ރައީސު ޓްރަމްޕް "ބޮޑެތި ކުށްތައް ކުރައްވާފައިވާ" ކަމުގެ "އެކަށީގެންވާ" ހެކި މުލާގެ ރިޕޯޓުގައި އެބަހުރި

ރޮބަޓް މުލާ

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ގާނޫނީ "ބޮޑެތި ކުށްތައް ކުރައްވާފައިވާ" ކަމާއި، ތަފާތު އެތައް ފަހަރަކު ގާނޫނާ ޚިލާފުވެ ވަޑައިގެންފައިވާ ކަމުގެ "އެކަށީގެންވާ" ހެކި ސްޕެޝަލް ކައުންސެލް ރޮބަޓް މުލާގެ ރިޕޯޓުގައި އެބަހުރި ކަމަށް އެމެރިކާގެ ކޮންގެރެސްގެ އިސް ބޭފުޅަކު ވިދާޅުވެއްޖެއެވެ.

ގާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ތިރީގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވެސްގެ ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރު ޖެރާލްޑް ނެޑްލާ ވިދާޅުވީ، މި ހަގީގަތްތައް ހާމަކުރެއްވުމަށް ރޮބަޓް މުލާ އަންނަ ބުދަ ދުވަހު ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުކުރައްވާނެ ކަމުގައެވެ.

"ރައީސު ބޮޑެތި ކުށްތައް ކުރައްވާފައިވާ ކަމާއި، ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރައްވާފައިވާ ކަމުގެ އެކަށީގެންވާ ހެކި ރިޕޯޓުން ލިބޭ. ހަގީގަތްތައް އެމެރިކާ ރައްޔިތުންނަށް ހާމަކުރެއްވުމުގެ ފުރުސަތު އަހަރުމެން މުލާއަށް އަރުވަން ޖެހޭ. ދެން އަހަރުމެން ބަލާނީ އެހާ ހިސާބުން ކުރިއަށް ދާނީ ކިހބިނެއްތޯ" 'ފޮކްސް ނިއުސް ސަންޑޭ' ގައި ވާހަކަފުޅުދައްކަވަމުން ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ނެޑްލާ ވިދާޅުވިއެވެ.

"ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭ. އެއްވެސް ރައީސަކަށް ގާނޫނަށްވުރެ މަތީގައި ނުހުންނެވޭނެ." އޭނާ ވިދާޅުވިއެވެ.

ނެޑްލާގެ މި ވާހަކަފުޅުތަކަކީ ބުރަދަންހުރި އެއްޗަކަށް ވެއްޖެނަމަ، ރައީސު ޓްރަމްޕް މަގާމުން ދުރުކުރުމަށް ގާނޫނުހަދާ މަޖިލީހުގައި ތިއްބަވާ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ކުރައްވާ މަސައްކަތްޕުޅަށް އިތުރު ބާރެއް ލިބިގެން ދާނެއެވެ.

މި ޖުލައި މަހުގެ 24 ވާ ބުދަ ދުވަހު ރޮބަޓް މުލާ ކޮންގްރެސް އަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އިންޓެލިޖެންސް ކޮމިޓީގެ މުޤައްރިރު އެޑަމް ޝިފް ވިދާޅުވީ މުލާގެ 448 ސަފުހާގެ ބޮޑު ރިޕޯޓު ކިއުމުގެ ފުރުސަތު އެމެރިކާގެ ރައްޔިތުންނަށް ނުލިބޭ ކަމުގައެވެ.

ސީބީއެސްގެ 'ފޭސް ދަ ނޭޝަން' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝިފް ވިދާޅުވީ އެ ރިޕޯޓުގައި "ކުށްވެރިކުރަން އެކަށޭނަ" ހަގީގަތްތައް ހުރި ކަމަށާ، "އެ ހަގީގަތްތައް ހާމަކުރަން، އެކަންތައް ތަހުގީގުކުރި މީހާއަށްވުރެ އެކަށީގެންވާ މީހަކު ނުހުންނާނެ" ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.