ކަޝްމީރުގެ މައްސަލައިގައި ސަލާމަތީ މަޖިލީހަށް ގޮތެއް ނުނިންމުނު

އިންޑިޔާ ސިފައިންގެ މީހަކު ޖައްމޫ އެންޑް ކަޝްމީރުގެ ވެރިރަށް ސްރީނަގަރްގެ މަގެއް ހުރަސްކޮށްފައި ދަނީ

ކަޝްމީރުގެ އިންޑިޔާ ފަޅީގައި އިންޑިޔާއިން މިހާރު ހިންގަމުން ގެންދާ އަމަލުތަކުގެ ސަބަބުން އެސަރަހައްދުގައި އިތުރުވަމުންދާ ނުތަވަސްކަމާމެދު ވާހަކަ ދެއްކުމަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމެއް އިއްޔެ ބާއްވައިފިއެވެ. އެހެންނަމަވެސް، އެއްބަސްވުމަކަށް ނާދެވި ބައްދަލުވުން ވަނީ ނިންމާލާފައެވެ.

މި މައްސަލައިގައި މެންބަރުގެ ޚިޔާލު އެއްގޮތް ނުކުރެވޭތީ، މި މަހު ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދާ ޕޮލެންޑުން ވަނީ މި ބައްދަލުވުމާ ގުޅޭގޮތުން ބަޔާނެއް ނުނެރެން ނިންމާފައެވެ.

މި ބައްދަލުވުމާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ރަޝިޔާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ނާއިބު ޑްމިޓްރީ ޕޮލިޔާންސްކީ ވިދާޅުވީ، ޕާކިސްތާނުގެ އެކުވެރި ގައުމެއް ކަމުގައިވާ ޗައިނާއިން ކަޝްމީރުގެ މައްސަލައަކީ ބައިނަލްއަގްވާމީ މައްސަލައެއް ކަމަށް ވަކާލާތު ކުރިއަސް، ގިނަ ގައުމުތަކުން ދެކޭ ގޮތުގައި އެއީ ޕާކިސްތާނާއި އިންޑިޔާ އަމިއްލައަށް ހައްލުކުރަން ޖެހޭ މައްސަލައެކެވެ. އެހެންކަމުން، އެ ގައުމުތަކުން އެ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުން ނުވެއެވެ.

ކަޝްމީރުގެ މައްސަލައަކީ އދ. ސަލާމަތީ މަޖިލީހުގައި ވަރަށް މަދުން ނޫނީ ބަހުސުނުކުރެވޭ މައްސަލައެކެވެ. މި މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އެންމެ ފަހުން ބާއްވާފައި ވަނީ 1971 ވަނަ އަހަރުއެވެ.

އިއްޔެ ސަލާމަތީ މަޖިލީހުން ބޭއްވި ޖަލްސާގައި ޕާކިސްތާނާއި އިންޑިޔާ ބައިވެރިކޮށްފައި ނުވިޔަސް، ދެ ގައުމުގެ މަންދޫބުން ވަނީ އެ ދެ ގައުމުގެ ވިސްނުން ހާމަކުރެއްވުމަށް ވަކި ޕްރެސް ކޮންފަރެންސް ބާއްވަވާފައެވެ.

އދ. ގައި ހުންނަވާ ޕާކިސްތާނުގެ މަންދޫބު ވިދާޅުވި ގޮތުގައި ސާޅީސް އެތައް އަހަރަށް ފަހު ފުރަތަމަ ފަރަހަށް ކަޝްމީރުގެ މައްސަލައިގައި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަކީ، ކަޝްމީރުގެ މައްސަލައަކީ ބައިނަލްއަގްވާމީ މައްސަލައެއް ނޫންކަމަށް ހަދަން އިންޑިޔާއިން ކުރާ މަސައްކަތަށް ލިބުނު ނާކާމިޔާބީއެކެވެ.

އިރުކޮޅެއް ފަހުން، އދ. ގައި ހުންނަވާ އިންޑިޔާގެ މަންދޫބު ސައްޔިދު އަކްބަރުއްދީން ނޫސްވެރިންނާ ބައްދަލުކުރައްވަމުން ވިދާޅުވީ ކަޝްމީރުގެ މައްސަލައަކީ އިންޑިޔާގެ "ދާޚިލީ މައްސަލައެއް" ކަމުގައެވެ. އަދި އެ ސަރަހަދު "އާއްމު ހާލަތަކަށް ގެނައުމަށް" މިހާރު އިންޑިޔާއިން މަސައްކަތް ފަށާފައިވާ ކަމުގައެވެ.

1947 ވަނަ އަހަރު އިންޑިޔާ ބައިކޮށް އިންޑިޔާއާއި ޕާކިސްތާނު ދެގައުމުގެ ގޮތުގައި އުފެދުނު ފަހުން ދެ ގައުމުންވެސް ދަނީ މުޅި ކަޝްމީރަށް ދައުވާކުރަމުންނެވެ. ކަޝްމީރު މިހާރު އޮތީ ދެ ގައުމުގެ ދެމެދުގައި ބައިވެފައެވެ. ދެބައި ވަކިކުރަނީ ވަގުތީ ސަރަހައްދީ ރޮނގަކުން (ލައިން އޮފް ކޮންޓްރޯލް) ނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.