އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ ކޮމާންޑަރަކު ޝަހީދުކޮށްލައިފި

އިސްރާއީލުން މިއަދު ޝަހީދުކޮށްލި ކޮމާންޑަރު އަބުލްޢަޠާ

އިސްރާއީލުގެ ވައިގެ ސިފައިން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދު ޖަމާއަތުގެ އަސްކަރީ ގޮފި 'ޤުދްސް ބްރިގޭޑްސް' ގެ ކޮމާންޑަރެއް ކަމުގައިވާ ބަހާއު އަބުލްޢަޠާއާއި އޭނާ އަނބިކަނބަލުން އަވަހާރަކޮށްލައިފިއެވެ.

އަބުލްޢަތާއަށް ހަމަލާދީފައިވަނީ ޣައްޒާގައި ހުންނަ އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށެވެ.

މިއީ 2102 ވަނަ އަހަރު ޙަމާސްގެ އަސްކަރީ ގޮފި 'ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްސް' ގެ ކޮމާންޑަރު އަޙްމަދު އަލްޖަޢްބަރީ އަވަހާރަކޮށްލި ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން ފަލަސްޠީނުގެ އަސްކަރީ ކޮމާންޑަރަކު އަވަހާރަކޮށްލި ފުރަތަމަ ފަހަރެވެ.

އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި މިކަން ކަށަވަރުކޮށްދީފައިވާއިރު، އިސްރާއީލުންވެސް ވަނީ ވައިގެ ހަމަލާގައި އުމުރުފުޅުން 42 އަހަރުގެ އަބުއްޢަޠާ އަވަހާރަކޮށްލާފައިވާ ކަމަށް ބުނެފައެވެ.

އަބުލްޢަތާ ޝަހީދުކޮށްލުމަށް ފަހު، އިސްރާއީލުން ވަނީ ދިމިޝްޤުގައި ދިރިއުޅުއްވާ އިސްލާމިކް ޖިހާދުގެ ލީޑަރެއް ކަމުގައިވާ އަކްރަމު އަލްޢަޖޫރީ އަވަހާރަކޮށްލަން ވައިގެ ހަމަލާދީފައެވެ. އެހަމަލާގައި އޭނާ ދަރިކަލަކާއި އިތުރު ދެ މީހަކު ވަނީ މަރުވެފައެވެ.

އަލްޢަޖޫރީ އަކީ އިސްލާމިކް ޖިހާދުގެ ޕޮލިޓް ބިއުރޯގެ މެންބަރެކެވެ. އޭނާއަކީ އަސްކަރީ ބޭފުޅެއް ނޫން ނަމަވެސް ފަލަސްޠީނުގެ ހުރިހާ ޚިޔާލެއްގެ ޖަމާއަތްތަކާއި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއާވެސް ގާތް ގުޅުމެއް އޮންނަ ބޭފުޅަކަށް ވާތީ އިސްރާއީލުން ތުހުމަތުކުރާ ގޮތުގައި އިސްރާއީލަށް ދޭ ރޮކެޓު ހަމަލާތަކުގެ ފަހަތުގައި ހުންނެވި އެންމެ އިސް ބޭފުޅަކީ އަލްޢަޖޫރީއެވެ.

އަބުލްޢަޠާ ޝަހީދުކޮށްލުމާއެކު، ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތައް ވަނީ އަމާޒުވާން ފަށާފައެވެ. އިސްރާއީލުގެ މެދުތެރެއާއި ދެކުނުގައި އިންޒާރުގެ ސައިރަންގެ އަޑު މެދު ނެކެނޑި އިވެމުންދާ ކަމަށް ޚަބަރު ލިބެއެވެ.

"އަބުއްޢަޠާ އަވަހާރަކޮށްލުމުގެ ބަދަލުގައި (އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން) ނަތަންޔާހޫ އާއި އޭނާގެ ސިފައިންނާއި، ހިފާފައިވާ  ބިންތަކުގައި ވަޒަންވެރިވެގެން ތިބި ޔަހޫދީން ބޮޑު އަގެއް ދައްކަން ޖެހޭނެ." އިސްލާމިކް ޖިހާދުން ނެރުނު ބަޔާނެއްގައި ވެއެވެ.

އެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާގޮތުގައި، އިސްރާއީލުން ވަނީ އަނެއްކާވެސް ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.