ ވާހަކަ ވައިޓް ހައުސްގެ ވަކި އޮޮފިޝަލުންތަކެއްގެ މެދުގައި ދެކެވުނު ނަމަވެސް ރައީސު ޓްރަމްޕްއަށް އެކަން އެނގިވަޑައިގެންފައި ނުވާކަމުގައެވެ. އެެހެންނަމަވެސް، ސްންޑްލޭންޑްގެ މި ހެކިބަހާއެކު އެ ވާހަކަތައް މިވަނީ ދޮގުކުރެވިފައެވެ.
ރައީސު ޓްރަމްޕް މަގާމުން އަޒުލުކުރުމާ ބެހޭ ތަހުގީގެއް ކުރިއަށް މިދަނީ އޭނާ ޔުކްރޭންގެ ރައީސަށް ކުރެއްވި ފޯނު ކޯލެއްގައި، އެމެރިކާގެ ރައީސަކު ދައްކަވައިގެން ނުވާނެ ފަދަ ވާހަަކަތަކެއް ދައްކަވާފައި ވާތީއެވެ.