މިދިޔަ 5 އަހަރު ގައުމީ ޔުނިވާރސިޓީ ފެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ހިންގަވާ އޮފީހެއްގެ ގޮތުގައި: އަލީ ޙުސައިން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ދުވަހު ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީ ފެނިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ހިންގަވާ އޮފީހެއްގެ ގޮތުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވިދާޅުވީ މިދިޔަ 5 އަހަރު ރާއްޖޭގެ ގައުމީ ޔުނިވާރސިޓީ އޮތީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒު ވަދެފައި ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ ޔުނިވާރސިޓީ ފަދަ ތަނެއް ހިންގަން ތިބި ބަޔަކު ސިޔާސީ ނުފޫޒުން ސިކުނޑި ތަޅުލާފައި ބައިތިއްބައިގެން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

އަލީ ވިދާޅުވީ ސަރުކާރުގެ ފަރާތުން ގައުމީ ޔުނިވާރސިޓީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙު ތަކަށް އޭނާ ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެ އިސްލާޙު ތަކަކީ ވަކިމީހަކާ ޒާތީ ވެގެން ވަކި ބަޔަކު ވަޒީފާއިން ވަކިކޮށް ވަކިބަޔަކު ވަޒީފާއަށް ހަމަޖައްސަން ކުރި ކަމަކަށްނުވެ އެ އިސްލާޙު ތަކަކީ އިޚްލާސްތެރިކަމާއެކު ހުށަހެޅުއްވި އިސްލާޙު ތަކަކަށްވާނެ ކަމަށް އޭނާ އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މިބިލަށް މިއަދު ބާއްވާ ޖަލްސާގައި ވަރަށްގިނަ މެމްބަރުން މިހާތަނަށް ވަނީ ވާހަކަ ދައްކަވާފައެވެ. މިހާތަނަށް ބަހުސްގައި ބައިވެރިވެވަޑައިގެންނެވި ގިނަމެމްބަރުން ވަނީ ސަރުކާރުން ހުށަހެޅުއްވި އިސްލާހު ތަކަށް ތާއީދު ކުރައްވާފައެވެ. ގިނަ މެމްބަރުން ވިދާޅުވީ ސަރުކާރުގެ އިސްލާހުތައް ހުރީ ސިޔާސީ ނުފޫޒުން ގައުމީ ޔުނިވާރސިޓީ ދުރުކޮށް، ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި އޮތް ބާރުތައް ކުޑަކުރަން ކަމަށްވުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. ގިނަމެމްބަރުން ވިދާޅުވީ ގައުމީ ޔުނިވާރސިޓީއަކީ ސިޔާސީ ނުފޫޒުން ދުރުވެފައިވާ ތަނަކަށް ހެދުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މި ބިލުގެ ބަހުސްގައި ބަޔެއް މެމްބަރުން ވިދާޅުވީ ގައުމީ ޔުނިވާރސިޓީއަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރު ބަދަލުވުމާއެކު އަމިއްލަފުޅަށް މަގާމުން ދުރުވެވަޑައިގަތުން އެއީ ކުރައްވަންޖެހިވަޑައިގަންނަވާނެ ކަމެކެވެ. ބަހުސްގައި ވާހަކަ ދެއްކެވި ކޮންމެ މެމްބަރަކުވެސް ވިދާޅުވަމުން ގެންދެވީ ގައުމީ ޔުނިވާރސިޓީއަކީ އެއިރަކު އޮންނަ ސަރުކާރަކުން ބޭނުންހާ ގޮތަކަށް ހިންގަވަން އޮންނަ ތަނަކަށް ވެގެންނުވާނެ ކަމަށެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްވެސް ވިދާޅުވީ ގައުމީ ޔުނިވާރސިޓީއަކީ އެއިރަކު އޮންނަ ސަރުކާރަކުން ކޮންޓްރޯލް ކުރައްވާ ތަނަކަށް ވެގެންނުވާނެ ކަމަށާއި ނަމަވެސް ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވުމާއެކު ގައުމީ ޔުނިވާރިސީޓީގެ އެންމެ އިސްވެރިން މަގާމުން ދުރުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

ބިލުގެ ބަހުސްގައި އަލިފުށީ ދާއިރާގެ މެމްބަރު މުޙަންމަދު ރަޝީދު ވިދާޅުވީ ގައުމީ ޔުނިވާރސިޓީ ހިންގުމުގެ ބާރު ސަރުކާރުގެ އަތުގައި މީގެކުރިން އޮތް އޮތުން ޔުނިވާރސިޓީގެ ކައުންސިލަށް ދޫކޮށްލަން ސަރުކާރުން ހުށަހެޅުއްވުމަކީ ތާއީދު ކުރައްވާ ކަމެއް ކަމަށެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.