ރަނގަޅާއި ނުބައިގެ ޚިޔާލުތަފާތުވެ، އިންތިހާއަށް ގޮސްފި – ރައީސް ނަޝީދު

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއަދު ރާއްޖޭގައި ރަނގަޅާއި ނުބައިގެ ޚިޔާލުތަފާތުވެ، އިންތިހާއަށް ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ބޭއްވި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ އިނާމުގެ ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ރަނގަޅާ ނުބައިގެ ޚިޔާލުތަފާތުވެ، އިންތިހާއަށް ގޮސް އެއްބަޔަކު އަނެއްބަޔަކަށް ވަރަށް އަނިޔާވެރި ވާހަކަ ދައްކަން ފަށައިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަނެކާއަކީ ގޯސް މީހަކަށް ވާތީ އޭނާއަށް ހަދަންޖެހޭ ގޮތަކީ ވަކި ގޮތެއްކަމަށްބުނާއިރު. އޭނާ ދެކޭނީ އޭނާއަކީ ރަނގަޅު މީހެއްކަމަށެވެ. އެހެން ކިތަންމެ ބަޔަކުވެސް އެގޮތަށް ދެކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ތިމާ ރަނގަޅު ކަމަށް ދެކޭ ކަންތައް އަނެއްމީހާ އެބަދެކޭ ކަނޑައެޅިގެން އެއީ ގޯހެއްކަމަށް މިއަދު ރާއްޖޭގައި ދިމާވެފައިވާ އެންމެ މުހިންމު ކަމަކީ ރަނގަޅާ ނުބައިގެ ތަފާތު، ޚާއްޞަ ގޮތެއްގައި މިފަހުން އަޅުގަނޑުމެންގެ ތެރޭގައި ދީނީ ގޮތުން ރަނގަޅަކީ ކިބައިތޯ ގޯހަކީ ކޮބައިތޯ ވަރަށް ގިނަ ގޮތްގޮތަށް އެބަކިޔައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ތަޢުލީމު އުނގެނިވަޑައިގެނެނެވިއިރު ދީނީގޮތުން ރަނގަޅުކަމަށް ބުނެދިން ކަންތައް މިހާރު މުޅިން ބަދަލުވެ ފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު ދީނީގޮތުން ރަނގަޅު ބުނެދެނީ އެހެން ގޮތަކަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ބުއްދިވެރިކަމާއި ވިސްނުންތެރިކަމާ އެކީ ކަންކަން ނުގެންގޮސްފިނަމަ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި މިއަދުގެ ޅަޖީލު ގެންގޮސް ދެވޭނީ ޚަރާބުގެ އައްސޭރިއަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"ސަލާމަތުގެ އައްސޭރިއަކަށް މިރާއްޖެ ގެންގޮސް ދިނުމަކީ އަޅުގަނޑުމެން މަސްޢޫލިއްޔަތެއް، ޒިންމާއެއް. އެޅުގަނޑުމެން މިތިބީ ހަތަރުއަނގޮޅިއެއްގެ ކަންމަތީގައި. މިއަދު ނިންމާ ނިންމުމަކުން ޔަޤީންކޮށްދޭނީ އަޅުގަނޑުމެންގެ ޤައުމު ދާނެތަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކެއްގެ ރަނގަޅު އެއީ އަނެކެއްގެ ނުބަޔަށް ވުމުން، ބައެއް ފަހަރަށް އެކަން ވަޒަންކުރަން އުދަނގޫވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

" އަޅުގަނޑު ތިކުދިން ގާތު ބުނަން އޮތް ވާހަކައަކީ ޚިޔާލު ތަފާތު ވާނޭ، ރަނގަޅާއި ނުބައިވެސް އެކި މީހުން އެކި ގޮތަށް ދެކޭނޭ. އެހެންނަމަވެސް އެ ޚިޔާލުތަފާތުވުންތަކާއެކުގައި އަޅުގަނޑުމެން އެންމެންނަށް އެކުގައި އުޅެވެން ޖެހޭނެ. އެކެއްގެ ޚިޔާލު އެއީ ހަޖަމު ނުކުރެވޭ ޚޔާލެއްކަމަށްވެ، އެއާއެކީ ނޫޅޭވާތަނަށް ދިޔައީމާ އޭގެސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބަށް ދަނީ. އެއީ އަޅުގަނޑުމެން ދާން ބޭނުންވާ ހިސާބެއް ނޫން" ދަރިވަރުންނާ މުޚާތަބުކޮށް ރައީސް ނަޝިދު ވިދާޅުވިއެވެ.

ދަރިވަރުންނާ މުޚާތަބުކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެކުދިން ދެކޭ ރަނގަޅު ގޮތުގައި އުޅެވިދާނެކަމަށެވެ. ނަމަވެސް އެއީ ގޯހަށް މާދަމާ ބަދަލުވެގެން ހިނގައިދާނެކަމަށެވެ. އެއީ ގޯހެއްކަމަށް ޖަދަލުރާން ކިތަންމެ ބަޔަކު ނުކުންނާނެ ފަދައިން އެއީ ރަނގަޅެއްކަމަށް ބުނެދޭން ވެސް އެތައް ބަޔަކު ނުކުންނާނެކަށެވެ.

ޚިޔާލު ތަފާތުވުން އުފެދި ބައެއް ޤައުމުތަކުގެ ޙާލަތު ގޮސްފައިވާ ހިސާބު ޓީވީތަކުން ދަރިވަރުންނަށް ވެސް ފެނިގެންދާނެކަން ފާހަގަ ކުރައްވާ، ޚިޔާލުތަފާތުވުން އުފެދިގެން ދާނަމަ ރާއްޖެވެސް އެފަދަ ޙާލަތަކަށް ނުދާނެ ކަމަށް ދެކިގެން ނުވާނެ ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ އެ ޚިޔާލު ތަފާތުވުންތަކާ އެކީގައި ހުރިހާ ކުދިންވެސް އުޅެއްޗޭ. އެކަމަކު އަނެކާ އެއީ މާމޮޅު މީހަކަމަށް ދެކ، ތިމާ މިހިރީ ގޯހުގައި ކަމަށް އެއްވެސް ކުއަޖަކު ނުދެކެއްޗޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ތިމާ އެއީ ރަނގަޅުކަންކަމުގައި ދެކޭ ކަންކަން، އެހެން ކިތަންމެ ބަޔަކު އެއީ މާ ގޯސް ކަމެއްކަމަށް ދެކޭ ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ގިނަޕާޓީތައް އެކުލެވޭ ސިޔާސީ ނިޒާމެއްގެ ވާހަކަ އެމަނިކުފާނު ދެއްކުމުން، ގިނަ މީހުން އެއީ ރަނގަޅު ކަމެއްގެ ގޮތުގައެއް އޭރު ނުދެކޭ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނު އަބަދުވެސް ވަޑައިގެންނެވީ އެކަން އެއީ ރަނގަޅުކަމެއްކަމަށް ދެކިވަޑައިގެންކަމަށް ވިދާޅުވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.