ޗައިނާގެ ބައިމަދު މުސްލިމުންނާއި އެމީހުންގެ ވޭން

ލިންޝިއާންގައި ޖަމާތުގައި ނަމާދުކުރަނީ

ދުނިޔޭގެ މީޑިއާގެ ސުރުޚީތަކުގެ ކޮންމެދުވަހެއްގެ ވާހަކައައިގެ ތެރޭގައި ޗައިނާގެ ޝީޖިއާންގގެ އުރިގޫރު މުސްލިމުންގެ ވާހަކަ ވަރަށްވެސް މަޝްހޫރެވެ. އެހެން ނަމަވެސް ހުއި ދައިކޮޅުގެ މުސްލިމުންނާމެދު ޗައިނާއިން މުއާމަލާތް ކުރާ ގޮތުގެ  ވާހަކައަކީ، އެހާ އާންމު ވާހަކައެއް ނޫނެވެ. ދާދި ފަހުން، ނިއުޔޯރކް ޓައިމްސްގެ ސެޕްޓެމްބަރ 21 ވަނަ ދުވަހުގެ ރިޕޯޓެއްގައިވެސް ހުއި މުސްލިމުންނާމެދު ކަން ކުރާ ގޮތުގެ ވާހަކަ ލިޔެފައި ވެއެވެ.

ލިންޝިއާ ނުވަތަ ޗައިނާގައި މަޝްހޫރު ނަމުން ނަމަ ލިޓްލް މައްކާ.

މި ރިޕޯޓާއި އަދި މިނޫނަސް އެހެން ރިޕޯޓްތަކުގައިވެސް ޗައިނާގެ އެހެން ސަރަހައްދުތަކުގައި ސަރުކާރުން މުސްލިމުން ކޮންޓްރޯލުކޮށް އެމީހުންނާމެދު  ޗައިނާއިން މުއާމަލާތު ކުރާ ގޮތުގެ ވާހަކަ ހިމަނާފައި ވެއެވެ. މިސާލަކަށް ލިންޝިއާއަކީ ޗައިނާގެ އިހުޒަމާނުގެ މަޝްހޫރު ދަތުރުފަތުގެ މަގުކަމުގައިވާ، ސިލްކު ރޫޓްގައި ހިމެނުނު ތަނެކެވެ. އަދި މިސިޓީއާއި މިތަނާ ކައިރި ހިސާބުތަކުގައި ގިނަ އަދަކަށް މިސްކިތްތައް ހިމެނެއެވެ. އުރިގޫރު މުސްލިމުންނާ ޚިލާފަށް، ހުއީ ދަރިކޮޅުގެ މުސްލިމުންނަކީ، މަޑުމައިތިރި ނަޤްޝަބަންދީ ސޫފީ އިސްލާމްގެ އަސަރު ކޮށްފައިވާ ބައެކެވެ. ސޫފީން ބޭކަލުންގެ ޒިޔާރަތްތައް މިހިސާބުގައި ގިނަކަން ފާހަގަ ކުރެވެއެވެ.  ލިންޝިއާ އާއި އެހިސާބުގެ 355 މިސްކިތަކަށް އަންގާފައިވަނީ ޗައިނާގެ ގައުމީ ދިދަ މިސްކިތްތަކުގައި ނެގުމަށާއި ސައުންޑް ޕޮލޫޝަން ކޮންޓްރޯލް ކުރުމުގެ ގޮތުން ތާޅަފިލިތައް ނަގައި ބަންގިއަށް ތާޅަފިލި ބޭނުން ނުކުރުމަށާއި އުމުރުން 16 އަހަރުން ދަށުގެ ކުދިންނަށް މިސްކިތްތަކުގައި ގުރްއާން ކިޔަވައި ނުދިނުމަށެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސްގެ 2018 ވަނަ އަހަރުގެ މާޗްމަހުގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ލިންޝިއާގެ 2.18 މިލިއަން އާބާދީގެ ތެރޭން 1.3 މިލިއަން މީހުން ނުވަތަ 59 އިންސައްތައަކީ، މުސްލިމުންނެވެ. ގިނަ މީހުންނަކީ ހުއި ދަރިކޮޅުގެ މުސްލިމުންނެވެ. ހުއި މުސްލިމުންގެ އާބާދީގެ ދިހަ މިލިއަން މުސްލިމުންނަކީ ޗައިނާގެ މުސްލިމުންގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. ހުއި ދަރިކޮޅުގެ މީހުންނަކީ އަމިއްލަ ކެއުމުގެ ސަގާފަތަކާއި އަމިއްލަ އާދަކާދަތައް ގެންގުޅޭ ބައިމަދު ބައެކެވެ. މިމީހުންނަކީ ޗައިނާ ސަރުކާރުން ރަސްމީކޮށް ބަލައިގެންފައިވާ އެގައުމުގައި ހިމެނޭ 56 ދަރިކޮޅުގެ މީހުންގެ ތެރޭން އެއްދަރިކޮޅެވެ.

ފޮޓޯގެ ކަނާތް ފަރާތުގައި މިވާ މިސްކިތަކީ ޝިންޖިއާންގ ގެ ކަޝްގަރުގ ސިޓީގެ މިސްކިތެކެވެ. މިއީ މިހާރު ފިހާރައެކެވެ.

ޗައިނާއަށް އިސްލާމް ދީން އައިސްފައިވަނީ ދިވެހިންނަށް އިސްލާމް ދީނު ތަޢާރަފް ވުމުގެ މާކުރިންނެނެވެ. ލިންޝިއާގައި މުސްލިމުންގެ ތާރީޚް އެއްހާސް އެތައް އަހަރަށްވުރެން ދޮށްޓެވެ. އިނގިރޭސިވިލާތުގެ ޑެއިލީ މެއިލްގެ މިދިޔަ އަހަރުގެ ޖުލައިގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން ލިންޝިއާގައި އިސްލާމްދީނުގެ އަސަރު ފޮހެލުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މި މަޒްމޫނުގައި ބައެއް ފޮޓޯތައް ނަގާފައިވަނީ އެރިޕޯޓުންނެވެ. ލިންޝިއާ މަޝްހޫރުވެފައިވަނީ "ލިޓްލް މައްކާ" ގެނަމުންނެވެ. މި ސަހަރުގެ މިސްކިތްތަކުގެ ގުއްބުތަކާއި މުންނާރުތައްވެސް ތަޅާލާފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައި ވެއެވެ. މީގެ އިތުރުން ޗައިނާގައި ޒާތިމިނިވަންކަމެއް ދީފައިވާ، އިނަރ މޮންގޯލިއާއާއި ހޭނާން ޕްރޮވިންސްއާއި ޒާތީ މިނިވަންކަމެއް ދީފައިވާ ހުއި ދަރިކޮޅުގެ މީހުންގެ ނިންގޝިއާ ޕްރޮވިސްގައިވެސް މިފަދަ ފިޔަފަޅުތައް އަޅަން ސަރުކާރުން ވަނީ ފަށާފައެވެ.

ހެނާން ޕްރޮވިންސްގެ ޖެންޖޯގެ އެންމެ ބޮޑު މިސްކިތަކީ 2006 ވަނަ އަހަރު އެ ޕްރޮވިންސްގެ ސަރުކާރުން މުހިންމު ސަގާފީ ތަރިކައިގެ ތެރޭގައި ހިމަނާފައި އޮތް ތަނެކެވެ. ބިޓަރވިންޓަރ ޑޮޓް އޯރގް އިން މިސިޓީއަށް ޒިޔާރަތްކޮށް ލިޔެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ "ސައިނިޒޭޝަން" ޕްރޮގްރާމުގެ ދަށުން މުންނާރުގެ ހަނދުފަޅިއާއި ތަރި ހުރިބައި ތަޅާލައި މުންނާރުގެ މަތީ ބައި ޗައިނާ ޕަގޯޑާ ސްޓައިލަށް މަރާމާތުކޮށްފައިވާ ކަމަށެވެ. ޗައިނާ ކޮމިއުނިސްޓް ޕާޓީގެ ސެންޓްރަލް ޕޮލިޓް ބިއުރޯ ސްޓޭންޑިންގ ކޮމިޓީ ގެ މެންބަރު އަދި ނޭޝަނަލް ކޮމިޓީ އޮފް ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންގްރެސްގެ ރައީސް ވެންގ ޔަންގ، ޖެންޖޯގައި ދީނީ ތަންތަން ސަރވޭ ކުރެއްވުމަށް އެޕްރީލް މަހު ޒިޔާރަތެއް ކުރެއްވިއެވެ. "ދީނީކަންކަން ޗައިނާގެ ސަގާފަތާ ގުޅޭ ގޮތަށް ބައްޓަން ކުރުމަށް އަމަލީ ގޮތުން ކުރެވެން ހުރި މަސައްކަތްތައް ބަލަން ޖެހޭނެއެވެ. އަދި ކޮންމެ ދީނަކުންވެސް އެދީނެއްގެ އެތެރެއާއި ބޭރުންވެސް  ޗައިނާގެ އާދަކާދައާ ގުޅޭ ގޮތަށް ކަންކަން ބައްޓަން ކުރުމަށް މަސައްކަތް ކުރަން ވާނެއެވެ." މި ވާހަކައިގެ ނަތީޖާ މިއާއެކު ހިމަނާފައިވާ ޖެންގޯގެ މިސްކިތްތަކުގެ ފޮޓޯތަކުން މިހިރީ ފެންނާށެވެ.  ގްލޯބަލް ޑެއިލީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔުންނާން ޕްރޮވިނސްގައިވެސް ސަރުކާރުން ވަނީ 3 މިސްކިތެއް ބަންދުކޮށްފައެވެ. ޔުންނާން ގައި 7 ލައްކަ މުސްލިމުން ދިރިއުޅެއެވެ.

ލިންޝިއާ ސިޓީގެ މި ފިހާރައިގައި ކުރިން އަރަބި އަކުރުން ބޯޑުގެ މެދުގައި އަރަބިން ލިޔެފައި އޮތް ހަލާލު ވަނީ ސަރުކާރުގެ އަމުރަކަށް ނަގާފައެވެ. އަރަބި ބަހުން ލިޔުން ވަނީ މަނާކޮށްފައެވެ. ފޮޓޯ ނިއުޔޯރކް ޓައިމްސް

މުސްލިމުން ކެންޓީނާއި ރެސްޓޯރެންޓްތަކުގައި އަރަބި ބަހުން ހަލާލު ޖެހުން ވަނީ މަނާކޮށްފައެވެ. އަދި ސަރުކާރުގެ މިންގަނޑުން ގަވާއިދާ ޚިލާފް މިސްކިތްތަކަށް ކަނޑައަޅާ ތަންތަން ބަންދުކޮށް ވިޔަފާރިއަށްވެސް ދަނީ ހުޅުވާލަމުންނެވެ.  ޝިންޖިއާންގައި މިސްކިތެއް ވަނީ ފިހާރައަކަށް ބަދަލުކޮށްފައެވެ. ސައޫދީ އަރަބިއްޔާގައި ސްކޫލުތަކުގައި ޗައިނާ ބަސް ކިޔަވައިދޭން ވަނީ ފަށާފައެވެ. ނަމަވެސް ޗައިނާއިން ވަނީ އަރަބި އަކުރުން ހަލާލު ލިޔުން މަނާކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.