ސޮނީ ޓީވީ ގެ ސުޕަރ ޑާންސަރ އަންނަނީ ބެލުންތެރިންގެ މަގްބޫލުކަން ހޯދަމުން އަންނަ ޝޯއެކެވެ. ކުޑަ ކުދިން ނެށުން ހުށަހަޅާދޭ މިޝޯ ވެފައިވަނީ މިފަހުން ޓީވީން ދައްކާ ޑާންސް ރިއަލިޓީ ޝޯ ތަކުގެ ތެރެއިން އެންމެ ރަނގަޅު އެއް ޝޯއަށެވެ.
ތިން ޖަޖުންގެ ޕެނެލްއާއި ޝޯގެ ހޯސްޓް ރިތްވިކް އަދި ޝޯގެ ބައިވެރިންނާ ކޮރިއޮގްރާފަރުންދަނީ ބެލުންތެރިންނަށް މަޖާ ތަފާތު ހަރަކާތްތައް ހުށަހަޅައިދެމުންނެވެ. ދާދި ފަހުން އޮތް އެޕިސޯޑެއްގައި މި ޝޯއާ 9 ވަނަ ބައިވެރިއަކު ގުޅެންއުޅޭ ވާހަކަ އިއުލާން ކުރުމުން ސެޓުގައި ތިބި އެންމެންނަށް ހައިރާންކަމެއް ލިބުނެވެ. މާގިނަ އިރުތަކެއް ނުވެ ޝިލްޕާ ޝެޓީގެ ދަރިފުޅު ވިއާން ރާޖް ކުންޑްރާ އޭނާގެ ބައްޕަ ރާޖް ކުންޑްރާ އާއެކީ ސްޓޭޖަށް އައެވެ.
ކުޑަކުދިންގެ ދުވަހަށް ޚާއްސަަ ކުރެވިފައިވާ އެޕިސޯޑުގައި (އިންޑިއާގައި ކުޑަ ކުދިންގެ ދުވަސް ފާހަގަ ކުރަނީ އިންޑިއާގެ ފުރަަތަމަ ބޮޑުވަޒީރުގެ އުފަން ދުވަސް ކަމުގައިވާ ނޮވެންބަރު 14 ވަނަ ދުވަހުއެވެ) ވިއާން އޭނާގެ ނެށުމުގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާލިއެވެ. މި އެޕިސޯޑުގެ ޝޫޓިންގައި ވިއާން ސްޓޭޖަށް އައުމުން އެންމެންގެ ލޯތައް ވިއާން އަށް ހުއްޓުނެވެ. އޭނާ ޓައްޓަޑް ޓައްޓަޑް(Tattad Tattad) މިލަވައަށް ނަށަމުން ދިޔައިރު ޝިލްޕާ އާއި އެހެން ބައިވެރިން އޭނާއާއި އެކު އެލަވައަށް ފައިހަމަކޮށް މަޖާކުރި ކަމަށްވެއެވެ.
ޓީވީޝޯ ތަކުގެ ކޮންޓެންޓުން އުޅުމަށް ނޭދެވޭ އަސަރު ކުރާތީ އޭނާގެ ދަރިފުޅަށް ޓީވީ ޝޯތައް ނުދައްކަން މަސައްކަތް ކުރާ ކަމަށް ޝޯގެ ޕްރެސް ކޮންފަރެންސްގައި ޝިލްޕާ ބުނެފައިވެއެވެ. އެހެންނަމަވެސް ސުޕަރ ޑާންސަރ އަކީ ވިއާންއަށް އެންމެ ކަމުދާ ޝޯ ކަމަށް ވެއެވެ. އަދި ވިއާން އަކީ ނެށުން ހުށަހަޅާއިދޭން ތަމްރީނު ކޮށްފައިވާ ކުއްޖެއް ނޫން ކަމަށާއި އެއީ ތަޕޯރީ(tapori) ނެށުންތެރިއެއް ކަމަށް ޝިލްޕާ ބުންޏެވެ.
މަޢުލޫމާތު: ޕިންކް ވިލާ ޑޮޓް ކޮމް