ޚާޝުޤްޖީ މަރާލި މައްސަލަ ބެލުމަށްވުރެ ރައީސު ޓްރަމްޕަށް މުހިއްމީ ސައޫދީ ފައިސާ

ސައޫދީ ނޫސްވެރިޔާ ޖަމާލު ޚާޝުޤްޖީ މަރާލި މައްސަލަ އެމެރިކާގެ ތަހުގީގީ އިދާރާ، ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ތަހުގީގު ނުކުރޭތޯ އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕަށް ސުވާލު ދެންނެވުމުން އޭނާ އެއަށް ސީދާ ޖަވާބެއް ނުދެއްވިއެވެ.

ޚާޝުގްޖީ މަރާލި މައްސަލައިގެ ތަހުގީގު ރިޕޯޓުގައި އދ.ން ވަނީ އެފަދަ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ. ގާނޫނީ ހަމައިން ބޭރުން މަރާލެވޭ މީހުންގެ މައްސަލަތަތައް ތަހުގީގުކުރައްވާ އދ.ގެ ޚާއްޞަ މަންދޫބު އެގްނަސް ކަލަމާޑް އެކުލަވާލެއްވި ރިޕޯޓުގައި ވަނީ ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި، ސައޫދީ އިސްވެރިންގެ މައްޗަށް ތަހުގީގު ހިންގަންޖެހޭ ވަރަށް އެކަމުގައި "އިތުބާރުހުރި ހެކި" އެބަހުރިކަމަށެވެ.

އެމެރިކާގެ ޓީވީ ޗެނަލް އެންބީސީގެ 'މީޓް ދަ ޕްރެސް' ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސު ޓްރަމްޕް ވިދާޅުވީ ޚާޝުޤްޖީގެ މައްސަލަ މާ ބޮޑަށްވެސް ތަހުގީގުކުރެވިފައިވާ ކަމުގައެވެ.

"ސައޫދީ އަރަބިއްޔާ އަކީ (އެމެރިކާގެ) އުފެއްދުންތައް ގަންނަ ބައެއް. އެއީ އަހަރެންނަށް ވަރަށް މާނަހުރި ކަމެއް. އެކަމުން ވަރަށް ގިނަ ވަޒީފާ އުފެދޭ." އިއްޔެ އެންބީސީން ދުރަށްދެއްކި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވެފައި ވެއެވެ.

ރައީސު ޓްރަމްޕް ވިދާޅުވީ ދާދި ފަހުން ސައޫދީ ވަލީއަހުދާއެކު ފޯނުން ވާހަކަފުޅު ދެއްކެވި އިރުވެސް ޚާޝުޤްޖީ މަރާލައި މައްސަލައިގެ ވާހަކަދެކެވިފައި ނުވާކަމުގައެވެ.

ޖަމާލު ޚާޝުޤްޖީ މަރާލުމުގެ ފަހަތުގައި ވަނީ މުޙައްމަދު ބިން ސަލްމާންކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީއައިއޭ) އިންވެސް ނިންމާފައިވާ ކަމަށް އެމެރިކާގެ ނޫސްތަކުން ކުރިން ބުނެފައި ވެއެވެ. އަދި އެމެރިކާގެ ސެނެޓުން އެ މައްސަލައިގައި ފާސްކުރި ގަރާރެއްގައިވެސް މުޙައްމަދު ބިން ސަލްމާނަށް އިޝާރާތްކޮށްފައި ވެއެވެ. އެހެންނަމަވެސް،

ރައީސު ޓްރަމްޕް ވަނީ ފާއިތުވި އަހަރުވެސް ޚާޝުޤްޖީގެ މައްސަލައިގައި ސައޫދީ އަރަބިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ދެކޮޅުހައްދަވާފައެވެ.

އިއްޔެގެ ޕްރޮގްރާމުގައި، ސައޫދީ އަރަބިއްޔާއާއެކު ވިޔަފާރިކުރުން ހުއްޓާލަން އޭނާއަކީ "މޮޔައެއް ފަދަ މީހެއް ނޫން" ކަމުގައެވެ.

"އެމީހުން ފައިސާ ހޯދަންވީ. އެމީހުން ފައިސާ ހޯދަންވީ." އެމެރިކާއަށް ސައޫދީ ފައިސާގެ މުހިއްމުކަން ހާމަކުރައްވަމުން ރައީސު ޓްރަމްޕް ވިދާޅުވިއެވެ.

ސައޫދީ އަރަބިއްޔާއިން އެކަމަށް ޚާއްސަކޮށް ދިޔަ ޓީމަކުން، ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު އިސްތަންބޫލުގައި ހުންނަ ސައޫދީ ކޮންސިއުލޭޓް ތެރޭގައި ޖަމާލު ޚާޝުޤްޖީ މަރާލައި އޭނާގެ ހަށިގަނޑު ވަނީ ކޮށައި ކުދިކޮށްފައެވެ.

އޭނާގެ ހަށިގަނޑު މިހާތަނަށްވެސް ފެނިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.