އިދި ކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ޕްރޮވިންސު، އިދްލިބް ހިފުމަށް ރައީސު ބައްޝާރުލް އަސަދުގެ ސިފައިން ކުރާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފިއެވެ.
ރަޝިޔާގެ ވައިގެ ސިފައިނާއި، އީރާނުގެ ރިވޮލިއުޝަރީ ގާޑުގެ ސިފައިންނާއި، ލެބެނާނުގެ ޙިޒްބުﷲގެ ހަނގުރާމަވެރިންގެ އެހީތެރިކަމާއެކު މިހާރު ކުރިއަށްދާ ހަމަލާގައި ސީރިޔާ ސަރުކާރުގެ ސިފައިން އިއްޔެ ވަނީ އިދްލިބް ޕްރޮވިންސުގެ 5 އަވަށެއް ހިފާފައެވެ. މި ފަސް އަވަށް ހިފުމާއެކު ސަރުކާރު ސިފައިންގެ ލަޝްކަރަށް މިހާރު ވަނީ އިދްލިބް ޕްރޮވިންސުގެ އެންމެ މުހިއްމު އެއް ރަށް، ޚާން ޝައިޚޫންއާ 5 ކިލޯމީޓަރު ކައިރިއަށް އާދެވިފައެވެ.
އަނެއްކޮޅުން، އިދިކޮޅު ހަނގުރާމަވެރިން އިއްޔެ ވަނީ ސީރިޔާގެ ވައިގެ ސިފައިންގެ ބޮންއަޅާ ބޯޓެއް ވައްޓާލާފައެވެ. ސީރިޔަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރް) ގެ ޑިރެކްޓަރު ރާމީ ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި، ޚާން ޝައިޚޫން މަތިން ސުޚޯއީ-22 މަރުކާގެ އެ މަތިންދާޓު ވައްޓާލާފައި ވަނީ، މިހާރު އެރަށުގައި ވެރިކަން ކުރަމުންދާ ޖަބްހަތު ތަޙްރީރިއްޝާމް ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. ޚަބަރުތައް ބުނާ ގޮތުގައި އެއީ އަލްޤާއިދާއާއި ގުޅިފައިވާ ޖަމާއަތެކެވެ.
ވައްޓާލި ބޯޓު ޕައިލެޓް ފުންމާލުމާއެކު ހަނގުރާމަވެރިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
އިއްޔެ ސީރިޔާ ސިފައިން އިދްލިބް ޕްރޮވިންސުގައި ދިން ހަމަލާތަކުގައި އާއްމުންގެ ފަސް މީހުން މަރުވެފައި ވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 40 ހާސް އާއްމުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
2011 ވަނަ އަހަރު ފެށުނު ސީރިޔާގެ ދާޚިލީ ހަނގުރާމައަށް އަށް އަހަރު ވެގެން ގޮސްފައިވާއިރު، ހަނގުރާމަ ހުއްޓައި ސުލްހަވުމަށް މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވެއެވެ. އެސްއޯއެޗްއާރުން ލަފާކުރާ ގޮތުގައި ސީރިޔާގެ ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 3 ލައްކަ 70 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އޭގެތެރެއިން 1 ލައްކަ 11 ހާސް މީހުންނަކީ އާއްމުންނެވެ.