ސީރިއާގެ ރެފިއުޖީ ކޭމްޕްގައި ތިބި ދިވެހިން ދެމަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެންނަނީ

ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި ހާލުގައި ޖެހިފައިވާ ތިބި ދިވެހިން ދެ މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ރައީސް އޮފިހުގައި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ މީހުން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނީ ބޭރުގެ ދެޤައުމަކާ ގުޅިގެންކަމަށްރައީސް ވިދާޅުވިއެވެ. ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ފެށްޓެވުމަށް އެދެ ޤައުމުގެ ވަފުދެއް މިމަހު ފަހު ހަފާތާގެ ތެރޭގައި ރާއްޖެއަށް ވަޑައިގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖެ ގެނައުމުގެ ކުރިން އެމީހުން އެ ކޭމްޕުތަކުން ނެރެގެން ފުރަތަމަ ގެންދާނީ އެހެން ގައުމަކަށް ކަމަށް ރައީސް ވިދާޅުވި އެވެ. ސީރިޔާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރެވެމުން ދަނީ ބޭރުގެ ކޮން ދެ ޤައުމަކާ ގުޅިގެންކަމެއް ރައީސް ހާމައެއް ނުކުރައްވައެވެ.

އެމީހުން ގެނެސް ވަގުތީގޮތުން ބައި ތިއްބާނެ ތަނެއްގެ މަސައްކަތް ޢަމަލީގޮތުން މިހާރު ވަނީ ފަށްޓަވައިފައެވެ. ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެމީހުން ރާއްޖެ ގެނެވޭނީ ވަގުތީ ގޮތުން ބޭތިއްބުމަށް ހަދާތަނުގެ މަސައްކަތް ނިމުމުންކަމަށް ވިދާޅުވިއެވެ.

" އެ މީހުންނަކީ ޓެރަރިސްޓް ހަނގުރާމައަކާ ގުޅިފައި ތިބި ބައެއް. ހަމަ ސީދާ ގެނެސް މުޖުތަމަޢުތެރެއަށް ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތެއްނޫން. އަޅުގަނޑުމެންނާއެކީ މި މަސައްކަތުގައި އެހީތެރިވެދޭ ޖަމްޢިއްޔާތަކުންވެސް، ޤައުމުތަކުންވެސް އެގޮތަށް ލަފާ ދެއްވާ. މުޖުތަމައުއަށް ދޫކުރުމުގެ ކުރިން އެމީހުންނަށް ދޭންޖެހޭ ފަރުވާދީ، އަހުލުވެރިކުރަން އެބަޖެހޭ." ރައީސް ވިދާޅުވި އެވެ.

ސީރިއާގެ ކޭމްޕްތަކުގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ ގެނެވޭނީ އަންނަން ބޭނުންވާ މީހުންކަމަށް ރައީސް ވިދާޅުވިއެވެ. އެކޭމްޕްތަކުގައި ތިބި ބައެއް ކުދީންގެ ރައްޔިތުކަން ވެސް ކަށަވަރު ކުރަންޖެހޭ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަ ކުރެއްވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ލިސްޓުގައި ވާގޮތުން 33 ދިވެއްސަކު ސީރިއާގެ ރެފިއުޖީ ކޭމްޕްތަކުގައި އުޅެއެވެ. އަދި އެތަނުގައި 12 ކުއްޖަކު އުފަންވެފައިވާ ކަމަށްވެސް ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.