ކައުންސިލްތަކުގެ 33 އިންސައްތަ ގޮނޑި އަންހެނުންނަށް ދިނުމަށް ޤާނޫނުން ކަނޑައަޅަނީ

ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެމްބަރުންގެ 33 އިންސައްތަ އަންހެނުންނަށް ކަނޑައެޅުމަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަން ހުށަހަޅައިފައިވާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި ހިމެނުއްވައިފިއެވެ. ޤާނޫނަށް މި އިސްލާޙު ގެންނަނީ ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞާލާޙު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސުލްޖުމަހޫރިއްޔާގެ އޮފީހަށް އެޓާނީޖެނެރަލް އޮފީހުން ވަނީ ފޮނުއްވައިފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެމްބަރުންނަށް އުޖޫރައެއް ދިނުމަށް ކަނޑައެޅުން ވެސް ޤާނޫނަށް ހުށަހަޅައިފައިވާ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ. އަންހެނުން ކޮމެޓީތަކަށް ވަކި ބަޖެޓެއްދީ އޮފިސްހިންގާނެ ތަނެއް ހަމަޖައްސައި ދިނުންފަދަ އިންތިޒާމުތައް ކައުންސިލްތަކުން ފޯރުކޮށްދޭންވާނެކަން ކަނޑައެޅުން ވެސް ހިމެނެއެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނަން ހުށަހަޅައިފައިވާ މައިގަނޑު އިޞްލާޙުތަކުގެ ތެރޭގައި، ކައުންސިލްތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދިނުން ހިމެނެއެވެ. ކައުންސިލްތަކުގެ ބާރުތަކާއި މަސްޢޫލިއްޔަތުތަކަކީ ސަރުކާރުން ކަނޑައަޅާ ދާއިރާއެއްގެ ތެރޭގައި ލިބިދެވޭ ބާރުތަކަކާއި މަސްއޫލިއްޔަތުތަކެއް ކަމުގައި އޮތުމުގެ ބަދަލުގައި، ޤާނޫނުން އެކަން ކަނޑައެޅުން ހިމެނެއެވެ.

ކައުންސިލްގެ އިޚްތިޞާސް ހިނގާ ސަރަޙައްދު ކަނޑައަޅާނެ ގޮތުގެ އުޞޫލުތައް ޤާނޫނުގައި ބަޔާންކޮށް، ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ އެންމެހާ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކްވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ދައުލަތުގެ އާމްދަނީ ފަސް އިންސައްތައަށްވާ ޢަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމަށާއި ކައުންސިލްތަކުގެ އިޚްތިޞާސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 އިންސައްތަ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން، ހުރިހާ ކައުންސިލްތަކަށް ބެހިގެންދާގޮތަށްހަމަޖެއްސުން ހިމެނެއެވެ. އަދި ކައުންސިލްތަކުންދޭ ޚިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުންވެސް ހިމެނެއެވެ.

ރަށެއް ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސް އައިޕީ މަޝްރޫޢުތަކުގެ ތެރެއިން ފަސް މިލިއަނަށްވުރެ ދަށްއަގުގެ މަޝްރޫޢުތައް ކައުންސިލުން ހިންގާ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ. ކައުންސިލްތަކުން ވިޔަފާރިކުރުމަށްޓަކައި ކަނޑައެޅޭ ވަކި އުޞޫލެއްގެ ދަށުން ކުންފުނި އުފައްދައި ހިންގޭނެ މަގިފަހިކޮށް ދިނުން ހިމެނެއެވެ.

އާބާދީއަށް ނިސްބަތްކޮށް މެމްބަރުން އިންތިޚާބުކުރެވޭ ގޮތަށް ހަމަޖެއްސުމަށްޓަކައި، ސިޓީކައުންސިލްތަކަށް މެމްބަރުން އިންތީޚާބުކުރާގޮތް ބަދަލުކުރުން ހިމެނެއެވެ. ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތްފަދަ އާންމު ޚިދުމަތްތައް ކައުންސިލްތަކުން އަމިއްލައަށް ފޯރުކޮށްދިނުމާބެހޭ އުޞޫލުތައް ކަނޑައެޅުންވެސް ހިމެނެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ކައުންސެލަރުން ތަމްޞީލްވާނެގޮތް ހަމަޖައްސައި، ބޯޑު އެކުލެވިގެންވާ ގޮތް ބަދަލުކުރުން ހިމެނެއެވެ. ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ކައުންސިލްތަކުން، ވީ ވަރަކުން ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެކަމަށް ކަނޑައެޅުން ހިމެނެއެވެ.

ކައުންސިލްގެ ޒިންމާދާރުވެރިޔާ އައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުންވެސް ޤާނޫނަށް ގެންނަ އިޞްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.

1 ޚިޔާލު

  1. އަންހެނުން ކުރިމަތިނުލައިފިއްޔާ ފުލުހުން ލައްވާ ގަދަކަމުންވެސް އަންހެނުން ބައިތިއްބަންވާނެ! އަންހެނުން ބާރުވެރިކުރަންވާނީ ފިރިހެނުންނާއި އަންހެނުންނަށް އެއްވަރަކަށް ތައުލީމުގެ ފުރުސަތާއި އާމްދަނީ ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދީގެން. ރައްޔިތުން ހުއްދަދިނީ ވަޒިފާއަށް އެއްމެ އެކަށީގެންވާ މީހުންހޯދައިގެން މަސައްކަތްކުރަން. އެގޮތުން އެންމެ ގާބިލުމީހާ ހޯދަން ކުރަންޖެހޭ ކަމަކީ ވަޒީފާދިނުމުގެ ނިޒާމްތައް ހަރުދަނާކުރުން.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.