ސައޫދީ އަރަބިއްޔާއާއި އީރާނާއި ދެމެދު ހޫނުވެފައިވާ މަސްރަހު ފިނިކޮށް، ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ފެށުމަށް މަގުފަހިކުރެއްވުމަށް ކުރައްވާ މަސައްކަތުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޢިމްރާން ޚާން އީރާނަށް ވަޑައިގެންފިއެވެ.
ޢިމްރާން ޚާން އީރާނުގެ ވެރިރަށް ތެހެރާނަށް ވަޑައިގަތީ އިއްޔެވެ. އީރާނުގެ އިސް ވެރިންނާ މަޝްވަރާކުރެއްވުމަށް ފަހު އޭނާ ދެން ވަޑައިގަންނަވާނީ ސައޫދީ އަރަބިއްޔާއަށެވެ.
"މިދަތުރު ކުރަން ޖެހުނީ ސައުދީ އަރަބިއްޔާއާއި އީރާނާ ދެމެދު ހަނގުރާމައެއް ފެށެން އަހަރުމެން ބޭނުން ނުވާތީ." އީރާނުގެ ރައީސޫ ޙަސަން ރޫޙާނީ އަރުހުގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޢިމްރާން ވިދާޅުވިއެވެ.
ފާއިތުވި ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ސައޫދީ އަރަބިއްޔާއަށް ވަޑައިގަތުމަށް ބޮޑުވަޒީރު އިމްރާންވަނީ ދެގައުމު ސުލްހަކުރުމުގެ މަސައްކަތްޕުޅު ފަށްޓަވަން ނިންމަވާފައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުގައި އޭނާ މި މަސައްކަތްޕުޅު ފެށްޓެވީ ސައޫދީ އަރަބިއްޔާގެ އެދުމުގެ މަތިންނެވެ.
މިހާރު އީރާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޢިމްރާން ޚާން އިއްޔެ ވަނީ އީރާނުގެ ދީނީ ޒައީމު އާޔަތުﷲ ޚާމަނައީއާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޚާމަނައީ ވިދާޅުވީ ޔަމަނުގެ ހަނގުރާމަ "ރަނގަޅު ގޮތުގައި " ނިމުމަކީ ސަރަހައްދުގައި ހިނގާ ކަންކަމަށް ހެޔޮ އަސަރުކުރާނެ ކަމެއް ކަމުގައެވެ.
"އީރާނުން ހުށަހެޅި 4 ނުގުތާގެ މަޝްރޫއެއް 'މޭޒުމަތީ' އޮންނަތާ ކިތަންމެ ދުވަހެއް" ކަމުގައި ހާމަކުރައްވަމުން ޚާމަނައީ ވިދާޅުވީ އެ މަޝްރޫއުން ޔަމަނުގެ ހަނގުރާމައަށް ނިމުން އަންނާނެ ކަމުގައެވެ. އެހެން ނަމަވެސް އެ މަޝްރޫއުގެ ތަފްސީލެއް އޭނާ ހާމަނުކުރައްވައެވެ.
ސައޫދީ އަރަބިއްޔާއާއީ އީރާނާ ދެމެދު ނުތަނަވަސްކަން އިތުރުވެ، ސަރަހައްދުގައި ބޮޑު ހަމަނުޖެހުމެއް ފެށިދާނެތީ، ޕާކިސްތާނާއި، އިތުރު ބައެއް ގައުމުތަކުން ދަނީ މަސްރަހު ފިނިކުރުމަށް މަސައްކަތްކުރަމުންނެވެ. މި މަސައްކަތުގެ ތެރޭން، ބޮޑުވަޒީރު އިމްރާން ޚާން ވަނީ އދ. އާއްމު މަޖިލީހުގައި ތަގްރީރުކުރައްވަން ވަޑައިގެން އުޅުއްވަމުން އީރާނުގެ ރައީސު ރޫޙާނީއާ ބައްދަލުކުރައްވާފައެވެ.