ނުރައްކާތެރި ކެމިކަލާ ބެހޭ ޤަވާއިދު ގެޒެޓުކޮށް ޢަމަލު ކުރަން ފަށައިފި

ނުރައްކާތެރި ކެމިކަލް ރާއްޖެއަށް އެތެރެ ކުރުމާއި ވިއްކުމާއި، ގުދަން ކުރުމާ ބެހޭ ޤަވާޢިދެއް ފުރަތަމަ ފަހަރަށް ހަދައި ގެޒެޓު ކުރުމަށްފަހު މިއަދުން ފެށިގެން އެއަށް ޢަމަލު ކުރަން ފަށައިފިއެވެ.

މިފަދަ ޤަވާޢިދެއް މިހެދީ މިދިޔަ ހުކުރުދުވަހުގެރޭ މާލޭގައި އަލިފާނުގެ ނުރައްކާތެރި ޙާދިސާއެއް ހިނގައި އެކަކު ނިޔާވެ 7 ގެއަކާއި 4 ގުދަން އަނދައި ބޮޑެތި ގެއްލުން ވުމަށްފަހުގައެވެ.

އެ ޤަވާޢިދު ބުނާ ގޮތުން ކެމިކަލް ރާއްޖެއަށް އެތެރެ ކުރުމުގެ ކުރިން އެކަމުގެ ހުއްދައަށްއެދި ޑިފެންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ. އެކަމަށް އެދި ހުށަހަޅަންޖެހޭނީ ފޯމަކުންނެވެ. ކޮންމެ ޝިޕްމެންޓަކަށް އައު ހުއްދައެއް ނަގަންޖެހޭ ކަމަށް އެޤަވާއިދުގައިވެއެވެ. މި ޤަވާއިދު ތަންފީޒު ކުރައްވާނީ މިހާރު ވެސް އެކަން ކުރައްވާ ޑިފެންސް މިނިސްޓްރީންނެވެ.

އެ ޤަވާޢިދު ބުނާ ގޮތުން ހުއްދައަށް އެދުނަސް ހުއްދަ ދެވޭނީ ކަނޑައަޅައިފައިވާ ޝަރުތަކެއް ފުރިހަމަ ވުމުންނެވެ. އޭގެ ތެރޭގައި ރައްކާތެރިކަމާއެކު ކެމިކަލް އެއްތަނުން އަނެއް ތަނަށް އުފުލުމުގެ އިންތިޒާމާއި ގުދަން ކުރުމާއި، ކެމިކަލް ވިއްކުމުގެ ކުރިން ރައްކާތެރި ކަމާއެކު ގެންގުޅޭނެގޮތް ގަންނަ ފަރާތްތަކަށް ކިޔައިދޭން ޖެހެއެވެ.

ކެމިކަލް ބަހައްޓާ ތަން އިންޝުއަރެންސް ކުރުމަށް ވެސް އެޤަވާއިދުގައި ވަނީ ބުނެފައެވެ. އޭގެ އިތުރަށް ކެމިކަލް ވިއްކާ ފަރާތްތަކުން އޭގެ ރެކޯޑު ވެސް ބަލަހައްޓަންޖެހެއެވެ. އަދި ކަމާ ބެހޭ ފަރާތްތަކުން ބޭނުންވެއްޖެ ހިނދެއްގައި ކެމިކަލް ވިއްކާފައިވަނީ ކޮންފަރާތަކަށްތޯ ދެއްކޭނެ ގޮތަށް ލިޔެކިޔުންތައް ބައްޓަން ކުރަންޖެހެއެވެ.

ޤަވާޢިދު ބުނާގޮތުގައި ކެމިކަލް ވިއްކާ ގުދަންތައް ހުންނަވާނީ މީހުން އުޅޭ ސަރަޙައްދާ ދުރުގައި ވަކީންނެވެ. އެރައްކާކޮށްފައި ބަހައްޓާ ގުދަން ތިން ބުރިއަށްވުރެސް އުސް ވެގެން ނުވެއެވެ. ގުދަނުގައި ހުންނަންވާނީ އަލިފާން ނުހިފާ ޒާތުގެ ދޮރުތައް ކަމަށްވެސް ޤަވާޢީދުގައި ވަނީ ބުނެފައެވެ. ހުއްދަދޭ ސާމާނު ފިޔަވައި އެހެންއެއްވެސް އެއްޗެއް ގުދަނުގައި ރައްކާކޮށްގެން ނުވާނެއެވެ. ވަކި ޓެމްޕަރޭޗަރެއްގައި ބަހައްޓަންޖެހޭ ކެމިކަލެއް ކަމަށްވާނަމަ އެއަށް ވަކި ގުދަން ހަދަންޖެހެއެވެ. އަލިފާން ނިއްވުމުގެ ނިޒާމް ވެސް ހުންނަވާނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ކަނޑައަޅާ ގޮތެއްގެ މަތީންނެވެ.

މި ޤަވާޢިދަށް ޖުމްލަކޮށް ބަލާއިރު ހުރިހާ ކަމެއްވެސް ހުރީ ރަނގަޅަށް ކަމަށް ބެލެވެއެވެ. ޤަވާޢިދާ ޚިލާފުވާ ފަރާތްތައް ބޮޑެތި ޢަދަދުން ޖުރިމާނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ފަސް ހާހުން ފެށިގެން ގޮސް ފަންސާސް ހާހާ ދެމެދުގެ ޢަދަދަކަށް ޖުރިމާނާ ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ. މި ޤަވާޢިދުގެ ނަމަކީ "ނުރައްކާތެރި ކެމިކަލާ ބެހޭ ޤަވާޢިދު" އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.