އުއްތަމަ ފަނޑިޔާރުގެ ސިޓީއެއް ޖޭއެސްސީއަށް: އަޅުގަނޑު ޙާޒިރުވާން ފޮނުވި އަމުރުވެސް ބާތިލު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އުއްތަމަ ފަނޑިޔާރު ޑރ އަބްދުﷲ ދީދީ ޙާޒިރުވެވަޑައިގަތުމަށް އެ ކޮމިޝަނުން އެންގުމުން އުއްތަމަ ފަނޑިޔާރު އެ ކޮމިޝަނަށް ހާޒިރު ކުރުމުގެ ޤާނޫނީ އެއްވެސް ބާރެއް ނޯންނާނެ ކަމަށް ވިދާޅުވެ ސިޓީ ފުޅެއް ފޮނުއްވައިފިއެވެ.

ޑރ އަބްދުﷲ ދީދީ ޖޭއެސްސީއަށް ހާޒިރުކޮށް، އެމަނިކުފާނާ ސުވާލު ކުރުމަށް އެ ކޮމިޝަނުން ބޭނުންވާތީ ކޮމިޝަނަށް ޙާޒިރުވުމަށް އެންގެވުމާއި ގުޅިގެން، އެމަނިކުފާނު ޖޭއެސްސީއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ އެ ކޮމިޝަނަށް ޙާޒިރުވެވަޑައިގަތުމަށް އިއުތިރާޒު ކުރައްވާ ކަމަށާއި، ސަބަބަކީ އުއްތަމަ ފަނޑިޔާރު އެ ކޮމިޝަނަށް ޙާޒިރު ކުރުމުގެ ޤާނޫނީ ބާރެއްވެސް ނެތުމާއެކު، ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އެދި އެފަރާތުން ފޮނުވި އަމުރަކީވެސް ބާތިލު އަމުރެއް ކަމަށް ދެކެވަޑައިގަންނަވާތީ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން މައްސަލައެއްގައި ގޮތެއް ނިންމެވުމުން އެ ނިންމުމަކީ ސައްޙަ ނިންމުމެއްތޯ ނުވަތަ ސައްޙަ ނިންމުމެއް ނޫންތޯ ބެލުމުގެ އެއްވެސް ޤާނޫނީ ބާރެއް ޖޭއެސްސީއަށް ލިބިގެން ނުވާނެ ކަމަށާއި، އެފަދަ ކަމެއް ބެލުމުގެ އިޖުރާއަތެއް އެ ކޮމިޝަނުން ހިންގާނަމަ އެއީ ޣައިރު ދުސްތޫރީ ކަމެއްކަމަށްވެސް ދެކެވަޑައިގަންނަވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ޖޭއެސްސީއަށް ހާޒިރުވަޑައިގަތުމަށް އެންގިއިރު، އެމަނިކުފާނުގެ އިތުރުންވެސް އެ ކޯޓުގެ އިތުރު ތިން ފަނޑިޔާރަކު ޙާޒިރު ކުރަންވެސް ޖޭއެސްސީން އޮތީ ނިންމާފައެވެ. ސުޕްރީމް ކޯޓާއި ބެހޭގޮތުން ޖޭއެސްސީން ބަލަމުންދާ މައްސަލައަކީ ސުޕްރީމް ކޯޓުން އިހްތިސޯސުން ބޭރުކޮށްފައިވާ ކަންކަން ބެލުމަށް ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލައެވެ. ޖޭއެސްސީން ސުޕްރީމް ކޯޓުގެ ބަޔެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓުގައި 17 މައްސަލައެއް ފާހަގަ ކުރުމަށްފަހުއެވެ.

އެ ރިޕޯޓާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބަޔެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކޮށް މައްސަލަ ބަލަން ނިންމިއިރު، އިއްޔެ އާއި ރޭ އެ ކޯޓުގެ ބަޔެއް ފަނޑިޔާރުން ވަނީ ޖޭއެސްސީއަށް ހާޒިރުވެވަޑައިގެން ޖަވާބުދާރީ ވެވަޑައިގެންފައެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ޑރ އަބްދުﷲ ދީދީ ވަނީ އެ ކޮމިޝަނަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. ކަޑައެޅިގެން ގާނޫނާއި ޚިލާފަށް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން ގައިޑަލައިނެއްގެ ނަމުގައި އިންތިޚާބު ބާއްވާނެ އުސޫލުކަޑައެޅީ ކޮން ގާނޫނަކުން ލިބިދޭ ބާރެއްގެ ދަށުންތޯ؟ ދުނިޔޭގެ ކޮންތަނެއްގައިތޯ އެ ބާރު ކޯޓުތަކަށް ދީފައި އޮންނަނީ؟ ވަހީދުގެ ވެރިކަން ކަޑައެޅިގެން ގާނޫނު އަސާސީގައި ވާ މުއްދަތު ހަމަވުމުންވެސް އިތުރަށް ދިގުދަންމާލީ ކޮން ގާނޫނަކުން ލިބިދޭ ބާރަކުންތޯ؟ މިހާރު ހަމަ ކުއްލިއަކަށް ބޭނުންފުޅުވީމާ ހަމަ އެެއްކަލަ ގާނޫނު އަސާސީ ދިފާއަކަށްވީ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.