ރައީސް އިބުރާހީމާއި، ރައީސް ނަޝީދުގެ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ކޮރަޕްޝަންގެ މައްސަލަތަކެއް ބައްލަވައި ދެއްވުން އެދި ޕްރޮގްރެސިވް ކޯލިޝަނުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުގެ ވަކީލީންގެ ޓީމަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ސަރުކާރުގެ އިސްވެރިންނާ ގުޅުންހުރި އިތުރު މައްސަލަތަކެއް އޭސީސީއަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެފަދަ 60 މައްސަލައެއް އާއްމުންގެ ފަރާތުން އެޕާޓީއަށް ލިބިފައިވާ ކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަންގެވަކީލުންގެ ޓީމުން މިއަދު ވިދާޅުވީ މިދިޔަ އަހަރު ނޮވެމްބަރު 17 އިން މިއަހަރު އޭޕްރީލްއާ ހަމައަށް އަމިއްލަފުޅު ކަންކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ކުރައްވާފައިވާ ކަމަށެވެ. ދައުލަތުގެ އެންމެ އިސްވެރިއާގެ ޙައިސިއްޔަތުން ދައުލަތުގެ މުދަލާއި ވަސީލަތްތައް އަމިއްލަ ކަންކަމަށް ބޭނުންފުޅު ނުކުރެވޭ ކަމަށް އެޓީމުން ވިދާޅުވިއެވެ. އެގޮތަށް ބޭނުން ކުރެއްވުމަކީ ކަނޑައެޅިގެން ކޮރަޕްޝަން ކަމަށް ވެސް ވަކީލުންގެ ޓީމުން ވިދާޅުވިއެވެ. އެޓީމުން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުވަނީ ދައުލަތުގެ އުޅަނދުފަހަރުކަން އެނގެން އޮންނަ ނަމްބަރުމަތީގައި ސަތަރިއަޅައި ފޮރުވައިގެން ކެމްޕޭން ދަތުރުތައް ވެސް ކުރައްވައިފައި ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަންގެ ޤާނޫނީ ޓީމުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން މުޙައްމަދު ޝަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރަސްމީ ދަތުރުފުޅެއް ކަމަށް ވިދާޅުވެ ސަރުކާރުގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ހުވަދުއަތޮޅާއި، ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް ދަތުރުކުރައްވައިފައި ކަމަށެވެ.

އެ ދަތުރުފުޅުގައި ރައީސް ނަޝީދުވަނީ ރައްޔިތުން މަޖިލީހުގެ މީޑިއާ ބޭނުން ކުރައްވައިފައިކަމަށެވެ. އަދި އެމަނިކުފާނުގެ އެދަތުރުފުޅަކީ ރަސްމީ ދަތުރުފުޅެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ރަސްމީ ޓުވިޓަރ އެކައުންޓުން ޓުވީޓު ކޮށްފައިވާ ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީގެ ރަސްމީ ޓުވިޓަރ އެކައުންޓުންވަނީ އެ ފޮޓޯތައް ބޭނުން ކުރައްވައިގެން އެއީ އަމިއްލަ ދަތުރުފުޅެއްކަން ހާމަކޮށްދެއްވާފައި ކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ޑިފެންސް މިނިސްޓަރާ ބެހޭގޮތުން ހުށަހަޅުއްވާފައިވާ މައްސަލައަކީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ އިންޓީރިއާ މިނިސްޓަރާ އެގައުމުގައި ބައްދަލުކުރެއްވިއިރު އެކަމަނާގެ ދަރިކަލުން ބައިވެރި ކުރެއްވި މައްސަލައެވެ. މާރިޔާ ވިދާޅުވެފައިވަނީ އެކަމުގައި ކޮރަޕްޝަންގެ އެއްވެސް ފައިސާއެއް ނުހިމެނޭ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.