ކޮންމެ ދާއިރާއަކުން ކިޔެވިޔަސް ޤައުމަށް ޚިދުމަތް ކޮށްދެއްވާ: ރައީސް

ދަރިވަރުން ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރި ކަމުގައި ވިޔަސް، ދިވެހި ޤައުމަށް ޚިދުމަތް ކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ 2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައި ދަރިވަރުންނާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ. "ތިޔަ ދަރިވަރުންގެ ކިބައިން އަޅުގަނޑު މިއަދު އެދެނީ، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރި ކަމުގައި ވިޔަސް، ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ، ތިޔައިން ކޮންމެ ކުއްޖެއްގެ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށް. ތިޔައިގެ ތެރެއިން ހަމަ ކޮންމެ ދަރިއަކީ، މި ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއް. އަންނާން އޮތް ޖީލަށް މި ޤައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަ ދަރިވަރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ދެއްވަމުން ގެންދަވާ ސްކޮލަޝިޕްތަކުގެ ޙަޤީޤީ މަޤުޞަދު ޙާޞިލްވެގެން ދާނީ، ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި، ޤައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ދަރިވަރުން ވެގެން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޤައުމީ ތަރައްޤީގައި އެމަނިކުފާނު ގެންގުޅުއްވާ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރެއްވުން ކަމަށެވެ. ޤައުމަށް ކުރިއެރުން ޙާޞިލްކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލު ޖީލެއް ބިނާކުރެއްވުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އަމާޒުކުރެވިފައިވަނީ އެކަންކަމުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ ކުރިން ރައީސްގެ އެވޯރޑް ލިބޭ ދަރިވަރުން ކިޔަވަން ޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ނަމަވެސް މިހާރުވާނީ އެ އުޞޫލު ބަދަލުކުރައްވާފައިކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ދެން ސަރުކާރުން ބަދަލު ގެނައީ ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް. މީގެ ކުރިން ހައި އެޗީވަރސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް އެ ދަރިވަރުންނަށް ކިޔެވޭ ގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މި ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި އޭޝިޔާގެ ކުރިއަރާފައިވާ އެހެން ބައެއް ޤައުމުތައް ކަމަށް ރައީސް ވިދާޅުވިއެވެ. މި ދެ ބަދަލަކީ ވެސް ޒުވާން ޖީލު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.