ބްރޯޑްކޮމްގެ އެއްވެސް މެމްބަރަކު ގޮނޑި ސަލާމާތްވާނެ ކަމަށް ހީކުރެއްވުމަކީ ކުށް ހީ އެއް: މެމްބަރު ވިޝާމް

ބްރޯޑްކޮމްގައި މިވަގުތު ތިއްބެވި 7 މެމްބަރުންގެ ތެރެއިން 6 މެމްބަރުން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އެއްވެސް މެމްބަރަކު ގޮނޑި ސަލާމަތްވާނެ ކަމަށް ހީކުރެއްވުމަކީ ކުށްހީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުޙަންމަދު ވިޝާމް ވިދާޅުވެއްޖެއެވެ.

ކުރިން ރާއްޖެޓީވީގެ ނޫސްވެރިޔަކަށްވެސް އުޅުއްވި ވިޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ބްރޯޑްކޮމްގެ މެމްބަރުން ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކުން އެ ކޮމިޝަނުގައި ތިއްބަވަން ކުފޫ ހަމަވާ އެއްވެސް މެމްބަރަކު ނެތްކަން ވަރަށް ސާފުކޮށް އެނގިގެން ގޮސްފި ކަމަށެވެ.

"ރީތިގޮތަކީ މަޖިލީހުން އިތުބާރު ނެތް ކަމަށް ފާސްކުރުމުގެ ކުރިން އަމިއްލައަށް އިސްތިއުފާ ދިނުން، އެއްވެސް މެމްބަރަކަށް ގޮނޑި ސަލާމަތް ކުރެވިދާނެ ކަމަށް ހީކުރުމަކީ ކުށްހީއެއް" މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަވާ ވިޝާމް ވިދާޅުވިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ކޮމިޝަނުގެ މެމްބަރުން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައިވެސް ވިޝާމް ވަނީ ކޮމިޝަނުގެ މެމްބަރުން އިސްތިއުފާ ނުދެއްވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ކޮމިޓީގައި ކޮމިޝަނުގެ މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ކޮމިޓީގެ ބަޔެއް މެމްބަރުން ވިދާޅުވީ މުޅީ ކޮމިޝަން އޮތީ ފެއިލްވެފައި ކަމަށާއި މެމްބަރުންގެ ވާހަކަތަކުން ވަރަށްބޮޑަށް ހައިރާންވެއްޖެ ކަމަށެވެ.

އިއްޔެ އޮތް ބައްދަލުވުން ނިންމާލެއްވީ ކޮމިޝަނުގެ ޖަލްސާތަކުގެ ޔައުމިއްޔާފަދަ ތަކެތި ކޮމިޓީއަށް ހުށަހެޅުމަށް އަންގަވަމުންނެވެ. ބައްދަލުވުމުގައި ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ސޮފްވާން ފިޔަވައި ހުރިހާ މެމްބަރުން ވަޑައިގަތެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންގެވުމުގެ މަތިން ރާއްޖެ ޓީވީ ބަންދު ކުރަން ކޮމިޝަނުން އުޅުނުކަމުގެ ވާހަކަތަކެއްވެސް ބައްދަލުވުމުގައި ކޮމިޝަނުގެ މެމްބަރުން ވަނީ ވިދާޅުވެފައެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުން ކޮމިޝަނުގެ މެމްބަރުންނަށް ނުފޫޒު ފޯރުއްވަން އުޅުއްވި ކަމަށްވެސް ބަޔެއް މެމްބަރުން އިއްޔެ ވަނީ ވިދާޅުވެފައެވެ.

ބްރޯޑްކޮމްއަށް ގިނަބަޔެއްގެ ފާޑުކިޔުން އަމާޒުވެފައި ވާއިރު އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް ސޮފްވާން ވަނީ އޮފީހަށް ވަޑައިވެސް ނުގެން 8 މަސް ދުވަސް ވަންދެން މުސާރަ ނަންގަވާފައެވެ. ނައިބު ރައީސްގެ މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 43 ހާސް ރުފިޔާ މިވީ 8 މަސް ތެރޭގައިވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.