އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ މަސައްކަތް ހުއްޓުވާލީ ގާނޫނާ ޚިލާފަށް: ސްކޮޓްލޭންޑުގެ ކޯޓް އޮފް ސެޝަންސް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން އެގައުމުގެ ގާނޫނުހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސްގެ މަސައްކަތް ހުއްޓުވުމަކީ (ސަސްޕެންޑްކުރުމަކީ) ގާނޫނާ ޚިލާފު ކަމެއް ކަމުގައި ސްކޮޓްލޭންޑްގެ އެޕީލް ކޯޓުން ހުކުމްކޮށްފިއެވެ.

ސްކޮޓްލޭންޑްގެ އެންމެ މަތީ މަދަނީ ކޯޓުކަމުގައިވާ އެޑިންބަރާ ކޯޓް އޮފް ސެޝަންސްގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިގޮތަށް ނިންމީ، ބޮޑުވަޒީރުގެ ނިންމުމާ ދެކޮޅަށް އެކޯޓަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހުއެވެ. ހުކުމުގައި ބުނެފައި ވަނީ ބޮޑުވަޒީރު ޖޮންސަންގެ އެ ނިންމެވުމަކީ "ބާޠިލު އަދި އެއަށް އަމަލުނުކުރެވޭނޭ" ނިންމެވުމެއް ކަމުގައެވެ.

ކޯޓުގެ އެންމެ އިސް ތިން ފަނޑިޔާރުން އިއްވެވި ހުކުމުގައި ބުނެފައިވަނީ، ސަރުކާރުން ހުށަހެޅި ލިޔުންތަކުންވެސް އެނގޭ ގޮތުގައި ސަރުކާރުގެ "ހަގީގީ މަގުސަދަކީ" ގާނޫނުހަދާ މަޖިލީހަށް މަސައްކަތްކުރިޔަ ނުދިނުން ކަމުގައި ވާތީ، ބޮޑުވަޒީރުގެ ނިންމެވުން ވާނީ ގާނޫނާ ޚިލާފު ނިންމެވުމަކަށެވެ.

14 އޮކްޓޯބަރާއި ހަމައަށް "ގާނޫނުހަދާ މަޖިލިސް ހުއްޓުމަށް ގެންނެވުމަށް ރާނީއަށް ދެންނެވުމުގެ ފަހަތުގައި ވަނީ ގާނޫނުހަދާ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅުމުގެ ނުބައި މަގުސަދު ކަމަށް ވާތީ، އެކަމާއި، އެކަމާ ގުޅިގެން ދެން ހިނގި ކަންކަން ވާނީ ގާނޫނާ ޚިލާފު ކަންކަމަށެވެ." ހުކުމުގައި ވެއެވެ.

އިނގިރޭސި ސަރުކާރުން ބުނީ ސްކޮޓްލޭންޑް ކޯޓުގެ ހުކުމް ލަންޑަނުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމުގައެވެ.

މިއަދު ކޯޓުން މި އިއްވި ހުކުމުން ގާނޫނުހަދާ މަޖިލީހުގެ މަސައްކަތަށް ކުރާނެ އަސަރެއް އަދި ސާފުނުވެއެވެ. ގާނޫނުހަދާ މަޖިލީހުގެ މަސައްކަތް މިހާރު މެދުކަނޑާލާފައި ވާއިރު، މެންބަރުން ދެން އެނބުރި އަންނާނީ 14 އޮކްޓޯބަރުގައި ބޮޑުވަޒީރު ޖޮންސަންގެ ސަރުކާރު ސިޔާސަތުތައް ހާމަކުރެއްވުމަށް ރާނީ ދެއްވާ ހައުސް އޮފް ކޮމަންސްގައި ދެއްވާ ޚިޠާބު އަޑުއެއްސެވުމަށެވެ.

މައްސަލަ ކޯޓަށް ހުށަހެޅުއްވި 70 މެންބަރުންގެ އިސް ބޭފުޅަކަށް ހުންނެވި ޖޮއާނާ ޗެރީ (ސްކޮޓިން ނޭޝަނަލް ޕާޓީ) ވަނީ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ވަގުތުން ފެށުމަށް ގޮވައިލައްވާފައެވެ.

"އަހަރުމެންގެ ނިންމުން މުޅިން ރަނގަޅު ކަން ގަބޫލުވީ ކަމަށް އަހަރުމެންނަށް އިހުސާސު ކުރެވެނީ. މި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓާނެ ކަމަށް އަހަރުމެންނަށް އުއްމީދު ކުރެވޭ." ޗެރީ ވީދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.