ގއ. ކަނޑުހުޅުދުއަށް އަންނަ ފެރީއަކުން އެރަށަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ފިލުމުން އޭނާ ހޯދަން ނުކުމެ އުޅުނު ޑިންގީއެއް ބަންޑުންޖަހާލައިފިއެވެ.
އެ ޑިންގީން ދަތުރުކުރީ ތިން މީހުންނެވެ. އޭގެ ތެރެއިން އެކަކުވަނީ ފަތާފައި ގޮސް މާވާރުލަށް އަރައިފައެވެ. އަނެއް ދެމީހުން ހޯދުމުގެ މަސައްކަތް ފުލުހުންނާއި އާންމުން ގުޅިގެން ކުރަމުން ދަނިކޮށް އެތަނުން އެކަކު ވަނީ އެރަށު ދޯންޏަކަށް އަރައި ސަލާމަތްވެފައެވެ. ތިންވަނަ މީހާވެސް ވަނީ ސަލާމަތްވެފައެވެ. އެހެންނަމަވެސް އޭނާ ސަލާމަތްކުރީ ކޮންބައެއް ކަމެއް ކަށަވަރު ނުވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއާއެކު ކަނޑުވި އަނެއް މީހާ ނެގި ދޯންޏަށް މިމިހާވެސް ފެނުނެވެ. އެކަމަކު އޭނާދޯންޏަށް ނާރައި ފެތީ ދުރަށް ކަމަށް މަޢުލޫމާތު ވަނީ ލިބިފައެވެ. ޑިންގީ ބަންޑުންވީ ކީއްވެ ކަމެއް ވެސް އެނގިފައެއްނުވެއެވެ.
ޑިންގީން ދަތުރުކުރި މީހުން ފެނުނަސް މަސްތުވާތަކެތީގެ މައްސަލާގައި ފިލި މީހާ އަދިވެސް ނުފެނެއެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ދަނީ ކުރަމުނެވެ. އެމީހާ ފިލީ ކަނޑުހުޅުދުއަށް އަންނަ ފެރީއަކުން އޭނާ މަސްތުވާތަކެތި ގެންނަކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިގެން އޭނާ އަތުލައިގަތުމަށް މަސައްކަތް ކުރަމުންދަނިކޮށް އެމަޢުލޫމާތު ކޮންމެވެސް ގޮތަކުން އެމީހާއަށް ލިބިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. މި މައްސަލައާ ގުޅިގެން މީހަކު ބަންދުކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ވެސް ފުލުހުން ވިދާޅެއް ނުވެއެވެ.