އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ތާއަބަދު ޝަކުވާ ކުރުންމަތީ ދެމިތިބޭ މީހުންނެވެ. އެއްވެސް ކަމެއް އެފަދަ މީސްމީހުންގެ ހިތްހަމަ ޖެހޭ ގޮތަކަށް ނޯވެއެވެ. ވާރޭ ނުވެހި ގިނަ ދުވަސްވީމާ ހޫނުކަމުގެ ޝަކުވާ ކުރާނެއެވެ. ވާރޭ ވެހެން ފެށީމާ މޫސުން ގޯސް ވީއެވެ. ފެނާ ހެދި އުނދަގޫވާ ކަމުގެ ޝަކުވާ ކުރާނެއެވެ.
ހުދުމާ ހޮޓަލަކީ މަޝްހޫރު ހޮޓަލެކެވެ. ވަކި ބާވަތެއްގެ ހެދިކާ ލިބެން ހުންނާތީ އެތަނަށް ސައި ބޯން ދާ މީހުން ވަރަށް ގިނައެވެ. ސިޔާސީ ޕާޓީއެއްގެ ހަރަކާތްތެރިއެއް ކަމުގައިވާ ފަހުމީއަކީ އެ ހޮޓަލަށް ވަރަށް ގިނައިން ދާ މީހެކެވެ. ހޮޓަލުގެ ވޭޓަރުންނަށް އުނދަގޫ ކުރުމާއި ޝަކުވާ ކުރުމަކީ އޭނާގެ އާދައެކެވެ. އެކަމަކު އެކަކަށްވެސް އޭނާޔާ ދެކޮޅު ހަދާކަށް ނުވަތަ އޭނާޔާ ދިމާއަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ. އެމީހުން ދެކޭ ގޮތުގައި އެއީ ކުޅަނދުރު ހަތައަށް އޮށްގައުލުމެކޭ އެއްވަރުގެ ކަމެކެވެ.
އޭނާ ބައެއް ދުވަސް ދުވަހު ކާ އެއްޗެހީގެ ލޮނު ރަހަ ނުލާ ކަމުގެ ޝަކުވާ ކުރާނެއެވެ. އަނެއްބައި ދުވަސްދުވަހު ކުރާނީ ލޮނު ގަދަ ކަމުގެ ޝަކުވާއެވެ. އެއް ދުވަހު ސައި ހޫނު ވެދާނެއެވެ. އަނެއް ދުވަހު ހިހޫވެދާނެއެވެ.
އެއް ދުވަހަކު ހަވީރު އޭނާގެ ރައްޓެހި ބަޔަކު ގޮވައިގެން ފަހުމީ ހުދުމާ ހޮޓަލަށް ސައިބޯން އަތުވެއްޖެއެވެ. މޭޒު ދޮށުގައި އިށީނދެ ވޭޓަރަށް ގޮވައި ގެނެސްގެން ސަޔަށް އޯޑަރު ކޮށްފިއެވެ. އޯޑަރު ކުރުމުގެ ތެރޭގައިވެސް ވޭޓަރު ހުއްޓިގެން ހުރި ގޮތް ކަމު ނުގޮސްގެން ވާހަކަ ދައްކައިފިއެވެ.
ސައި ގެނެސް ބެހެއްޓުމާއެކު ބުނެފިއެވެ. "މާ ބޮޑަށް ފިނި ވަނީއެވެ. އޭސީގެ ފިނި މަޑު ކޮށްލާށެވެ."
ވޭޓަރު ލައްބައޭ ބުނެފައި ހިނގައްޖެއެވެ.
އިރުކޮޅަކު ރައްޓެހިންނާ ވާހަކަ ދައްކާން އިނދެފައި ވޭޓަރަށް ގޮވައި، ގެނެސްފިއެވެ.
"ވަރަށް ބޮޑަށް ހޫނު ވާން ފަށައިފިއެވެ. އޭސީގެ ފިނި މަޑު ކޮށްލާށެވެ."
ފަހުމީގެ މި ސަކަރާތްގަނޑު ބަލަން ތިބި އެހެން މީހުންގެ މޫނުމަތީން ކުޑަކޮށް ނުރުހުމުގެ އަސަރު ފެނެއެވެ. އެކަމަކު އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.
އިރުކޮޅެއް ކޮށްފައި އަނެއްކާވެސް ވޭޓަރަށް ގޮވައި، ގެނެސްފައި ބުންޏެވެ. "ފިނިވާން ފަށައިފިއެވެ. އޭސީގެ ފިނި މަޑު ކޮށްލާށެވެ."
ވޭޓަރު ހިނގައިގަތްތަނާ އެހެން މީހަކު އޭނާއަށް ގޮވައިފިއެވެ. އެ މޭޒު ދޮށަށް ގޮސް ހުއްޓުނީމާ އެމީހާ ވައި އަޑުން ކަހަލަ ގޮތަކަށް ވާހަކަ ދައްކާން ފަށައިފިއެވެ. ފަހުމީއަށް އަޑު އިވިދާނެތީ އޭނާވެސް ޖެހިލުން ވީއެވެ.
"އަހަރެން މިތަނަށް މި އައީ އަލަށެވެ. އެހެން ހޮޓަލަކުންވެސް މިކަހަލަ ކަމެއް ނުދެކެމެވެ. ކަލޭމެން އޭނާ ބުނާހައި ގޮތެއް ހަދައިގެން ހިމޭނުން ތިބެނީ ކީއްކުރަން ހެއްޔެވެ؟ ފުލުހުންނަށް ގުޅާށެވެ."
ވޭޓަރުވެސް މަޑުމަޑުން ބުންޏެވެ. "އަޅާ ނުލާށެވެ. އޭނާ އެ ހަދާ އެއްޗެއް ހަދަހަދައި ހުރެދާނެއެވެ. މި ހޮޓަލަކު އޭސީއެއް ނުވެސް ހުރެއެވެ!"