ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން އިސްލާމްދީން ނަގަހައްޓަވާނެ ކަމުގެ ފުރިހަމަ އިތުބާރުއެބައޮތް ކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ސަރުކާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢިމްރާން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާމްދީނާއި ރައްޔިތުންގެ މަސްލަޙަތު މިސަރުކާރުން ނަގަހައްޓަވާނެ ކަމުގެ އިތުބާރު އޮތުމަކީ ސަރުކާރާއެކު ޢަދާލަތުޕާޓީ އޮތުމުގެ ސަބަބު ކަމުގައެވެ. މިސަރުކާރުން ދީނުގެ މަސްލަޙަތު ނަގަހައްޓަވައި ޤާނޫނީވެރިކަން ރައީސް ދަމަހައްޓާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އިސްލާމްދީނާއި ދިވެހި ދައުލަތާއި ރައްޔިތުންގެ މަސްލަޙަތު ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ނަގަހައްޓަވާނެ ކަމުގެ ފުރިހަމަ އިތުބާރު އޮތުމަކީ ޢަދާލަތުޕާޓީ ސަރުކާރާއެކު ސާބިތުވެ ދެމިއޮންނަ ސަބަބު. ދީނުގެ މަސްލަހަތު ނަގަހައްޓައި ޤާނޫނުގެ ވެރިކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދަމަހައްޓާނެ،" ޢިމްރާން ކުރައްވާފައިވާ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.
ޢިމްރާން މިފަދަ ޓުވީޓެއް ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އިން 2015 ވަނަ އަހަރު، "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިޢުކޮށްފައިވާ ރިޕޯޓުގައި އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ބަދުބަސް ބުނެފައިވާ މައްސަލާގައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނިކޮށްނެވެ.
ރައީސް ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ތަރަޙައިގެ ތެރޭގައި ވެރިކަން ހިންގައި އެދީން ޙިމާޔަތް ކުރުމަކީ ދިވެހިރާއްޖޭގެ އެންމެ މަތީވެރިޔާގެ ޙައިސިއްޔަތުން އެމަނިކުފާނާ ޤާނޫނު ޢަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެހެން ކަމުން އެމަތިވެރި ޒިންމާ އަދާކުރުންމަތީ ދެމިހުންނަވާނެ ކަމަށެވެ.
އެ ރިޕޯޓުގައި އިސްލާމްދީނުގެ އަސްލުތަކާ ފުށުއަރާ އަދި އިސްމްދީނާއި ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ތައުހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. އެހެން ކަމުން ދީނީ އެއްބައިވަންތަކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ރައީސް ވަނީވިދާޅުވެފައެވެ.