އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އެންޓިކޮރަޕްޝަން ކޮމިޝަނުގައި މިހާރު ހިމެނިވަޑައިގަންނަވާ 5 މެމްބަރުންގެ މަގާމުގެ މުއްދަތު

އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ގެޒެޓް ކުރައްވާފައިވާ އިއުލާނުގައި ބުނެފައި ވަނީ މިހާރު އޮތް އޭސީސީގެ 5 މެމްބަރުންގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ހަމަވާނެ ކަމަށެވެ. ކޮމިޝަނުގެ މެމްބަރުންގެ ދައުރަކީ 5 އަހަރެވެ. އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސް އޮފީހުން ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު 12:00 އާ ހަމައަށެވެ.

އޭސީސީގެ ޤާނޫނުގެ 5 ވަނަ މާއްދާއާ ހަވާލާދީ އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައްވެސް އިއުލާނުގައި ވަނީ ހިމަނާފައެވެ. މެމްބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަކީ މުސްލިމަކަށްވުމާއި، ދިވެހި ރާއްޔިތަކަށްވުމާއި، އުމުރުން 25 އަހަރު ފުރިފައިވާ މީހަކަށްވުމާއި، އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ވޭތުވެދިޔަ 5 އަހަރު ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ޙީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޛުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޛުކޮށް ނިމުނުތާ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ 5 (ފަހެއް) އަހަރު ވެފައިވާ މީހަކު ކަމުގައިވުންވެސް އޭސީސީގެ މެމްބަރު ކަމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން ސިޔާސީ ޕާޓީއެއްގެ މެމްބަރަކު ކަމުގައި ނުވުމުގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުންވެސް އެއީ އޭސީސީގެ މެމްބަރުންގެ ކިބައިގައި ހުރުން ލާޒިމު ޝަރުތު ތަކެކެވެ.

އޭސީސީގެ މެމްބަރު ކަމަށްއެދޭ ފަރާތްތަކުން މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ އިޤުރާރާއި ކުށާއި ދަރަނީގެ ރިކޯޑު ފޯމު އަދި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމާއި އެމީހެއްގެ ވަނަވަރު ހުށަހަޅަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.