1އެމްޑީބީގެ ކޮރަޕްޝަނާ ގުޅުންހުރި 5 ބިލިއަން ޑޮލަރު ހޯދޭނެކަމަށް މެލޭޝިޔާއިން އުއްމީދުކުރޭ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖިބޫ ރައްޒާގުގެ ވެރިކަމުގައި އުފެއްދި 1 މެލޭޝިޔާ ޑިވެލޮޕްމަންޓް ބަރްހާދް (1އެމްޑީބީ) ގެ ޚިޔާނާތުގެ ތެރެއިން ގެއްލިފައިވާ 5 ބިލިއަން އެމެރިކާ ޑޮލަރު ހޯދޭނެކަމަށް މެލޭޝިޔާއިން ބުނެފައެވެ.

1އެމްޑީބީގެ ގިނައަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެ އެފައިސާ ވަނީ ބޭރު ގައުމުތަކުގެ ބެންކުތަކަށް ޖަމާކޮށްފައެވެ.

މެލޭޝިޔާއާއި އެމެރިކާގެ ތަހުގީގީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި 1 އެމްޑީބީގެ އިސް މަސްއޫލުވެރިންނާއި، އެ ކުންފުންޏާ ގުޅުން ހުރި އިސް ބައެއް ފަރާތްތަކުން ވަނީ 2009 ވަނަ އަހަރާއި 2014 ވަނަ އަހަރާ ދެމެދު ކުންފުނީގެ ފައިސާގެ ތެރެއިން 4.5 ބިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވެފައެވެ.

މެލޭޝިޔަން އެންޓި ކޮރަޕްޝަން ކޮމިޝަން (އެމްއޭސީސީ) ގެ ޑެޕިއުޓީ ކޮމިޝަނާ އާޒަމް ބާކީ ވިދާޅުވިގޮތުގައި، އެ ފައިސާގެ ހަގީގީ އަގު މިހާރު ވާނީ މަތިވެފައެވެ.

"އެ އަދަދަކީ ގާތް ގަނޑަކަށް 5 ބިލިއަން އެމެރިކާ ޑޮލަރު ....... (އެ ފައިސާ ހުރީ) ގިނަ ގައުމުތަކެއްގައި." އާޒަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ފައިސާ ހޯދުމަށް ވަކި ޓާސްކްފޯހެއް އެކުލަވާލާނެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ސިންގަޕޫރާއި ސުވިޒަލޭންޑް އިތުރަށް އެހެން 4 ގައުމަކުން ވެސް ދަނީ 1އެމްޑީބީ އާ ގުޅުން ހުރި ޚިޔާނާތާއި ކަޅު ފައިސާ ދޮވުމުގެ މުއާމަލާތްތައް ތަހުގީގުކުރަމުންނެވެ.

1އެމްޑީބީގެ ޚިޔާނާތާއި ދައުލަތުގެ ބައެއް އެހެން އިދާރާތުގެ ޚިޔާނާތާއި ގުޅިގެން ނަޖީބު ރައްޒާގެ މައްޗަށް 42 ދައުވާއެއް އުފުލާފައެވެ. އޭނާ ގެންދަވަނީ ގޯސްކޮށް ކަންކުރައްވާފައިވާކަން ތަކުރާރުކޮށް އިންކާރުކުރައްވަމުންނެވެ.

ތަހުގީގީ އިދާރާތަކުން ބުނާގޮތުގައި 1އެމްޑީބީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން 1 ބިލިއަން އެމެރިކާ ޑޮރަލު ވަދެފައި ވަނީ ނަޖީބު ރައްޒާގުގެ އެކައުންޓުތަކަށެވެ. ޚިޔާނާތު ތުހުމަތުތައް ބޮޑުވެ ރައްޔިތުން ހިތްހަމަނުޖެހުން އިތުރުވުމުގެ ސަބަބުން ފާއިތުވި އަހަރުގެ އާއްމު އިންތިޚާބުގައި ނަޖީބު ރައްޒާގު ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

އެމްއޭސީސީގެ ޗީފް ކޮމިޝަނާ ލަޠީފާ ކޯޔާ ވިދާޅުވި ގޮތުގައި އިއްޔެ (ހުކުރު ދުވަހު) ސަރުކާރުން ވަނީ ނަޖީބުގެ އެކައުންޓަކުން އެކި ފަރާތްތަކަށް ދީފައިވާ 270 މިލިއަން ރިންގިޓް (65 މިލިއަން އެމެރިކާ ޑޮލަރު) ހޯދުމަށް 41 ފަރާތެއްގެ މައްޗަށް ދައުވާ އުފުލާފައެވެ. ލަޠީފާ ވިދާޅުވި ގޮތުގައި އޭގެ ތެރޭގައި ގިނައީ ނަޖީބުގެ ސިޔާސީ ޕާޓީ، ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) އާ ގުޅުން އޮތް މީހުންނާއި، ކުންފުނިތަކެވެ.

މެލޭޝިޔާ ސަރުކާރުން ވަނީ 1އެމްޑީބީ ގެއްލުނު ފައިސާގެ ތެރެއިން މިހާތަނަށް 919 މިލިއަން ރިންގިޓް (221 މިލިއަން އެމެރިކާ ޑޮލަރު) ހޯދާފައެވެ. އޭގެ ތެރޭގައި ޚިޔާނާތުގައި ހިމެނޭ ބައެއް ފަރާތްތަކުން އަމިއްލައަށް އިސްނަގައިގެން އަނބުރާ ދިން ފައިސާވެސް ހިމެނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.