ނާއިބު ރައީސް ފައިސަލް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ދެކުނު ދެ ސިޓީ ކަމަށްވާ އައްޑުއާއި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ނާއިބު ރައީސްގެ މިދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ. އޭގެ އިތުރަށް އެރަށު މަގުހެދުމުގެ މަޝްރޫޢު ކުރިއަށްދާ ސަރަޙައްދަށް ވަޑައިގެން އެމަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވައިލެއްވިއެވެ.

މިދަތުރުފުޅުގައި އެމަނިކުފާނު އައްޑޫސިޓީ ހިތަދޫއަށް ވެސް ވަޑައިގެންނެވިއެވެ. އެ އަވަށަށް ވަޑައިގެން ވަޑައިގެން ބައެއް ސްކޫލްތަކާއި ރީޖަނަލް ހޮސްޕިޓަލާއި ޕަވަރހައުސްފަދަ ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެތަންތަނުގެ މުވައްޒަފުންނާ އެމަނިކުފާނު ބައްދަލުކުރެއްވިއެވެ. އޭގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާ ވެސް އެމަނިކުފާނު ބައްދަލު ކުރެއްވިއެވެ. ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ރަށުގެ ޙާލަތާއި ކުރިއަށްދާ މަޝްރޫޢުތަކާއި ދިމާވާ މައްސަލަތަކާއިބެހޭ ގޮތުން މައުލޫމާތު ހޯއްދެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒާ އަދި އެރަށު ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރައްވައި ތައުލީމީ ދާއިރާއިން ފުވައްމުލަކު ސްކޫލުތަކުގެ ހުރި ކަންބޮޑުވުންތަކާއި ކުރިޔަށް ރޭވިފައިވާ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރަށް އެމަނިކުފާނު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި އެކަންކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ މިދަތުރުފުޅުގައި ފުވައްމުލަކު ހޮސްޕިޓަލަށް ވެސް ވަޑައިގެންނެވިއެވެ. އެތަނަށް ވަޑައިގެން ބަލިމީހުންނާ ބައްދަލުކޮށްލަވައި އެމީހުންގެ ޙާލުއަހުވާލު ވެސް އެމަނިކުފާނު ވަނީ ބައްލަވައިލައްވައިފައެވެ.

ފުވައްމުލަކު މަގުހެދުމުގެ މަސައްކަތްކުރިޔަށްދާ ސަރަހައްދަށް ވެސް ނާއިބު ރައީސް ވަޑައިގެންނެވިއެވެ. އެސަރަޙައްދަށް ވަޑައިގެން އެމަސައްކަތް ކުރިޔަށްދާގޮތް އެމަނިކުފާނު ބެއްލެވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.