ޤައުމުގައި ރަނގަޅަށް ކަންކަން ނުދާކަމަށްވަންޏާ، ސަރުކާރެއް ޖަވާބުދާރީކުރުމަށް ކޮންމެ އިރަކުވެސް ރައްޔިތުން މަގުމައްޗަށް ނުކުމެދާނެކަމުގެ ބިރު ކޮންމެ ސަރުކާރަކަށްވެސް އޮންނަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ޙުޞައިން ވިދާޅުވެއެވެ. އޭނާ މިހެން ވިދާޅުވީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލައްވެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށީދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ހުށަހަޅުއްވި ބިލަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންނެވެ.
ޤަމުގައި ރަނގަޅަށް ކަންކަން ނުދާކަމަށްވަންޏާ، އޭރަކު އޮންނަ ސަރުކާރަކަށް ރައްޔިތުން ކޮންމެ އިރެއްގައިވެސް މަގުމައްޗަށް ނުކުމެދާނެ ބިރު އޮންނަން ޖެހޭނެކަމަށް ފާހަގަ ކުރައްވައި، އެ މިނިވަންކަން ނެތްނަމަ، އޮންނާނީ ގޮށްމުށުގެ ވެރިކަން ކަމަށް މެމްބަރ ޢަލީ ޙުޞައިން ފަހަގަ ކުރެއްވިއެވެ.
ޤާނޫނު އަސާސި ހެދީ އަސާސީ ޙައްޤުތައް ކަށަވަރު ކޮށްދެއްވަން ކަމަށް ފާހަހަގަ ކުރައްވާ މެމްބަރ ޢަލީ ވިދާޅުވީ ޤާނޫނުއަސާސީގައި އެހެން މާއްދާތައް ލިޔެވިފައިވަނީ، އަސާސީ ޙައްޤުތަކާއި މިނިވަންކަން ކަށަވަރުކޮށް ޔަޤީންކޮށް ދެއްވުމަށްކަމަށެވެ. އަސާސީ ޙައްޤުތަކާއި މިނިވަންކަން ބިނާ ވެފައިވާ އެންމެ މުހިންމު ދެ އަސާސަކީ އެއްވެ އުޅުމުގެ މިނިވަން ކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަންކަމަށް އެނާ ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރެވެނީވެސް އެއްވެ އުޅެވިގެން މެމްބަރ ޢަލީ ޙުޞައިން ފާހަގަކުރެއްވިއެވެ. ސިޔާސީ ޕާޓީތައް ހަދަނީވެސް އެއްވެއުޅުމުގެ ޙައްޤުގެތެރެއިން ކަން ފާހަގަކުރެއްވިއެވެ. ސިޔާސީ ޕާޓީ ހިންގުމުގެ ބިންގަލަކީވެސް އެއްވެ އުޅުމުގެ މިނިވަން ކަން ފާހަގަ ކުރައްވައި، އެއްވެ އުޅުމުގެ ޙައްޤަކީ އާދައިގެ ޙައްޤެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 2012 އިން ފެށިގެން އެއްވެ އުޅުމުގެ ޙައްޤަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައިސް ޓެރެރިޒާމާ އެއްވަރުގެ ކުށަކަށްވެ، އެއްވެ އުޅުމުގެ ތެރެއިން އެތައް ބަޔަކު ހައްޔަރު ކުރެވިގެން ދިޔަތަން ދެކެވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. ހުދު އެމެމްބަރވެސް ވަނީ އެކަން ތަޖްރިބާ ކުރައްވައިފައެވެ. އެއްވެ އުޅުމުގެ ތެރޭގައި ފާޅުކޮށްފައިވާ ޚިޔާލާ ގުޅިގެން މީހުންނަށް ޓެރެރިޒަމްގެ ދަޢުވާކޮށް ފައިވާކަން ވެސް ޢަލީ ހުޞައިން ފާހަގަކުރެއްވިއެވެ.
ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލައްވެއްވުމަށް ޖާބިރު ހުށަހެޅުއްވި ބިލް ރައްޔިތުންގެ މްޖިލީހުން އިއްޔެ ވަނީ ބަލައިގެންފައެވެ. ގިނަ ޢަދަދެއްގެ ބިލާއި ޤަރާރު ކާށިދޫ ދާއިރާގެ މެމްބަރ މަޖިލީހަށް ހުށަހެޅުއްވި ނަމަވެސް މިބިލް ފިޔަވައި ހުރިހާ މައްސަލައެއް ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައްވައިފައެވެ. ޖާބިރު ހުށަހަޅުއްވި ބިލަށް އެމްޑީޕީން ތާއީދު ކުރައްވުމުން، އެބިލް މަޖިލީހުން ބަލައިގަތުމަށް ފާސްވެގެން ދާނެކަމަށް ވަރަށްބޮޑަށް ދެކިވަޑައިގަންނަވާ ކަމަށް ބިލާ ބެހޭބަހުސްގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވިއެވެ.
ބިލް ހުށަހަޅުއްވަމުން މެމްބަރ ޖާބިރު ވިދާޅުވީ މިޤާނޫނު އުވާލެއްވުމަށް ހުށަހެޅުއްވީ ޤާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ ޙައްޤުގެ މިނިވަންކަން މި ޤާނޫނުން ވަރަށް ބޮޑަށް ހަނިވެގެންދާތީ، އެކަމުގެ ކަންބޮޑުވުން އޭރުވެސް އަދި މިހާރުވެސް އެތައް ރައްޔިތުންފާޅުކުރަމުންދާތީ ކަމުގައެވެ. އަދި މިބިލް އުވާލުމަށް ހުށަހެޅުއްވީ ފުރިހަމަ ޑިމޮކްރެޓިކްވެއްޓެއް ދިވެހިންނަށް ޔަޤީންކޮށްދެއްވުމުގެ މަޤްޞަދުގައި ކަމަށެވެ.
ޤާނޫނޫ އަސާސީގެ 32 ވަނަ މާއްދާގައި ބުނަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާ ނުލައި ޞުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާކަމުގައެވެ.
ޤާނޫނު އަސާސީގައި މިގޮތަށް މިނިވަންކަން ދީފައި ވީނަމަވެސް ސްކޫލުތަކާއި މިސްކިތްފަދަ ތަންތަނަށް އެއްވުން އިސްތިސްނާ ވާންޖެހޭނެކަމަށް މިބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެމްބަރ، ޤާނޫނީ ވަކީލް ޢަލީ ޙުޞައިން ވިދާޅުވިއެވެ.