އެމެރިކާއިން ހުވާވޭ ބްލެކްލިސްޓުކުރުމާ ގުޅިގެން ގޫގުލްއިން އެ ކުންފުންޏާ މުއާމަލާތްކުރުން ހުއްޓާލައިފި

އެމެރިކާގެ ރައީސު ޓްރަމްޕްގެ ސަރުކާރުން ޗައިނާގެ ބިޔަ މުވާސަލާތީ ކުންފުނި ބްލެކްލިސްޓުކުރުމާ ގުޅިގެން، ޓެކްނޮލޮޖީގެ އެންމެ ބޮޑު އެއް ކުންފުނި އަލްފަބެޓް އިންކް. ގެ ގޫގުލްއިން ހުވާވޭއެކު ކުރަމުން އައި ވިޔަފާރީގެ ހުރިހާ މުއާމަލާތެއް ހުއްޓާލައިފިއެވެ. މިކަން ވެގެން ދާނީ ހުވާވޭއަށް ކުރިމަތިވާ ވަރަށް ބޮޑު ގެއްލުމަކަށެވެ.

ގޫގުލް މި ފިޔަވަޅުގެ ސަބަބުން އެ ކުންފުނީގެ ހާޑްވެޔާ ހުވާވޭއަށް ނުވިއްކާނެއެވެ. އަދި ސޮފްޓްވެޔާ ލައިސަންސް ދޫނުކުރާނެއެވެ.

"މި ކުންފުނިން މިދަނީ (ޓްރަމްޕްގެ ސަރުކާރުން ނެރުނު) އަމުރަށް ބޯލަނބަމުން. އަދި އެކަމުން ކުރާނެ އަސަރު މުރާޖައާކުރަމުން." ގޫގުލްގެ ތަރުޖަމާނު ބުންޏެވެ.

މި ފިޔަވަޅުގެ ސަބަބުން ޗައިނާއިން ބޭރުގައި ހުވާވޭއިން ކުރާ މޯބައިލް ފޯނުގެ ވިޔަފާރިއަށް ބޮޑު އަސަރެއް ކުރާނެއެވެ. ސަބަބަކީ ހުވާވޭގެ ފޯނުތަކުގައި ބޭނުންކުރަނީ ގޫގުލްގެ އެންޑްރޮއިޑް އެޕްލިކޭޝަން ކަމަށްވާއިރު، އޭގެ ސޮފްޓްވެޔާ އަޕްޑޭޓް ދެން ހުވާވޭ ފޯނުތަކަށް ނުލިބޭނެއެވެ.

ހުވާވޭއިން ދެން ނެރޭ ފޯނުތަކަށްވެސް ގޫގްލްގެ ޕްލޭސްޓޯރާއި، ގީމޭލާއި، ޔޫޓިއުބުގެ ޚިދުމަތް ނުލިބޭނެއެވެ.

"ހުވާވޭއަށް ދެން ބޭނުންކުރެވޭނީ އެންޑްރޮއިޑްގެ އާއްމު ވާޝަން އެކަނި. ގޫގުލްގެ ޚާއްސަ ހުއްދައާއެކު ބޭނުންކުރަން ޖެހޭ އެއްވެސް އެޕެއް ނުވަތަ ޚިދުމަތެއް ބޭނުންނުކުރެވޭނެ." ގޫގުލްގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ހުވާވޭއިން ބުނިގޮތުގައި އެކުންފުނިން ދަނީ އެމެރިކާ ސަރުކާރުން އެޅި ފިޔަވަޅުން ކުރާނެ އަސަރުތައް ދިރާސާކުރަމުންނެވެ.

ފާއިތުވި ބުރާސްފަތި ދުވަހު ރައީސު ޓްރަމްޕް ވަނީ އެމެރިކާގައި ބްލެކްލިސްޓް ކުރެވިފައިވާ ކުންފުނިތަކުގެ ލިސްޓަށް ހުވާވޭ ޓެކްނޮލޮޖީސް ކޮމްޕެނީ ލިމިޓެޑް އިތުރުކޮށްފައެވެ. އެހެންކަމުން، އެ ކުންފުންޏާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކުންފުނިތަކާ ދެކޮޅަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސްއިން ފިޔަވަޅު އަޅާނެއެވެ.

ހުވާވޭ ކުންފުނިން ބުނީ މިފަދަ ކަމަކާ ކުރިމަތިލާން ޖެހިދާނެތީ ފާއިތުވި ފަސްއަހަރު އެކުންފުނިން ވަނީ އެންޑްރޮއިޑާ ވާދަކުރާނެ ސޮފްޓްވެއާއެއް ހެދުމުގެ މަސައްކަތްކޮށްފައެވެ. އަދި އެކަމުގައި ކުރިއެރުންތަކެއް ހޯދައި، ޗައިނާގެ ބާޒާރަށް ނެރޭ ބައެއް ފޯނުތަކުގައި މިހާރު އެ ސޮފްޓްވެޔާ ބޭނުންކުރަމުން އެބަދެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.