ބޮލީވިޔާގެ ރައީސު މޮރާލެސް އިސްތިއުފާދެއްވައިފި

އީވޯ މޮރާލެސް ބޮލީވިޔާގެ ރައީސުކަމުން އިސްތިއުފާދެއްވިކަން އިއުލާންކުރައްވަނީ

ބޮލީވިޔާގެ ރައީސު އީވޯ މޮރާލެސް މަގާމުން އިސްތިއުފާދެއްވައިފިއެެވެ. އޭނާ އިސްތިއުފާދެއްވާފައި ވަނީ ވަރުގަދަ މުޒާހަރާތަކަކާއެކު ގައުމު ހަމަނުޖެހުމުގެ ތެރެއަށް ވެއްޓިފައި ވަނިކޮށް، ގައުމުގެ މަސްލަހަތަށްޓަކައި އިސްތިއުފާދެއްވަން އަސްކަރިއްޔާއިން އެދުމުންނެވެ.

"އަހަރެން ރައީސުކަމުން އިސްތިއުފާ ދީފިން" ރޭގެ ވަގުތެއްގައި ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާޠަބުކުރައްވައި، މޮރާލެސް ވިދާޅުވިއެވެ.

"އަހަރެން ކުރާ މަސައްކަތް ނުހުއްޓި ކުރިއަށް ދާނެ. އެހެންނަމަވެސް، ސުލްހަވެރިކަން ގެންނަން މަސައްކަތްކުރުމަކީ އަހަރެންގެ ވާޖިބެއް. ބޮލީވިޔާ މީހުން އެއް ބަޔަކު އަނެއް ބަޔަކާ ތަޅާތަން ފެނުމުން ހިތްދަތިވޭ.... މި ސަބަބަށްޓަަކައި، އަދި އެހެން ގިނަ ސަބަބުތަކަށްޓަަކައި އަަހަރެން އިސްތިއުފާދީފައި، އިސްތިއުފާގެ ސިޓީ ގާނޫނު ހަދާ މަޖިލީހަށް ފޮނުވާނަން." މޮރާލެސްގެ ޚިޠާބުގައި ވިދާޅުވިއެވެ.

ރައީސުކަމުން އީވޯ މޮރާލެސް އިސްތިއުފާދެއްވުމާއެކު އޭނާގެ ނާއިބު ރައީސު އަލްވާރޯ މާރްސެލޯ ގާރްސިޔާ ލިނޭރާވެސް ވަނީ އިސްތިއުފާދެއްވާފައެވެ.

"ނާއިބު ރައީސުކަމުންނާއި، ގާނޫނުހަދާ މަޖިލީހުގެ ރައީސުކަމުން އަހަރެން އިސްތިއުފާދީފިން." ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ލިނޭރާ ވިިދާޅުވިއެވެ. އޭނާ ވިދާޅުވީ އިސްތިއުފާގެ ސިޓީ ގާނޫނުހަދާ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމުގައެވެ.

އީވޯ މޮރާލެސްއާ ދެކޮޅަށް ބޮލީވިޔާގައި ކުރިއަށް ދިޔާ މުޒާހަރާތަކުގެ ތެރެއިން

ރައީސު މޮރާލެސް އިސްތިއުފާދެއްވުމުގެ ކުރިން ބޮލީވިޔާގެ ސިފައިންގެ ވެރިޔާ ވަނީ އޭނާ އިސްތިއުފާދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

"އެތެރޭގެ ހަމަނުޖެހުމުގެ ހާލަތު ދިރާސާކުރުމަށްފަހު، އޭނާ ރައީސުކަމުގެ މަސްއޫލިއްޔަތު ދޫކޮށްލައްވަން ގައުމުގެ ރައީސަށް ދަންނަވަން. އެއީ، އަމާންކަން ގާއިމުކުރުމަށާއި، ބޮލީވިޔާގެ ރައްޔިތުންގެ ލާބައަށްޓަކައި ގައުމުގައި ހަމަޖެހުން ގާއިމުކުރުމަށް ފުރުސަތު ދިނުމަށްޓަކައި." ނޫސްވެރިންނާ ވާހަަކަފުޅުދައްކަވަމުން ސިފައިންގެ ވެރިޔާ ޖެނެރަލް ވިލިއަމްސް ކަލިމާން ވިދާޅުވިއެވެ.

ދެކުނު އެފްރިކާގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ބޭފުޅަކަށް މިހާރު ހުންނެވި އީވޯ މޮރާލެސް އިސްތިއުފާ ދެއްވީ އޮކްްޓޯބަރު 20 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބުކުރެއްވީ މަކަރުހައްދަވައިގެން ކަމަށް ބުނެ ގިނަ ބަޔަކު އޭނާއާ ދެކޮޅަށް ފެށި މުޒާހަރާތައް ނުހުއްޓި ކުރިއަށްދާތާ 3 ހަފުތާވެފައި ވަނިކޮށެވެ. މި މުޒާހަރާތަކުގައި 3 މީހަކު މަރުގެ އެެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފައެވެ .

އޮގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް (އޯއޭއެސް) ވެެސް ވަނީ އޮކްޓޯބަރު 20 ވަނަ ދުވަހުގެ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރެވެން ނެތްކަމަށް ބުނެ އިންތިޚާބު އަލުން ބޭއްވުމަށް ގޮަވައިލާފައެވެ.

އަސްލު ބޮލީވިޔާ މީހުންގެ ދަރިފަސްކޮޅުން އެގައުމުގައި ރައީސުކަން ކުރެއްވި އީވޯ މޮރާލެސް ވަނީ 14 އަހަރު އެގައުމުގެ ރައީސުކަން ކުރައްވާފައެެވެ.

ދެކުނު އެމެރިކާގެ މެދުތެރޭގައި ބްރެޒީލް، ޕެރެގުއޭ، އާޖެންޓީނާ، ޗިލީ އަދި ޕެރޫ އާ ސަރަަހައްދީ ރޮނގު ގުޅޭގޮތަށް އޮންނަ ބޮލީވިޔާއަކީ 1.09 މިލިއަން އަކަކިލޯމީޓަރު ބޮޑު ގައުމެކެވެ. 1847 ވަނަ އަހަރު ސުޕޭންގެ އަތްދަށުން މިނިވަންވި އެ ގައުމުގެ އާބާދީއަކީ 11.4 މިލިއަނެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.