އިކުއޭޓޯރިއަލް ގިނީގެ ރައީސު ޓެއޮޑޯރޯ އޮބިއަންގް އިންގުއެމާ އިމްބާސްގޯ ގެ ދަރިކަލުން އަދި އެ ގައުމުގެ ނާއިބު ރައީސު ޓެއޮޑޯރޯ އޮބިއަންގް އިންގުއެމާ މާންގުއޭގެ މިލްކިއްޔާތުގައި އޮތް އަގުބޮޑު 25 ކާރު ނީލަމުގައި ވިއްކާލަން ސުވިޒަލޭންޑުގެ ސަރުކާރުން ނިންމައިފިއެވެ.
ޓެއޮޑޯރިން (އިންގުއެމާ މާންގުއޭއަށް ކުރުކޮށް ކިޔާ ނަން) ދެކޮޅަށް ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާ 2016 ވަނަ އަހަރު ޖެނީވާގައި އުފުލުމާއެކު އެގައުމުގެ ޖަސްޓިސް ޑިޕާޓްމަންޓުން ވަނީ އޭނާގެ މިލްކިއްޔާތުގައި އޮތް 25 ހިފަހައްޓާފައެވެ. ފެރާރީއާއި، ލަމްބޯގީނާއާއި، ރޯލްސް ރޮއިސް ފަދަ އަގު ބޮޑު ކާރުތަކުގެ މައްޗަށް އެކުލެވޭ މި 'ލަގްޒަރީ ކަލެކްޝަން' ވިއްކައިގެ 18.7 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ބެލެވެއެވެ.
ސްވިޒަލޭންޑް ސަރުކާރުން މި ކާރުތައް ނީލަން ކިޔަން ނިންމީ، ޓެއޮޑޯރީންއާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންގއާއި ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އަނބުރާ ގެންނަން މި އަހަރު ފެބްރުއަރީ މަހު ޖެނީވާގެ ޕްރޮސެކިއުޓަރުން ނިންމުމާ ގުޅިގެންނެވެ. ސްވިޒަލޭންޑުގެ ގާނޫނު ބުނާ ގޮތުން ބައެއް ކަހަލަ މައްސަލަތަކުގައި ދައުވާ ލިބޭ ފަރާތުން އޭނާގެ މުދާ ދޫކޮށްލަން އެއްބަސްވާނަމަ އޭނާގެ މައްޗަށް ދައުވާ ނުއުފުލައި ދޫކޮށްލެވެއެވެ. ޓެއޮޑޯރޯގެ ކާރުތައް ނަގައި ނީލަން ކިޔަނީވެސް މިގާނޫނުގެ ދަށުންނެވެ.
ޖެނީވާއާ 30 ކިލޯމީޓަރު ދުރުގައި އޮންނަ ޗެސެރެކްސްގެ ބޮންމޮންޓް ގޮލްފް އެންޑް ކަންޓްރީ ކްލަބްގައި ނީލަން ކިއުމަށް ހަމަޖެހިފައިވާ ކާރުތަކުގެ ތެރޭގައި ފެރާރީ 7 ކާރާއި، ލަމްބޯގީނީ 3 ކާރާއި، ބެންޓްލޭސް 5 ކާރާއި، މަސެރާޓީ ކާރަކާއި، މެކްލަރެން ކާރެއް ހިމެނެއެވެ. މި ކާރުތަކުގެ ނީލަން ފެށުމަށް އެންމެ ދަށް އަގެއް ކަނޑައެޅިފައި ނުވެއެވެ.
އިކުއޭޓޯރިލް ގިނީއަކީ އެފްރިކާގައި އެންމެ ގިނައިން ތެޔޮ ނަގާ އެއް ގައުމެވެ. ޓެއޮޑޯރިންގެ ބައްޕާފުޅު 1.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެ ގައުމުގައި ރައީސުކަން ކުރައްވާތާ 40 އަހަރު ވެއްޖެއެވެ. އޭނާގެ ދިގު ވެރިކަން ސިފަކުރެވިފައި ވަނީ ދުނިޔޭގެ އެންމެ ކޮރަޕްޓް އެއް ވެރިކަމުގެ ގޮތުގައެވެ.