އެމެރިކާއިން ސީރިޔާގެ ތެޔޮ ނަގައިގެން ބޭރުކުރުމަކީ ދައުލަތަކުން ހިންގާ ބައިނަލްއަގުވާމީ މަގުފޭރުމެއް: ރަޝިޔާ

ސީރިޔާގެ ތެޔޮވަޅުތަކުން އެމެރިކާ ތެޔޮ ބޭރުކުރާ މަންޒަރު ދައްކައިދޭ ސެޓެލައިޓް ފޮޓޯއެއްކަމަށް ބުނެ ރަޝިޔާއިން އާއްމުކޮށްފައިވާ ފޮޓޯއެއް. ރަޝިޔާއިން ބުނާ ގޮތުގައި މި ފޮޓޯއިން ފެންނަނީ ދޭރައްޒޫރް ޕްރޮވިންސުގެ އަލްމަޔާދީންއާ 14 ކިލޯމީޓަރު ދުރުގައި ހުންނަ އަލްއުމަރު ތެޔޮނަގާ މަރުކަޒު ކައިރީގައި އެމެރިކާގެ ތެޔޮ އުފުލާ އުޅަނދުތައް ހަރަކާތްތެރިވާ ތަން.

ސީރިޔާގެ ތެލާ މެދު އެމެރިކާއިން ހިންގާ އަމަލަކީ ދައުލަތަކުން ހިންގާ ބައިނަލް އަގުވާމީ މަގުފޭރުމެއްގެ ގޮތުގައި ރަޝިޔާއިން ސިފަކޮށްފިއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު އިގޯރް ކޮނަޝެންކޯވެ މިހެން ވިދާޅުވެފައި ވަނީ، އިސްލާމިކް ސްޓޭޓްގެ ހަމަލާތަކުން ސީރިޔާގެ ތެޔޮ ވަޅުތައް ރައްކާތެރިކުރުމަށް އެމެރިކާ ސިފައިން އެވަޅުތަކުގެ ވަށަގެން ފޯރިމަރަން ތިބޭނެކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް (ޑިފެންސް މިނިސްޓަރު) މާކް އެސްޕަރ ވިދާޅުވުމާ ގުޅިގެންނެވެ.

ރަޝިޔާގެ ތަރުޖަމާނު ވިދާޅުވީ އެމެރިކާގެ ވާހަކައާމެދު ރަޝިޔާ ހައިރާންނުވާ ކަމުގައެވެ.

"އިރުމަތީ ސީރިޔާގައި ހުރި ތެޔޮވަޅުތައް ހިފައި، އެތަންތަން އެމެރިކާގެ ބާރުގެ ދަށަށް ގެނެސްގެން އެމެރިކާއިން ކުރާ ކަމަކީ، ސާފު ބަހުން ބުނާނަމަ، ދައުލަތަކުން ކުރިއަށް ގެންދާ ބައިނަލްއަގްވާމީ މަގުފޭރުމެއް." ކޮނަޝެންކޯވް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އެސަރަހައްދުގައިވާ ތެޔޮ ވަޅުތަކާއި، އެހެނިހެން ހަމައެނި ސީރިޔަން އަރަބް ރިޕަބްލިކްގެ މިލްކެކެވެ. އިސްލާމިކް ސްޓޭޓްގެ ނުވަތަ "އިސްލާމިކް ސްޓޭޓް ކިބައިން ރައްކާތެރިކޮށްދޭ އެމެރިކާ"ގެ މިލްކެއް ނޫނެވެ.

"ސީރިޔާގެ ތެލުގެ ހައިޑްރޯކާބަން ރިޒާވް (ތެލުގެ ރިޒާވް) ސީރިޔާއާއި އެގައުމުގެ ރައްޔިތުގެން ފުށުން ރައްކާތެރިކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުވެސް އަދި އެމެރިކާގެ ގާނޫނުތައްވެސް ތަންދޭ ކަމެއް ނޫން." ރަޝިޔާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނު ނެރެއްވި ބަޔާނުގައި ވެއެވެ.

އެމެރިކާގެ ޑިފެންސް މިނިސްޓަރުގެ ވާހަކަފުޅުތަކާ ގުޅިގެން ރަޝީޔާގެ ޑިޕެންސް މިނިސްޓްރީން ހަމާކުރި ސެޓެލައިޓް ފޮޓޯތަކުން، ފުރާތު ކޯރުގެ އުތުރު ސަރަހައްދުތަކުގައި އިސްލާމިކް ސްޓޭޓް ބަލިވުމުގެ ކުރިންވެސް އަދި އޭގެ ފަހުންވެސް އެ އެ ތެޔޮވަޅުތަކުން ތެޔޮ ނަގައި އެމެރިކާ ސިފައިންގެ ރައްކާތެރިކަމުގައި އެތެޔޮ އެމެރިކާއިން ސުމަގުލްކުރަމުން ދާކަން ހާމަވާކަމުގައި ރަޝިޔާއިން ބުނެއެވެ.

ރަޝިޔާއިން ބުނި ގޮތުގައި ތެޔޮ ސުމަގުލް ކުރަނީ އެމެރިކާ ސިފައިންނާއި، ކޮންޓްރެކް އުސޫލުން ހިފާފައި ތިބޭ ހަނގުރާމަވެރިންގެ ބެލުމުގެ ދަށުން ތެޔޮ އުފުލާ ލޮރީތަކުގައެވެ.

"ސީރިޔާގެ ތެޔޮ ފީފާއެއްގެ އަގު 38 ޑޮރަލުގައި ހުރިއިރު، އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ލިބޭ މި 'އަމިއްލަ އާމްދަނީ' މަހަކު 30 މިލިއަން ޑޮލަރަށް އަރާ." ވީއިރު "ދައުލަތުގެ ކޮންޓްރޯލާއި، ޓެކްސްއިން ސަލާމަތްވެގެން، މެދުނުކެނޑި ލިބޭ އާމްދަނީ 'ފިލައިގެން ތިބެ ހަމަލާދޭ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ ކިބައިން' އަބަދަށްޓަކައި ހިމާޔަތް ކުރަން ޕެންޓަގަން އޮންނާނީ ތައްޔާރަށެވެ." ރަޝިޔާގެ ބަޔާނުގައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.