ޔޫރަޕިއަން ޔުނިއަން (އީޔޫ) ގާނޫނު ހަދާ މަޖިލީހަށް މެންބަރުން ހޮވުމަށް މި މޭ މަހުގެ 23 އިން 26 އަށް މެންބަރު 28 ގައުމެއްގައި ބޭއްވި އިންތިޚާބު ރޭ ނިމިއްޖެއެވެ.
28 ގައުމުން 751 މެންބަރުން ހޮވުމަށް ވޯޓުލުމުގެ ހައްގު 512 މިލިއަން މީހުންނަށް ލިބިފައި ވެއެވެ. ވޯޓުލުމަށް ނުކުމެފައި ވަނީ މީގެ ތެރޭން %51 މީހުންނެވެ. މިއީ ފާއިތުވި 20 އަހަރަށް ބަލާއިރު އެންމެ މަތީ ނިސްބަތެވެ.
އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ވަޠަނީ ޕާޓީތަކާއި، ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޕާޓީތަކާއި، ކަނާތުފިޔައިގެ ހަރުކަށި ޕާޓީތަކުން ވަނީ ފާހަގަކޮށްލެވޭ ކުރިއެރުން ހޯދާފައެވެ.
މުޅި ޔޫރަޕްގައިވެސް މިހާރު އާއްމު ރައްޔިތުންގެ ތާއީދު ހޯދަމުން އަންނަ ކަނާތުފިޔައިގެ ހަރުކަށި ޕާޓީތަކުން ކުރި ހޯދުމުގެ ސަބަބުން، ޔޫރަޕްގެ މައިގަނޑު ސިޔާސީ ފިކުރުތައް ކަމުގައިވާ މެދު-ކަނާތުފިޔައިގެ ޕާޓީތަކާއި، މެދު-ވާތުފިޔައިގެ ޕާޓީތަކަށް ވަނީ އެ ޕާޓީތަކުން ދަމަހައްޓަމުން އައި އަޣުލަބިއްޔަތު ގެއްލިފައެވެ.
މެދު-ކަނާތުފިޔައިގެ ޕާޓީތައް ހިމެނޭ ޔޫރަޕިއަން ޕީޕަލް ޕާޓީ (އީޕީޕީ) ގްރޫޕުން 179 ގޮނޑި ކާމިޔާބުކުރާނެ ކަމަށް ބެލެވެއެވެ. އީޕީޕީއަކީ 28 މެންބަރު ގައުމުގެ 38 ޕާޓީ ހިމެނޭ ކޯލިޝަނެކެވެ.
ދެވަނަ އަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައި ވަނީ މެދު-ވާތުފިޔައިގެ ޕްރޮގްރެސިވް އެލާޔަންސް އޮފް ސޯޝަލްސް އެންޑް ޑިމޮކްރެޓްސް (އެސް އެންޑް ޑީ) އެވެ. އެއީ 150 ގޮނޑިއެވެ. އެހެންކަމުން، މި ދެ ގްރޫޕަށް މިވަނީ އެ މީހުން ހިފަހައްޓަމުން އައި އަޣުލަބިއްޔަތު ގެއްލިފައެވެ. އަޣުލަބިއްޔަތަށް 371 ގޮނޑި ބޭނުންވެއެވެ. ދެ ގްރޫޕަށް އެކުގައި ލިބިފައި ވަނީ 329 ގޮނޑިއެވެ.
މިފަހަރުގެ އިންތިޚާބުގައި އެންމެ ކުރި ހޯދި ލިބަރަލް ޕާޓީތަކުން 100 ގޮނޑި ކާމިޔާބުކޮށްފައި ވާއިރު، ގްރީންސް (ތިމާވެށި ހިމާޔަތްކުރުމަށް ގޮވާލާ ޕާޓީތައް) ވަނީ 70 ގޮނޑި ހޯދާފައެވެ. އެހެންކަމުން ޔޫރަޕިއަން ޕާލަމެންޓުން ކަންކަން ނިންމުމުގައި މި ދެ ގްރޫޕްގެ އަޑު ގަދަވާނެއެވެ.
ފްރާންސްގެ ރައީސު އިމެނުއެލް މެކްރޯންގެ ރިނެއިސެންސް ޕާޓީ ވަނީ ފްރާންސް ގެ ދެވަނަ ޕާޓީގެ މަގާމަށް ވެއްޓިފައެވެ. ކަނާތުފިޔައިގެ މެރީން ލެ ޕެންގެ ނޭޝަނަލް ރެލީ ވަނީ ޔޫރަޕިއަން ޕާލަމެންޓުގައި ފްރާންސްގެ އެއްވަނަ ޕާޓީއަށް ވެފައެވެ. އެހެންކަމުން، ލެ ޕެން މިހާރު ވަނީ ފްރާންސުގައި އަވަސް އިންތިޚާބެއް ބޭއްވުމަށް ރައީސު މެކްރޯންއަށް ގޮވައިލައްވާފައެވެ.
އިނގިރޭސިވިލާތް ކަނޑައެޅިފައިވާ ތާރީޚުގައި އީޔޫއިން ވަކިވެފައި ނުވާތީ އެގައުމުން ވެސް ވަނީ ވޯޓުލާފައެވެ. ނަތީޖާތައް ދައްކާގޮތުން އިނގިރޭސިވިލާތުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ ޔޫރަޕާ ދެކޮޅު ސިޔާސަތު ގެންގުޅުއްވާ ނައިޖެލް ފަރާޖްގެ ބްރެގްޒިޓް ޕާޓީއެވެ. ދެވަނައިގައި ލޭބާ ޕާޓީ އޮތް އިރު، އެންމެ ދަށް ނަތީޖާއެއް ލިބުނީ ވެރިކަންކުރާ ކޮންޒާވެޓިވް ޕާޓީއަށެވެ.