މި ސެޕްޓެންބަރު މަސް ފެށުނުތަނާ އެޓްލާންޓިކް ކަނޑުގައި ފްލޮރިޑާގެ ދެކުނުން އޮންނަ ގައުމެއް ކަމަށްވާ ބަހާމާސްއަށް އެރި ބާރުގަދަ ޠޫފާން 'ޑޯރިއަން' ގެ ސަބަބުން އެގައުމުގެ 2500 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބަހާމާސްގެ ނޭޝަނަލް އެމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ނީމާ) އިން އިއްޔެ ބުނެފިއެވެ.
ޓީވީ މެދުވެރިކުރައްވައި ގައުމާއި މުޚާޠަބުކުރައްވަމުން ބޮޑުވަޒީރު ހުބާޓް މިނިސް ވިދާޅުވީ މަރުވިކަން ޔަގީންވެފައިވާ މީހުންގެ އަދަދު މިހާތަނަށް 50 ގައި އޮތް ކަމުގައިވިޔަސް، ގިނަ ބަޔަކަށް ވީނުވީއެއް ނޭނގިފައިވާތީ މަރުވި މީހުންގެ އަދަދު އިތުރުވުން ގާތް ކަމުގައެވެ.
"މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަން ފާހަގަކޮށްލަން ޖެހޭ." މިނިސް ވިދާޅުވިއެވެ.
ޠޫފާންގެ ގިންތި ތަކުގެ ތެރެއިން އެންމެ ބާރުގަދަ އަދި އެންމެ ނުރައްކާތެރި ގިންތި ކަމުގައިވާ 5 ވަނަ ގިންތީގެ ޠޫފާނެއްގެ ގޮތުގައި ސެޕްޓެންބަރު 1 ވަނަ ދުވަހު ޑޯރިއަން ބަހާމާސްއަށް އެރިއިރު، އެ ޠޫފާން ބެލެވިފައިވަނީ ފަހުގެ ތާރީޚެއްގައި ކެރީބިއަން ސަރަހައްދާއި އެމެރިކާއަށް އެރި އެންމެ ބާރުގަދަ އެއް ޠޫފާން ކަމުގައެވެ. ބާހާމާސްއަށް އެރިއިރު ޠޫފާންގެ ވައި ހުރީ ގަޑިއަކު 298 ކިލޯމީޓަރު ބާރުމިނުގައެވެ.
ޠޫފާންގައި އެންމެ ބޮޑަށް ގެއްލުންވި އަބަކޮ ޖަޒީރާގެ %90 ގެ ހަލާކުވެފައި ވާއިރު، އެރަށުގެ ގިނަ ބަޔަކު ވަނީ ގެއްލިފައެވެ.
"މިރަށުގެ ކޮންމެ މީހަކުވެސް އުޅެނީ އޭނާގެ ކޮންމެވެސް މީހަކު ގެއްލިގެން. މިއީ ހިތްހަލާކުވާވަރުގެ ކަމެއް." އެރަށުގެ މީހަކު ބުންޏެވެ.
ޠޫފާނުގެ މާއްދީ ގެއްލުންވެސް ބިލައަނުން ގުނާލެވޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ހާމަކުރަމުންނެވެ. ބަހާމާސްގެ އިންޝުއަރެންސް ކުންފުނި ކަރެން ކްލާކް އެންޑް ކޮމްޕެނީ (ކޭސީސީ) އިން ބުނި ގޮތުގައި ބަހާމާސްއަށް ލިބުނު އުމްރާނީ ގެއްލުން 7 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ބެލެވެއެވެ.