ސޫދާނުގެ އިންތިގާލީ މަރުހަލާގެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއިކޮށްފި

ސޫދާނުގެ 'ދަސްތޫރީ އިއުލާނު' ގައި ސޮއިކުރެއްވުމަށް ފަހު ޖެނެރަލް ދަޤްލުއާއި އަޙްމަދު ރަބީޢު އެއްބަސްވުން ހިއްޕަވައިގެން

ސޫދާނުގައި ކުރިއަށް ތިން އަހަރާއި ތިން މަސްދުވަހު ވެރިކަން ކުރާނެ އިންތިގާލީ ސަރުކާރު އެކުލަވާލުމާ ބެހޭ 'ދަސްތޫރީ އިޢުލާނު' ގައި މިހާރު ވެރިކަންކުރާ އިންތިގާލީ އަސްކަރީ މަޖިލީހާއި، މަދަނީ ވެރިކަމަށް ވަކާލާތުކޮށް މުޒާހަރާކުރަމުންދިޔަ ފަރާތްތައް ތަމްސީލުކުރާ ފޯސަސް އޮފް ފްރީޑަމް އެންޑް ޗޭންޖް (އެފްއެފްސީ) ގެ ފަރާތުން ދާދި ދެންމެއަކު ސޮއިކޮށްފިއެވެ.

ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ވަރިރަށް ޚުރްޠޫމުގައި ކުރިއަށް ދިޔަ މި ހަފުލާއަށް އެފްރިކާގެ ބައެއް ގައުމުތަކުގެ އިސްވެރިންނާއި، ވަޒީރުން ވަނީ ހާޒިރުވެވަޑައިގެންފައެވެ.

އިންތިގާލީ އަސްކަރީ މަޖިލީހުގެ ފަރާތުން، އެ މަޖްލީހުގެ ނާއިބު ރައީސު ޖެނެރަލް މުޙައްމަދު ޙަމްދާން ދަޤްލޫ (ޙަމީދަތީ) އާއި، އެފްއެފްސީގެ ފަރާތުން އަޙްމަދު ރަބީޢު މިއަދު ސޮއިކުރެއްވި އެއްބަސްވުމަކީ މަދަނީ ދައުލަތަކަށް ސޫދާނު ބަދަލުކުރުމަށް އެޅުނު ބިންގަލެވެ.

މިއަދު ސޮއި ކުރެވުނު މި އެއްބަސްވުމާއެކު، ސޫދާނު މިވަނީ 'އަރަބި ރަބީއު'ގައި ވެރިކަން ބަދަލުވި އަރަބި ގައުމުތަކަށް ނަމޫނާއަކަށްވެފައެވެ. ވަރުގަދަ އަސްކަރިއްޔާއަކާއި އަށެއްކަ މަހަށް ކުރިމަތިލައި އެތައް ގުރުބާނީއެއް ވުމަށްފަހު، ސުލްހަވެރި ގޮތުގައި ވެރިކަން ބަދަލުކުރެވިދާނެކަން ދައްކައި ދީފައެވެ.

ސޫދާނު ރައްޔިތުން މިއަދު އުފާފާޅުކުރަނީ

ސޮއިކުރުމުގެ ރަސްމިއްޔާތަށް ހާޒިރުވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ދެކުނު ސޫދާނުގެ ރައީސު ސިލްވާ ކީރް، އިތިއޯޕިޔާގެ ބޮޑުވަޒީރު އަހްމަދު އަބީ، ޗާޑްގެ ރައީސު އިދްރީސް ދީބީއާއި، ސެންޓްރަލް އެފްރިކަން ރިޕަބްލިކްގެ ރައީސު ފޯސްޓިން އަރްޗަންގް ޓުއަޑޭރާ، މިސްރުގެ ބޮޑުވަޒީރު މުސްޠަފާ މަދްބޫލީ ހިމެނިވަޑައިގަންނަވައެވެ.

އެއްބަސްވުމުގައި ވާގޮތުން ވެރިކަން ހިންގާ 'ސިޔާދީ ކައުންސިލް'ގައި ތިބޭނީ ފަސް މެންބަރުންނެވެ. އެއީ އަސްކަރީ 5 ބޭފުޅުންނާއި. މަދަނީ 5 ބޭފުޅުންނެވެ. މި 10 ބޭފުޅުންގެ އިތުރަށް މަދަނީ ބޮޑުވަޒީރަކު އައްޔަންކުރާނީ އެފްއެފްއެސްއިންނެވެ. އެހެންކަމުން ސިޔާދީ ކައުންސިލްގެ އަޣުލަބިއްޔަތު ލިބެނީ މަދަނީންނަށެވެ. ދާޚީލީ އަދި ދިފާއީ ވުޒާރާތައް ދޭންޖެހެނީ އަސްކަރީންނަށެވެ.

ސޫދާނުގެ އިންތިގާލީ ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނެ ޢަބްދުﷲ ޙަމްދޫކް

މިމަހުގެ 20 ވަނަ ދުވަހު ބޮޑުވަޒީގެ މަގާމަށް ބޭފުޅަކު އައްޔަންކުރަން ޖެހޭއިރު، އެފްއެފްސީން ވަނީ އެމަގާމަށް ޢަބްދުﷲ ޙަމްދޫކް އިސްކުރަން ނިންމާފައެވެ. ޙަމްދޫކަކީ އދ. އާއި އެފްރިކަން ޔުނިއަންގައި ގިނަ ދުވަސްތަކަކަށް މަސައްކަތްޕުޅުކުރައްވާފައިވާ އަދި ސޫދާނުގެ ގިނަ ބައެއްގެ އިހްތިރާމު ލިބިވަޑައިގެން ހުންނެވި އިގްތިސާދީ ތަޖްރިބާކާރެކެވެ.

މިހާރު ވެރިކަމުން ދުރުކުރެވިފައިވާ ރައީސު ޢުމަރު ޙަސަން އަލްބަޝީރުއާ ދެކޮޅަށް ސޫދާނު ރައްޔިތުން މުޒާހަރާއަށް ނުކުތީ މީގެ ބަރާބަރު އަށް މަސް ކުރިން 19 ޑިސެންބަރު 2018 ގައެވެ. މުޒާހަރާތައް ސޫދާނުގެ ބޮޑެތި ރަށްރަށަށް ފެތުރި ގައުމުގައި ހަމަނުޖެހުން ބޮޑުވުމުން، ސޫދާނު ސިފައިން ވަނީ 11 އެޕްރީލް 2019 ގައި ރައީސު އަލްބަޝީރު މަގާމުން ދުރުކޮށް ވެރިކަމާ ހަވާލުވެފައެވެ.

އަސްކަރީ ވެރިކަން ފެށުމާއެކު، ރައްޔަތުންގެ މުޒާހަރާތައް ބަދަލުވީ މަދަނީ ވެރިކަމަކަށް ގޮވާލާ މުޒާހަރާތަކަކަށެވެ. ސިފައިންނާ އާއްމުންނާ ދެމެދު އެކި ފަހަރު މަތިން ކުރިމަތިލުން ހިނގައި އާއްމުންގެ 250 މީހުން މަރުވެފައި ވެއެވެ.

މިއަދު ސޫދާނު ރައްޔިތުން ތިބީ މި ގުރްބާނީތަކާއެކު ހާސިލުކުރެވުނު ނަތީޖާއާމެދު އުފާފާޅުކުރަން ނުކުމެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.