މަޅުމަތި: ޝައިޠާނީ ކުޅިގަނޑު

ޝައިޠާނާ އޮތީ ކޮޓަރިއެއްގެ ތެރެއަށް ވަދެ ފިލައެވެ. ބަޔަކު ގޮސް އޭނާ ނެރެގެން ގެންދާން ފެށީމާ އަހައިފިއެވެ.

"އަހަރެން ތިޔަ ގެންދަނީ ކޮން ތަނަކަށް ހެއްޔެވެ؟ އަހަރެން އެއްވެސް މީހަކަށް އުނދަގުލެއް ނުކުރަމެވެ. މި ތާނގައި ފިލައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ."

އެ މީހުން ބުންޏެވެ. "މި ގެންދަނީ ކަލޭ ހައްޔަރު ކުރާށެވެ. ޖަލަށް ލާށެވެ. ކަލެއަށް މީހުން މަގު ފުރެއްދުމުގެ ފުރުސަތެއް ނުލިބޭނީ އޭރުންނެއް ނޫން ހެއްޔެވެ؟"

ޝައިޠާނާ ބުންޏެވެ. "މިހާރު އަހަރެން ތިޔަކަން ހުއްޓާލައިފީމެވެ. މި ދިޔަ މަހު އެއް ދުވަހަކު އަހަރެން ދިޔައީ ބާޒާރުގެ ފިހާރަ އަކަށެވެ. އެ ތަނަށް ބޭރުން ގެންނަ މުދާ ކަސްޓަމުން ނެރެން ހުންނަ މީހާއަށް ވަސްވާސް ދީގެން ބޭރުން އައި އިންވޮއިސް ބަދަލު ކުރަން ދަސްކޮށްދޭން ގަސްތު ކޮށްގެންނެވެ. އެކަމަކު އޭރު އޭނާ އޮތީ އަހަރެން ގަސްތު ކޮށްގެން ހުރި ވަރަށް ވުރެ މާ މޮޅަށް އެކަން ކޮށް ނިންމާފައެވެ. ރިޝްވަތާއި މަކަރު ހެދުން އޭނާ އަށް އެނގޭ މިންވަރަކަށް އަހަރެންނަކަށްވެސް ނޭނގެއެވެ."

އެ މީހުން ބުންޏެވެ. "ތިޔަ އުޅެނީ މީހުން މަގު ފުރައްދާފައި ސަލާމަތް ވާން ބަހަނާ ދައްކަން ހެއްޔެވެ؟ ކަލޭގެ ކުށް އެހެން މީހެއްގެ ބޮލުގައި އަޅުވައިގެން ސަލާމަތް ވެގެން ދެވިދާނޭ ކަމަށް ހީ ނުކުރާށެވެ."

ޝައިޠާނާ ބުންޏެވެ. "އެހެން ވާހަކައެއް ވެސް ކިޔައި ދީފާނަމެވެ. އަހަރެން އެއްދުވަހަކު މިސްކިތް ދޮށަށް ހިނގައްޖައީމެވެ. ނަމާދަށް ދާ މީހުން މަގު ފުރައްދަން ގަސްތު ކޮށްގެންނެވެ. ދިޔަ އިރު ކަމަކު ދާކަށް ނެތެވެ. މިސްކިތް ދޮށުގައި މަވްލަވީންނާއި، ދީނީ ބޮޑުންނާއި ޢާއްމުން ތިބެގެން އެކަކު އަނެކަކަށް ކުށްވެރި ކޮށްފައި ތަޤްރީރު ކުރަނީއެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަމިއްލައަށް ހަލާކު ވާން އުޅޭ ބަޔަކު ހަލާކު ކުރަން އަހަރެން ކުރާނޭ ކަމެއް ނޯންނާނެއެވެ. މިހެން ހިތަށް އަރާފައި އަވަހަށް އެތަނުން އެނބުރި އައީއެވެ."

އެ މީހުން ބުންޏެވެ. "މާ ގިނަ ވާހަކައެއް ދައްކާނެ ކަމެއް ނެތެވެ. ތިޔަ އުޅެނީ ކަލޭ ކުރާހައި ނުބައި ކަމެއް އެހެން ބައެއްގެ ބޮލުގައި އަޅުވައިގެން ސަލާމަތް ވާށެވެ. މި ފަހަރަކު އެހެންނެއް ދުލެއް ނުކުރާނަމެވެ."

ޝައިޠާނާ ބުންޏެވެ. "އަދި އެހެން ވާހަކައެއް ބުނަން ހެއްޔެވެ؟ އަހަރެން ދެން ދިޔައީ ސިޔާސީ ކަންތައްތަކުގައި ޙަރަކާތްތެރިވާ ބައެއްގެ ގާތަށެވެ. އެ މީހުން ކުޅެނީ މާ ފައްކާ ކުޅިވަރެކެވެ. އަހަރެންގެ ހިތަށް ދުވަހަކު ވެސް ނާރާ ކަހަލަ މަކަރެއް އެ މީހުން އެބަ ހަދައެވެ. ހަދާ ގޮތަކީ އެންމެ ފުރަތަމަ ތަނެއްގައި ފިތުނައިގެ އަލިފާން ރޯ ކުރަނީއެވެ. އެއަށް ފަހު ތަޤްރީރު ކުރަން ފަށަނީއެވެ. ތަޤްރީރުތަކުގައި އެއްކަލަ ފިތުނައިގެ ޒިންމާ މި އަޅުވަނީ އެ މީހުންނަށް ތާއީދު ނުކުރާ ޖަމާޢަތްތަކުގެ ބޮލުގައެވެ. އެހެންވީމާ އެ މީހުންނަށް ދަސް ކޮށްދޭނޭ އެއްޗެއް އޮތް ކަމަކަށްވެސް އަހަރެންނަކަށް ނުފެނުނެވެ. އެ ތަނުން އެނބުރި އައި މަގުމަތީގައި ބަޔަކު ސައްލާ ކުރަން ތިއްބާ ފެނިއްޖެއެވެ. އެއީވެސް ކޮންމެވެސް ޕާޓީއެއްގެ ބައެކެވެ. އެ މީހުން ދެއްކި ވާހަކަތައް އަޑު އިވުނީމާ އަހަރެން ބިރުން އަވަދި ވެއްޖެއެވެ. އެ މީހުން ސައްލާ ކުރަމުން ދިޔައީ އަހަރެން މަރައިލާށެވެ. އަހަރެންގެ ވެރިކަން އަތުލާށެވެ. ނިކަން ވިސްނައިބަލާށެވެ. އެ މީހުންގެ ރޭވުން އޮތީ ޝައިޠާނީ ތަޚުތަށް އަރާށެވެ. ވަސްވާހުގެ ވެރިކަން ހޯދާށެވެ. އަހަރެން މި ތަނަށް ވަދެ ފިލައި މި އޮންނަނީ އެ މީހުން ދެކެ ގަތް ބިރަކުންނެވެ."

ޝައިޠާނާ ހައްޔަރު ކުރަން އައި މީހުން އެކަކު އަނެކެއްގެ މޫނަށް ބަލަބަލާފައި ކިޔަން ފަށައިފިއެވެ. "މިއީ ގެންދާ ވަރުގެ މީހަކަށް ނުވިތާއެވެ. އެ ބުނާ ބަޔަކު އަތު ޖެހޭތޯ ބަލަމާ ހިނގާށެވެ. ޝައިޠާނީ ކުޅިގަނޑު ނިމުމަކަށް ގެންނަން އަހަރެމެންނަށް މި ޖެހުނީ އިންސާނުން ފަހައި ދުވާށެވެ."

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.