އައި.އޯ.އައި.ޖީގައި ހޯދާ ރީތި ނަމަކީ، މުޅި ޤައުމަށް ލިބޭނެ ޝަރަފެއް: ރައީސް

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައި.އޯ.އައި.ޖީ) ގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިން ހޯދާ ކޮންމެ ކާމިޔާބަކާއި، ރީތި ނަމަކީ، މުޅި ޤައުމަށް ލިބޭނެ ވަރަށް މަތިވެރި ފަޚުރަކާއި ޝަރަފަކަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ރީތިނަން ހޯދައިދިނުމަށްޓަކައި ކުޅުންތެރިން މުބާރާތަށް ގޮސް އުޅޭއިރު، ރީތި އަޚުލާޤުގެ އެންމެ މަތީ މިންގަނޑުގައި ހިފެހެއްޓުމަށް ރައީސްވަނީ އިލްތިމާސް ކުރައްވައިފައެވެ. އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ އައި.އޯ.އައި.ޖީ ގައި ރާއްޖެ ތަމްސީލްކުރާ ކޮންޓިންޖެންޓާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބިނާކުރުމަކީ މި ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަމަށެވެ. އެއީ ކުޅުންތެރިންތަކެއް އުފައްދައި، ހުނަރުވެރި ޤާބިލް، އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމުގެ ބޭނުމުގައި ކަނޑައެޅުއްވި ސިޔާސަތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އައި.އޯ.އައި.ޖީ އަކީ، ރާއްޖޭގެ ކުޅިވަރުގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ މުބާރާތެއް ކަމަށެވެ. ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އައި.އޯ.އައި.ޖީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އައި.އޯ.އައި.ޖީ އަކީ ރާއްޖެއަށް ވަރަށް މުހިންމު މުބާރާތެއްކަމަށްވެސް ވިދާޅުވެފައެވެ. އަދި ރާއްޖެއަކީ އެ މުބާރާތުގެ ފައުންޑަރ މެމްބަރު ޤައުމަކަށް ވާތީ، މި މުބާރާތަށް ކުޅުންތެރިން ދާންވާނީ ވަރަށް ވަރުގަދަ ޢަޒުމަކާ ވަރަށް މަތިވެރި ރޫޙެއްގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"މިއަހަރުގެ މުބާރާތަށް ރާއްޖޭގެ ކުޅުންތެރިން ފުރާއިރު، އަޅުގަނޑުމެން އުންމީދުކުރާ އެހެން ކަމެއްވެސް އަދި އެބައޮތް. އެއީ، ދެން އޮންނަ މުބާރާތް، އެއީ 2023 ވަނަ އަހަރުގެ އިންޑިއަން އައިލެންޑް އޯޝަން ގޭމްސް ރާއްޖޭގައި ބޭއްވުން. އެކަމަށް އަޅުގަނޑުމެން ކުރިމަތިލައިގެން، ވަރަށް ގިނަ ޤައުމުތަކުގެ ރުހުމާއި ތާއީދު މިހާރުވެސް ވަނީ ކަށަވަރުވެފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ލިޔުއްވާފައިވެއެވެ.

މިފަދަ ބޮޑު މުބާރާތެއްގެ ވާހަކަ ދައްކާއިރު، ބައެއް ބޭފުޅުންގެ ކަންބޮޑުވުންތަކެއް ހުރެދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި ސަރުކާރުގެ ވިސްނުން ގެންގުޅުއްވާގޮތް ރައީސް ވަނީ ހާމަކުރައްވައިފައެވެ.  ސަރުކާރުން ސީދާ އެ މުބާރާތްތަކަށް އަމާޒުކޮށްގެން، ބޮޑެތި ޚަރަދުތަކެއް ކުރަން ޤަޞްދު ނުކުރައްވާ ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅުވައިގެން، އެ މުބާރާތް ރާއްޖޭގައި ބޭއްވޭނެ ގޮތެއް ހެއްދެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު ޤަޞްދުކޮށްފައި އޮތީ، 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް، ދިވެހި ކުޅުންތެރިން ތައްޔާރުކުރުމުގެ މަސައްކަތް ވަރަށް ދުރާލައި ފަށަން. މިއަހަރުގެ މުބާރާތް ނިމުމާއެކު، މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އިރާދަކުރެއްވިއްޔާ އެއީ، ހަތަރު އަހަރުގެ މުއްދަތަށް ހިންގާ ޕްރޮގްރާމަކަށް ވާނެ." ރައީސް ވިދާޅުވިއެވެ.

މިއަހަރުގެ ގޭމްސްއަށް ރާއްޖެ ދަނީ، ވަރަށް ޒުވާން ވަރަށް އުންމީދީ ކުޅުންތެރިންތަކަކާ އެކުގައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު މުޅިން އަލަށް، ދެ ކުޅިވަރެއްގައި ރާއްޖެ ބައިވެރިވާކަމަށާއި، އެއީ ކައިޓް ސާރފިންގް އަދި ޕެރަ-އިވެންޓްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވެވިގޮތުގައި ޢުމުރުން އެންމެ 12 އަހަރުގެ ކުޅުންތެރިންވެސް މިއަހަރުގެ އައި.އޯ.އައި.ޖީގައި ބައިވެރިވާކަމީ، ރާއްޖޭގައި ބާއްވަން އުންމީދުކުރާ ގޭމްސްއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމުގައެވެ.

ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތްތައް، މި ސަރުކާރުން ކުރިއަށް ގެންދަވަނީ، ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެންކަމަށާއި، ކުޅުންތެރިން ތަމްރީން ކުރުމަށް ބޭނުންވާ ބަޖެޓް، މިހާރު ވާނީ އެސޯސިއޭޝަންތަކަށް ހަމަޖައްސައިދީފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރުވެސް ފިރިހެން ވޮލީ ޓީމު ސާރބިއާގައި ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަމުންދާކަން ފާހަގަކުރެއްވިއެވެ. "މިއީ ވިލާތުގެ ޤައުމެއްގައި ރާއްޖޭގެ ވޮލީ ޓީމެއް ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރާ ފުރަތަމަ ފަހަރު. އެއީ ސާރބިއާ ސަރުކާރުގެ ވަރަށް ދީލަތި އެހީއެއްގެ ދަށުން ލިބުނު ފުރުޞަތަކަށް ވާތީ، ދިވެހި ދައުލަތުގެ ނަމުގައި ސާރބިއާ ސަރުކާރަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އެހެން ކުޅިވަރު ޓީމުތަކަށްވެސް، އެފަދަ ފުރުޞަތުތައް ހޯދައިދިނުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ އައި.އޯ.އައި.ޖީގައި ރާއްޖެ ތަމްސީލުކުރާ ފްލޭގް ބެއަރަރ އިޢުލާންކުރައްވާފައެވެ. ފްލޭގް ބެއަރަރ އަކަށް ކަނޑައަޅާފައިވަނީ އެތްލީޓް އަޙްމަދު ޒަބީރެވެ. އަދި، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ފްލޭގް ބެއަރަރއަށް ވަނީ ފްލޭގް ޙަވާލުކޮށްދެއްވާފައެވެ. މީގެ އިތުރުން އައި.އޯ.އައި.ޖީގެ ރަސްމީ ކިޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ކޮންޓިންޖެންޓުން ހަދިޔާކުރައްވައިފައިވެއެވެ.

މޮރިޝަސްގައި ބޭއްވުމަށް ހަމަޖެހިފައިވާ އައި.އޯ.އައި.ޖީގައި ރާއްޖޭގެ ފަރާތުން 14 ކުޅިވަރެއްގައި މިފަހަރު ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.