ބަންގްލާދޭޝްގައި ގޭސް ހޮޅިއެެއް ގޮވައި، 7 މީހުން މަރުވެ 25 މީހުން ޒަޚަމްވެއްޖެ

ޗިޓަގޮންގުގައި ގޭސް ހޮޅި ގޮވި ސަރަހައްދު

ބަންގްލާދޭޝްގެ ބަނދަަރު ރަށެއް ކަމުގައިވާ ޗިޓަގޮންގު (ޗަޓޯގްރާމް) ގައި ގޭސް ހޮޅިއެއް ގޮވުމުގެ ސަބަބުން 7 މީހުން މަރުވެ 25 މީހުން ޒަޚަމްވެއްޖެއެވެ.

ފުލުހުންގެ ފަރާތުން ވާހަކަ ދެއްކި މުޙައްމަދު މުޙްސިން ބުނި ގޮތުގައި ޗިޓަގޮންގުގެ ޕައްތަރުގާޓާ އަވަށުގެ ފަސް ބުރި އިމާރާތެއްގެ ތިރީ ބައިގައި ގޭސް ހޮޅި ގޮވުމުގެ ސަބަބުން އެ އިމާރާތުގެ ފާރުތައް ވަނީ ވެއްޓިފައެވެ. މަރުވި އެންމެންނަކީވެސް ގޭސް ހޮޅި ގޮވި އިރު އެ އިމާރާތުގެ ކުރިމަތިން ހިނގާފައި ދިޔަ މީހުންނެވެ.

ޒަޚަމްވީ މީހުންނަަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދާއިރު ބައެއް މީހުން ހާލު ދެރައެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. ޒަޚަމްވީ މީހުންގެ ތެރެއިން އެކަކު ފިހިފައި ވާއިރު، ދެން ތިބި މީހުންނަށް އަނިޔާވީ ވެއްޓުނު ފާރުތަކުގެ ދަށުގައި ވެގެންނެވެ.

ގޭސް ހޮޅި ގޮވި އިމާރާތުގައި ދިރިއުޅޭ މީހުން އެެތަނުން ނެރެ، އިމާރާތް ހުސްކޮށްފައި ވާއިރު، މި ގޮވުމުގެ ސަަބަބުން ކައިރީގައި ހުރި ތިން ފިހާރަައަކާއި ދެ އިމާރާތެ ވަނީ ހަލާކުވެފައެވެ.

ފަޔާ ސާވިސްގެ އޮފިޝަލުން ބުނި ގޮތުގައި ގޭސް ހޮޅި ގޮވާފައި ވަނީ ލީކެއްގެ ސަބަބުންނެވެ.

ފާއިތުވި އޮކްޓޯބަރު މަހުގެ ތެރޭގައި ވެރިރަށް ޑާކާގައި ފުއްޕާހަންތަކަކަށް ވައި ޖަހަން ގެންގުޅުނު ގޭސް ފުޅިއެއް ގޮވައިގެން 7 ކުޑަކުދިން މަރުވެފައި ވެއެވެ.

ވެރިރަށް ޑާކާގެ އިރުދެކުނުން 216 ކިލޯމީޓަރު ދުރުގައި އޮން ޗިޓަގޮންގަކީ ބަންގްލާދޭޝްގެ އެންމެ ތޮއްޖެހިފައިވާ އެއް ރަށެވެ. އެރަށުގެ ޒަމާންވީ އިމާރާތްތަކުގައި ސަލާމަތީ ކަންކަން ފުރިހަމަ ވެފައި ނެތުމުގެ ސަބަބުން މިފަދަ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.