ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސަޢީދާއި، އަލްއުސްތާޒު މަހާޒު ޢަލީ ޒާހިރުގެ ނަން ރައްޔިތުންގެ މަޖިލިހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ފޮނުއްވައިފިއެވެ.
"ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ޤާނުނުގެ ދެށުން ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރައްވާނެ ބޭފުޅަކު ކަނޑައެޅުމަށް ގދ. މަޑަވެލި، މޭނާ އަލްއުސްތާޒު މަހާޒު ޢަލީ ޒާހިރު އާއި ސ. ހުޅުދޫ، ގޯރަންވިލާ، އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސަޢީދުގެ ނަން ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު މިއަދު ފޮނުވައިފިން،" ރައީސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.
މިދެބޭފުޅުންގެ އިތުރަށް މިޤާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންނާވެސް ވަނީ އިންޓަރިވިއު ކުރައްވައިފައެވެ. އިންޓަރވިއު ކުރެއްވުމަށްފަހު ޖޭއެސްސީ އިން ރައީސަށް ލަފާ ދެއްވީ މިދެބޭފުޅުން އެކޯޓަށް އައްޔަން ކުރެއްވުމަށެވެ. ސްޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމް ހުސްވީ ފަނޑިޔާރު ޢަބްދުﷲ ދީދީ އެ މަގާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިމުމުންނެވެ. މަޖިލީހުން އެގޮތަށް ނިންމުމާއެކު އެ މަޤާމު ހުސްވާނެއެވެ. .
ރައީސް މަޖިލީހަށް ފޮނުވި ދެ ބޭފުޅުންގެ ތެރެއިން ސްޕްރީމް ކޯޓަށް އައްޔަން ކުރައްވާނީ މަޖިލީހުގައި ވޯޓެއް ނެގުމަށްފަހު އެ ވޯޓު ކާމިޔާބު ކުރައްވާ ބޭފުޅެކެވެ. ދިޔާނާ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފި ކަމަށްވާނަމަ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ތިއްބަވާ އަންހެނުންގެ ޢަދަދު 3 އަށް އަރާނެއެވެ. އެ ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިލަދާ ޒާހިރާއި ކުރީގެ ޤާޟީ އަލްއުސްތާޒާ ޢާއިޝާ ޝުޖޫން އެވެ.