ކުޑަކުދިންލައްވާ ރޯދަހިއްޕުވަން ފަށާނީ ކޮންއިރަކު؟  

ބުއްދިސަލާމަތުންހުރި ބާލިޣު ކޮންމެމުސްލިމެއްގެ މައްޗަށް ރަމަޟާންމަހުގައި ރޯދަހިފުމަކީ  ވާޖިބުވެގެންވާ ކަމެކެވެ.  އެހެންކަމުން ބާލިޣުނުވާ ކުޑަކުދިންގެ މައްޗަށް ރޯދަހިފުމަކީ ވާޖިބުކަމެއްނޫނެވެ.

ކީރިތިރަސޫލާ ބަޔާންކުރައްވާފައިވގޮތުގައި  ތިންބައެއްގެ މައްޗަށް ދީނީއެއްވެސް ތަކްލީފެއް ނޯންނާނެއެވެ. އޭގެތެރޭގައި ހިމެނޭ އެއްބަޔަކީ ކުޑަކުދިންނެވެ. އެކުދިންގެ މައްޗަށް  ދީނީކަންތައްތައް ވާޖިބުވާނީ  އެކުދިންބާލިޣުވުމުންނެވެ. ނުވަތަބޮޑުވުމުންނެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. رُفِعَ الْقَلَمُ عَنْ ثَلاَثٍ عَنِ النَّائِمِ حَتَّى يَسْتَيْقِظَ ، وَعَنِ الصَّبِىِّ حَتَّى يَحْتَلِمَ ، وَعَنِ الْمَجْنُونِ حَتَّى يُفِيقَ - رواه أبو داود والبيهقى والنسائى والحاكم وأحمد وابن خزيمة -  މާނައަކީ: "ތިންމީހެއްގެ ކިބައިން މާފު ކުރެއްވިގެންވެއެވެ. ނިދާފައި އޮތްމީހާ ހޭލައްޖައުމަށްދާންދެނާއި ، ކުޑަކުއްޖާ ބާލިޣު ވެއްޖައުމަށްދާންދެނާއި، މޮޔަމީހާ ހޭއަރައްޖައުމަށް ދާންދެނެވެ." ޖުމްހޫރުޢިލްމުވެރިން ވިދާޅުވާގޮތުގައި ކުޑަކުއްޖާ ބާލިޣުވާ ޢުމުރަކީ ހަނދުމަހުން ފަނަރައަހަރުވުމެވެ.  

ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވިއެވެ. "ކުޑަކުއްޖާއަށް ތިންދުވަހު ވިދިވިދިގެން ރޯދަހިފިއްޖެ ނަމަ މުޅި ރަމަޟާންމަހުގައި  ރޯދަހިފުން އެކުއްޖާގެ މައްޗަށް ވާޖިބުވެއްޖެއެވެ."

އިސްލާންދީން މައިންބަފައިންނަށް ގޮވައިލަނީ ކުޑައިރުއްސުރެ ދަރީންނަށް ދީނީ ފަރްޟުތައް އަދާކުރުމަށް ފަރިތަކޮށްދިނުމަށެވެ. ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ. مُرُوا أَوْلاَدَكُمْ بِالصَّلاَةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرِ سِنِينَ وَفَرِّقُوا بَيْنَهُمْ فِى الْمَضَاجِعِ [1] – ތިޔަބައިމީހުންގެ ދަރީންނަށް  ހަތްއަހަރު ފުރުމުން އެކުދީންނަށް ނަމާދު ކުރުމަށް، ތިޔަބައިމީހުން އަމުރުކުރާށެވެ! އަދި އެކުދީންނަށް  ދިހަ އަހަރުވުމުން އެކުދީންނަށް އަދަބުދީގެން ވެސް ނަމާދު ކުރުވާށެވެ! އަދި އެކުދީން ތަންމަތީގައި ވަކިކުރާށެވެ! )

މިއީ މާތްﷲ ފަރްޟުކުރައްވާފައިވާ ކަންތައްތައް ކުޑަކުދީންލައްވައި ކުރުވުމުގައި މައިންބަފައިން ތަބާވާންވީ އުޞޫލެވެ. މި ބަސްފުޅުގައި ނަމާދުގެ ވާހަކަ އޮތް ނަމަވެސް،މިއީ  އެކަމުގެ މައްޗަށް ޤިޔާސްކުރެވިދާނެ ބަސްފުޅެކެވެ.

އެހެންކަމުން، ތަންދޮރު ވަކިކުރަން އެނގޭހިސާބަށް ކުޑަކުއްޖާ ބޮޑުވާއިރަށް  ރޯދަހިފުމަށް  ކުޑަކުއްޖާއަށް ތަމްރީނުދިނުމަކީ  މުސްތަޙައްބުކަމެކެވެ. އައްރުބަޢިއްޔު ބިން މުޢައްވަޛު ބުނު ޢަފްރާ ގެ އަރިހުން ރިވާވެގެންވެއެވެ. މަދީނާގެ ވަށައިގެން އޮންނަ  އަންޞާރުންގެ ރަށްތަކަށް، ޢާޝޫރާ ދުވަހު ހެނދުނު ރަސޫލުﷲގެފާނު މީހުން ފޮނުއްވާ  ރޯދަ ނުހިފާމީހުންނަށް ރޯދަ ފުރިހަމަކުރުމަށާއި ރޯދައަށް ތިބިމީހުންނަށް  ރޯދަހިފުމަށް އެންގެވިއެވެ. އޭނާ ވިދާޅުވިއެވެ. އެދުވަހު އަހުރެމެން ރޯދަ ހިފީމެވެ. އަދި އަހުރެމެން ކުޑަކުދިން  ރޯދައަށް ބައިތިއްބީމެވެ. އަހުރެމެން މިސްކިތަށް  ދަނީ އެކުދިންނަށް ކެހެރިން ކުޅޭއެއްޗެހި ހަދާދީފައެވެ. ކާންބޭނުންވެގެން  އެކުދިން ރޮއިފިނަމަ  އެކުދިން މަސަލަސްކުރުމަށްޓަކައި މި ކުޅޭއެއްޗެހި ރޯދަވީއްލާއިރު ދޭނަމޭ ބުނަމެވެ. [2]

ކީރިތި ރަސޫލާގެ ޞަޙާބިއްޔާތުން ވިދާޅުވިއެވެ. "އަހުރެން ރޯދަ ހިފީމުއެވެ. އަދި އަހުރެމެންގެ ދަރީން ލައްވާ ރޯދަހިއްޕުވީމެވެ، އަދި ކިއެއްހެއްޔެވެ! އަހުރެމެން ކުޑަ ކުއްޖާއަށް ގާތުން ކިރުދޭ ވަގުތުތައް ވެސް ދުރުކުރީމެއެވެ." މި ބަސްފުޅުގެ މާނައަކީ ރަމަޟާންނޫން މަސްމަހުގައި ދެ ގަނޑިން ދެ ގަނޑިން ގާތުން ދެއްވާނަމަ ރަމަޟާން މަހުގައިހަގަޑިންހަގަޑިން ދެއްވާ ވާހަކައެވެ. މި ބަސްފުޅުތަކުން ދޭހަވާގޮތުގައި ކުޑަކުއްޖާ ލައްވާ ގަދަކަމުން ރޯދަހިއްޕުވައިގެން ނުވާނެއެވެ. އެކުދީން ތަމްރީނު ކުރަންވާނީ މަޑުމަޑުންނެވެ. މިކަމުގައި މައިންބަފައިންނާއި ގޭގައިއުޅޭ އެންމެންގެ ފަރާތުން އެކުއްޖާ އަށް ނަމޫނާ ފެންނަން ޖެހޭނެއެވެ. ގޭތެރެއިން އެކުއްޖާއަށް ރަމަޟީ ވެށްޓެއް ފެންނަންޖެހޭނެއެވެ. ކުޑަކުދިން ތަމްރީނު ކުރެވޭނީ ނަމޫނާއިންނެވެ. ދަނޑިބުރިއަކުން ނޫނެވެ.

  


[1]  - رواه أبو داود

[2] - رواه البخارى

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.