އިނގިރޭސިވިލާތުގައި މުސްލިމުންނަށް ގޯނާކުރަން ގޮވާލައި ސިޓީ ފޮނުވި މީހާ 12 އަހަރަށް ޖަލަށް

ލަންޑަނުގެ މިސްކިތެެއް

މުސްލިމުންނާ ދެކޮޅަށް އަނިޔާވެރި އަމަލު ހިންގަން ގޮވާލައި އިނގިރޭސިވިލާތުގެ އެކި ތަންތަނަށް 2016 ވަނަ އަހަރުން ފެށިގެން ސިޓީ ފޮނުވަމުން ދިޔަ މީހާ 12 އަހަރަށް ޖަލަށްލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އިނިގޭސިވިލާތުގެ ލިންކޯންގައި އައިޓީ ސިސްޓަމް އެނަލިސްޓެއްގެ ވަޒީފާގައި ހުރި އުމުރުން 36 އަހަރުގެ ޑޭވިޑް ޕާންހަމް ވަނީ ފާއިތުވި އަހަރުގެ އެޕްރީލް މަހުގެ 3 ވަނަ ދުވަހު "މުސްލިމަކަށް އަދަބު ދޭ ދުވަސް" ގެ އިންޒާރާއެކު މިސްކިތްތަކަށާއި، ގާނޫނުހަދާ މަޖިލީހުގެ މުސްލިމް މެންބަރުންނަށް ކާކުކަން ނޭނގޭ ގޮތަށް ސިޓީ ފޮނުވާފައެވެ.

ފުލުހުން އޭނާ ހައްޔަރުކުރީ އޭނާގެ ޑީއެންއޭއާއި، އިނގިލީގެ ނިޝާނުގެ އިތުރަށް އަތުލިއުމުގެ ޒަރީއާއިންނެވެ.

އޭނާ ފޮނުވަމުން ދިޔަ ސިޓީގައި ބުނެފައިވާ ގޮތުން އިސްލާމްދީން ދަނީ ޔޫރަޕްގައި ބާރަށް ފެތުރެމުންނެވެ. އަދި އެ ސިޓީގައި ވަނީ މުސްލިމް އަންހެނެއްގެ ބުރުގާ އިރައިލުން، މިސްކިތަކަށް އެސިޑް ހަމަލާދިނުން ބަޑި، ވަޅި، ދުއްވާ އެއްޗެއް ފަދަ އެއްޗަކުން މުސްލިމަކު "ކަތިލުމުން" ޕޮއިންޓް ލިބޭ ކާޑެއްވެސް ހިމަނާފައެވެ.

ޕާންހަމްއަށް 12 އަހަރުގެ ޖަލު ހުކުމް އިއްވަވަމުން ލަންޑަނުގެ ސެންޓްރަލް ކްރިމިނަލް ކޯޓުގެ ސީނިއަރ ސާކިޓް ޖަޖް އެންތަނީ ލެއޮނާޑް ވިދާޅުވީ އޭނާ އެފަ ނުރައްކާތެރި އަމަލެއް ހިންގި އިރު އެކަމުގެ ނުރައްކާތެރިކަން އޭނާ ތަސައްވަރުކޮށްފައި ނުވާކަމުގައެވެ.

"ޕާންހަމް ތި ކުރި ކަމުގެ ނުރައްކާ އަދި ތަސައްވަރު ނުކުރެވިގެން އުޅޭއިރު، ބޭނުން ތިވަނީ، މައިންބަފައިންނާއެކު އުޅުމަށް ވީ އެންމެ އަވަހަކަށް މުޖުތަމައުގެ ތެރެއަށް އެނބުރިދާން." ޕާންހަމްއާ މުޚާޠަބުކުރައްވަމުން ޖަޖް ލެއޮނާޑް ވިދާޅުވިއެވެ.

ޖަޖް ވިދާޅުވިތޮގައި، ޕާންހަމްއަށް އޭނާ ކުރަން އުޅުނު ކަމުގެ ނުރައްކާތެރިކަން ތަސައްވަރު ނުކުރެވުމުކީ އޭނާ އެފަދަ ކުށަކަށް އެނބުރި އައުމުގެ ފުރުސަތު އިތުރުވާނެ ކަމެކެވެ. އެހެންކަމުން އޭނާގެ މައްޗަށް 12 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވާފައެވެ.

ޑޭވިޑް ޕާންހަމް މިހާރު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ހޮސްޕިޓަލުގައެވެ. އޭނާ ޖަލަކަށް ބަދަލު ކުރެވޭ ވަރަށް ރަނގަޅުވުމުން އޭނާ ޖަލަށް ބަދަލުކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.