އިނގިރޭސިވިލާތް ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން ވަކިވުމާ ބެހޭގޮތުން އީޔޫއާއި އިނގޭސިވިލާތުގެ މަޝްވަރާ ޓީމުތަކަށް އެއްބަސްވުމަކަށް އާދެވިއްޖެ ކަމުގައި އީޔޫއިން ބުނެފިއެވެ. އެއްބަސްވުމަކަށް އާދެވިފައި މިވަނީ އީޔޫގެ އެންމެ އިސްވެރިންގެ ބައްދަލުވުމެއް އަންގާރަ ދުވަހު ބްރަސެލެސްގައި ބާއްވަން ހަމަޖެހިފައި ވަނިކޮށެވެ.
އޮކްޓޯބަރު 31 އަކީ އިނގިރޭސިވިލާތް އީޔޫން ވަކިވާން ނިންމާފައި އޮތް ދުވަހެވެ. ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވެފައި ވަނީ އެއްބަސްވުމަކާ ނުލާވެސް އެދުވަހު އިނގިރޭސިވިލާތް އީޔޫން ވަކިވާނެ ކަމުގައެވެ. މިފަދަ ހާލަތެއްގައި އުފެދިދާނެ އިގްތިސާދީ ހަލަބޮލިކަމަކުން ސަލާމަތްވުމަށް ދެފަރާތުން އެއްބަސްވުމެއް އެކުލަވާލޭތޯ މަސައްކަތްކުރަމުން ދާތާ ދުވަސްތަކެއް ވެއްޖެއެވެ.
"އަޒުމެއް އޮތިއްޔާ އެއްބަސްވުމެއް އޮންނާނެ. އަހަރުމެނ އަތުގައި މިހާރު އެއްބަސްވުމެއް އެބައޮތް. އެއީ އީޔޫއަށާއި އިނގިރޭސިވިލާތަށްވެސް އިންސާފުވެރި އެއްބަސްވުމެއް. އަދި އެއީ ހައްލު ހޯދަން އަހަރުމެން އަޒުމު ކަނޑައަޅައިގެން ތިބިކަން ބަޔާންކޮށްދޭ ކަމެއް." ޔޫރަޕިއަން ކޮމިޝަންގެ ރައީސު ޖޯން ކްލޯޑް ޖަންކާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.
"ކޮންޓްރޯލް އަނބުރާ އަހަރުމެންނަށް ލިބޭ ފަދަ މޮޅު އައު އެއްބަސްވުމަކަށް އަހަރުމެންނަށް އާދެވިއްޖެ." އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ.
'ބްރެގްޒިޓް' އެއްބަސްވުމުގެ ވާހަކަ އިއުލާނުކުރުމާ ގުޅިގެން ބޮޑުވަޒީރު ޖޮންސަންގެ ކޯލިޝަން ބައިވެރިޔާ، އުތުރު އަޔަލޭންޑުގެ ޑިމޮކްރެޓިކް ޔުނިއަނިސްޓް ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ "މިހާރު އެ އޮތް ގޮތަށް" އެ އެއްބަސްވުމަށް ތާއީދުކުރެވެން ނެތް ކަމުގައެވެ. އިނގިރޭސި ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގައި ބޮޑުވަޒީރަށް އަޣުލަބިއްޔަތު ނެތް އިރު، 'ބްރެގްޒިޓް' އެއްބަސްވުން ފާސްކުރަން ޑީޔޫޕީގެ ތާއީދު ކޮންމެހެންވެސް ބޭނުންވާނެއެވެ.
މި އެއްބަސްވުމާ ގުޅޭގޮތުން އިދިކޮޅު ލޭބަ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ މިއީ ކުރީގެ ބޮޑުވަޒީރު ޓެރޭސާ މޭ ހުށަހެޅުއްވި އެއްބަސްވުމަށް ވުރެވެސް ކަން ނުބައި އެއްބަސްވުމެއް ކަމުގައެވެ. އަދި މިއީ "ގަބޫލުކޮށްގެން ނުވާނޭ' އެއްބަސްވުމެއް ކަމުގައެވެ.
އިނގިރޭސި ބައެއް ނޫސްތަކުން ޚަބަރުދޭ ގޮތުގައި ލޭބަ ޕާޓީން މިހާރު ވަނީ ހައުސް އޮފް ކޮމަންސްގައި ތިއްބަވާ މެންބަރުންނަށް ހޮނިހިރު ދުވަހު އޮންނަ ޖަލްސާގައި ދެވަނަ ބްރެގްޒިޓް ވޯޓަކަށް ތާއީދުކުރުމަށް އަންގާފައެވެ. އެއީ، އީޔޫއިން ވަކިވާން ފެނޭތޯ ބަލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަލުން ބޭއްވުމެވެ.